ގިނަ ބަޔަކު އިންތިޒާރުކުރަމުންދިޔަ ޝާހިދު ކަޕޫރުގެ، އަޝްވައްތާމާ ދަ ސާގާ ގެ މަސައްކަތްތަކަށް ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ. ބަޖެޓުގެ މައްސަލަތަކާ

ހެދި، މި ފިލްމުގެ މަސައްކަތް މި ވަގުތު ވަނީ ވަގުތީގޮތުން މަޑުޖައްސާލާފައެވެ.

ބޮލީވުޑް ހަބަރުތައް ބުނާގޮތުން، މި ފިލްމުގައި އަޝްވަތްތާމާ ގެ ރޯލު ކުޅެން ހަމަޖެހިފައިވަނީ ޝާހިދު ކަޕޫރެވެ. ނަމަވެސް، ބަޖެޓުގެ މައްސަލަތަކާއި ލޮޖިސްޓިކަލް ދަތިތަކާ ހުރެ މި މަޝްރޫއު މިހާރު ވަނީ މަޑުޖައްސައިލައިފައެވެ. މާޗު މަހު އިއުލާނުކުރި މި ފިލްމަކީ އެމެޒޯން ޕްރައިމް ވީޑިއޯގެ އެންމެ ބޮޑެތި އިންޑިއަން އުފެއްދުންތަކުގެ ތެރެއިން އެއް އުފެއްދުމަށް ވާނެ ކަމަށް އުއްމީދުކުރެވުނު ފިލްމެކެވެ. މި ފިލްމު ޑައިރެކްޓު ކުރަނީ ސަޗިން ބީ ރަވީ އެވެ.

މި ފިލްމު އުފައްދަނީ ވަޝް ބަގްނާނީ އިސްވެ ހުރެ ހިންގާ ޕޫޖާ އެންޓަޓެއިންމަންޓުން، އެމެޒޯން ސްޓޫޑިއޯސްއާ ގުޅިގެންނެވެ. މި ފިލްމަށް 500 ކްރޯޑް ބަޖެޓު ކޮށްފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

މި ފިލްމަށް ވަނީ އޭގެ ބޮޑު މިންވަރާއި ބޭރު ގައުމުތަކުގައި ޝޫޓުކުރުމުގެ ޕްލޭންތަކާ ހުރެ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައެވެ. ގިނަ ގައުމުތަކެއްގައި ޝޫޓުކުރުން ވިލަރެސް ކުރުމަކީ އުނދަގޫ ކަމަކަށް ވެ، ބަޖެޓުގެ ތެރޭގައި ހިފެހެއްޓުމަކީ މައިގަނޑު ކަންބޮޑުވުމަކަށް ވެސް ވެފައިވެއެވެ. މީގެ އިތުރުން، ޕޫޖާ އެންޓަޓެއިންމަންޓުގެ އިތުރުވަމުންދާ ދަރަންޏަކީވެސް މި ފިލްމުގެ މަސައްކަތް ހުއްޓޭން ޖެހުނު އެއް ސަބަބުކަމަށް ހަބަރުތައް ބުނެއެވެ.

ޝާހިދު ވަނީ މިހާރުވެސް ފިލްމުގައި އޭނާ އަދާކުރާ ރޯލަށް ތައްޔާރުވާން ފަށާފައެވެ.