ތ. ގުރައިދޫ އެއާޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ކޮންސްޓަކްޝަން މިނިސްޓްރީގައި ރޭ ބެއްވި ހަފުލާއެއްގައި މިނިސްޓްރީގެ ފަރާތުން މި މަޝްރޫގެ ލިޔުމުގައި، ސޮއިކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް އިބްރާހީމް ތައާމް މުހައްމަދު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި އެމްޑީ ޑީސީޕީ (ރިޓަޔަޑް) އަހުމަދު ސައުދީ އެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓްރީ އާއި އެމްޓީސީސީގެ އިސްވެރީންނާއެކު ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ގުރައިދޫ އެއާޕޯޓު މަޝްރޫއު މި އަހަރުގެ ތެރޭގައި ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކާމިޔާބީ އަށް ފަހު، ރާއްޖޭގެ ރަށަކަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި މި އަހަރުގެ ފެބްރުއަރީ 6 ވަނަ ދުވަހުގައެވެ.

އެ ރަށަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ސަރުކާރުގެ މުހިންމު މަޝްރޫއުތައް ބަޖެޓުން އުނިކޮށްފައިވާ ކަމަށާއި އެގޮތުން ފުށިދިއްގަރުފަޅަކީ އެއިން އެއް މަޝްރޫއު ކަމަށެވެ.

"ބަޖެޓުން އުނިކުރިޔަސް ގާނޫނީ އިމުގެ ތެރެއިން ކުރެވޭނެ ގޮތްގޮތް ހުންނާނެ ކަން އިރާދަކުރެއްވިއްޔާ އެ މަޝްރޫއުން (ފުށިދިއްގަރުފަޅު މަޝްރޫއު) އިން ވެސް ފެނިގެން ދިޔަ. އެ މަޝްރޫއު އަޅުގަނޑުމެން ވާނީ ފަށާފައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ގުރައިދޫގައި އެއާޕޯޓެއް ހެދުމަކީ އެ ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އުންމީދު ކަމަށާއި އެ ރަށުގެ އެއާޕޯޓު ހެދުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފައްޓަވާނެ ކަމަށެވެ.

"ގާނޫނީ އިމުގެ ތެރެއިން ކަން ކުރެވޭނެ ގޮތް ހޯދޭނެ، އިރާދަކުރެއްވިއްޔާ މި އަހަރު މަސައްކަތް ފަށާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ގުރައިދޫއަށް ބޭނުންވާ އެހެން ކަންކަންވެސް އެބަހުރި ކަމަށާއި ނަމަވެސް ތަރުތީބަކާއެކު އެ ރަށަށް ބޭނުންވާ ހުރިހާ ކަމެއްވެސް ފުއްދަވައިދެއްވާނެ ކަމަށެވެ.