ޖޯޖިއާގެ އަބްހާޒިއާ ރީޖަންގެ އާންމުން ނިކުމެ ގާނޫނު ހަދާ މަޖިލިސް ހިފައިފިއެވެ.

ޖޯޖިއާގެ އަބްހާޒިއާ ރީޖަންގެ އާންމުން މަގުތަކަށް ނިކުމެ މުޒާހަރާތައް ފަށާފައިވާއިރު އެމީހުން ރުޅި ގަދަވެފައިވަނީ ރަޝިޔާއާއި އަބްހާޒިއާ ދެމެދު އިންވެސްޓްމަންޓް އެގްރީމެންޓެއް ހެދުމަށް ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.

އަބްހާޒިއާގެ ރައީސްގެ އެ ނިންމެވުމާއެކު އެ ގައުމުގެ އިދިކޮޅުން ވަނީ އެއީ ނުރައްކާތެރި އެގްރީމެންޓެއް ކަމަށާއި ރައީސް އިސްތިއުފާ ދެއްވަން ޖެހޭކަމަށް ގޮވާލައި ބޮޑެތި މުޒާހަރާތައް ރާވައިފައެވެ.

މުޒާހަރާ ކުރާ ފަރާތްތަކުން ބޮޑެތި ޓްރަކްތައް ބޭނުންކޮށް އަބްހާޒިއާގެ ގާނޫން ހަދާ މަޖިލީހުގެ ބޭރު ފެންސު ވައްޓާލައި އެތަނުގެ ތެރެއަށް ވަދެގަނެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަބްހާޒިއާގެ އިދިކޮޅު ލީޑަރު ވަނީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ހުރިހާ ބާރެއް މިހާރު އޮތީ މުޒާހަރާ ކުރާ ފަރާތްތަކުގެ އަތްމަތީގައި ކަމަށް ބުނެފައެވެ.

މުޒާހަރާ ކުރާ ފަރާތްތަކުން އަބްހާޒިއާގެ ރައީސް ދިރިއުޅުއްވާ އިމާރާތަށްވެސް ވަދެފައިވާ ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ. އަބްހާޒިއާގެ ގާނޫނު ހަދާ މަޖިލީހާއި ރައީސް ދިރިއުޅުއްވާ އިމާރާތް ހުންނަނީ އެއް ސަރަހައްދެއްގައި ކަމަށް އޮފިޝަލުން ބުނެއެވެ.