އިމާމުންނާއި މުދިމުން، އިމާމުވެ ނަމާދުކުރާއިރު ޖިންސާއި ޓީޝާޓު ފަދަ ތަކެތި ލައިގެން ނަމާދުނުކުރެވޭ ގޮތަށް އިމާމުންނާއި މުދިމުންގެ ސުލޫކީ މިންގަނޑު ބަލަހައްޓަންވީ ގޮތުގެ އުސޫލެއް ހަދައިފިއެވެ.

މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަކީ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކާއި ގަވާއިދުތަކާއި އާންމު އިޖުތިމާއީ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރާ ބައެއްކަން ކަށަވަރު ކުރުމަށާއި އިމާމުންނާއި މުދިމުންގެ މަސައްކަތުގެ ދާއިރާގައި އަމަލުކުރާނެ އެއް މިންގަނޑެއް ކަނޑައެޅުމުގެ ބޭނުމުގައި ހަދާފައިވާ އެ އުސޫލުގައި ވަނީ އެ މީހުން ހެދުން ބަހައްޓަންވީ ގޮތާއި ފަރުވާތެރިވާންވީ ކަންކަން ހިމަނައިފައެވެ.

އެގޮތުން އެ އުސޫލުގެ ހަތަރުވަނަ މާއްދާގައި ބުނަނީ އިމާމުންނާއި މުދިމުންގެ ރަސްމީ މަސައްކަތު ވަގުތުގައި ހެދުން އަޅަންވާނީ އިސްލާމީ މުޖުތަމައު ބަލައިގަންނަ އަދި އިމާމުވެ ނަމާދުކުރުމަށް އެކަށީގެންވާ ފަދަ ހެދުމެއްގައި ކަމަށެވެ. އަދި އިމާމުވެ ނަމާދުކުރާއިރު ގަޔަށް ބާރު ހެދުން ލައިގެން ނަމާދުނުކުރުމަށާއި ބަންގި ގޮވުމާއި އިމާމުވެ ނަމާދުކުރާއިރު ބޮލުގައި އެއްޗެއް އެޅުމަށް ފަރުވާތެރިވުމަށް ވެސް އެ އުސޫލުގައި ބުނެފައިވެއެވެ.

އުސޫލުގައި އިމާމުންނާއި މުދިމުންގެ ވާޖިބާއި މަސްއޫލިއްޔަތުތަކާއި އަމިއްލަ ކަންތައްތަކާއި އުޅުން ބަހައްޓަންވީ ގޮތާއި މިސްކިތުގައި ކުރާ އަޅުކަމާ ގުޅުންހުރި ކަންކަމުގައި އަމަލުކުރަންވީ ގޮތާއި މިސްކިތުގައި ހިނގާ ނޭދެވޭ ކަންކަން ހުއްޓުވުމަށް ކުރަންޖެހޭ ކަންތައްތައްވެސް ހިމަނާފައިވެއެވެ.