ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލޭ ރައްޔިތުންނަށް ގޯތި ދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ "ބިންވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެ ފޭސް ތިނަކުން ދޫކޮށްފައިވާ ގޯތިތައް އޭގެ ހައްގުވެރީންނަށް އަހަރުގެ ޖެނުއަރީގެ ނިޔަލަށް ހަވާލުކޮށް ނިންމާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

އެޗްޑީސީގެ "ޓްރާންސްފޯމިން ޓުމޯރޯ" ގެ ޕްރޮޖެކްޓުތައް އިފްތިތާހު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފަޒުލް ވިދާޅުވީ ހުޅުމާލޭގެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތްތައް މިއަދާ ހަމައަށް މަޑުޖެހިފައިވާކަން ގަބޫލުކުރައްވާ ކަމަށެވެ. ފަޒުލް ވިދާޅުވީ ފޭސް ތިނެއް ހިއްކުމުގައި އެޗްޑީސީއަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް މަސައްކަތް ކުރަނީ އެ ގޮންޖެހުންތަކާއެކު ވެސް ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ނިންމައި ގޯތިތައް ހަވާލުކުރަން ކަމަށް ފަޒުލް ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑު ބިންވެރިޔާ ސްކީމުގެ ފޭސް ތިނެއްގެ ރައްޔިތުންނަށް ގޯތި ލިބިފަ ހުރި ރައްޔިތުންނަށް ދޭން އޮތް ޔަގީން ކަމަކީ ދާދި އަވަހަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ މަސައްކަތް ވެސް އަޅުގަނޑުމެންގެ ފަށާ އަދި މިއަންނަ އަހަރުގެ ޖެނުއަރީގެ ނިޔަލަށް ތިބޭފުޅުންނަށް އެ ހައްގުވާ ގޯތިތައް ދިނުމުގެ މަސައްކަތްތައް އަޅުގަނޑުމެންގެ ސްޓާފުންނާ ގުޅިގެން އެބަ ކުރިއަށް ގެންދަމު" ފަޒުލް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޖެހުނީ ފަޅުން ބިން ހިއްކަން. ވޯޓަ ނެޓްވޯކާއި ކަރަންޓު ނެޓްވޯކް ވިއުގަ ބަދަލު ކުރަން ޖެހުނު. އެކަން ވެސް އަޅުގަނޑުމެން މިދަނީ ކުރަމުން. އެ ތަނުގައި ތި ބޭފުޅުންނަށް ގެ އެޅުމަށް ކުރަން ޖެހޭ މައިގަނޑު މަސައްކަތްތައް އެބަ ކުރަން،"

ފަޒުލް ވިދާޅުވީ ސަރުކާރުން ތައާރަފުކޮށްފައިވާ "ހިޔާވެހި ފައިނޭންސިން ސްކީމް"ގެ ދަށުން ނަގާ ލޯނުގެ އެހީގައި، ބިންވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ގޯތިތަކުގައި އިންވެސްޓަރުންނާ ގުޅިގެން އަގުހެޔޮކޮށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.