ދުނިޔޭ ކެރަމްގެ މައި އިދާރާ، އިންޓަނޭޝަނަލް ކެރަމް ފެޑަރޭޝަންގެ ނައިބު ރައީސްގެ މަގާމަށް ރާއްޖޭ ކެރަމް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ރައުޝާން އިންތިހާބުވެ ވަޑައިގެންފިއެވެ.
ރައުޝާން އެ މަގާމަށް އިންތިހާބުވެވަޑައިގަތީ އެމެރިކާގެ ކެލިފޯނިއާގައި މިހާރު ކުރިއަށްދާ ކެރަމް ވޯލްޑް ކަޕްގެ ހަވާސާގައި ކުރިއަށް ގެންދިޔަ އިންޓެނޭޝަނަލް ކެރަމް ފެޑަރޭޝަންގެ އިންތިހާބުގައި ވާދަކުރައްވައިގެންނެވެ. ރައުޝާން އެ މަގާމަށް އިންތިހާބުވެވަޑައިގަތީ ހަތަރު އަހަރުގެ ދައުރަކަށެވެ.
ރައުޝާންއަކީ 2019 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ކެރަމް އެސޯސިއޭޝަން ހިންގެވުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރައްވަމުން ގެންދަވާ އެއް ބޭފުޅާއެވެ. ކުރިން ކެރަމް ކުޅުމުގެ އިތުރުން ކެރަމްގެ އަމްޕަޔަރުކަންވެސް ކުރެއްވި ރައުޝާން އަބަދުވެސް ފާހަގަކުރެވިފައިވަނީ ކެރަމްގެ ބައިނަލްއަގުވާމީ ޖަމިއްޔާތަކާ ގުޅުން ބޮޑު ބޭފުޅެއްގެ ގޮތުގައެވެ.
އެގޮތުން ކެރަމް އެސޯސިއޭޝަނުގައި ހުންނަވައިގެން، މިއަހަރު އޭނާ ވަނީ ރާއްޖޭގައި އޭޝިއާގެ ކެރަމްގެ ބޮޑު މުބާރާތް، އޭޝިއަން ޗެމްޕިއަންޝިޕް ހޯސްޓްކުރުމުގައި މުހިއްމު ދައުރެއް އަދާކުރައްވާފައެވެ. ރާއްޖެ ވެފައި ވަނީ މިދިޔަ 10 އަހަރު ތެރޭގައިވެސް ދެކުނު އޭޝިއާ ގައުމުތަކުގެ ތެރެއިން އެ މުބާރާތް ހޯސްޓް ކުރި ފުރަތަމަ ގައުމަށެވެ.
ކެރަމް
ކެރަމް
ކެރަމް
ކެރަމް