ހެއިޓީގެ ވެރިރަށް މަތިން ދަތުރުކުރި ދެ ފްލައިޓަކަށް ބަޑިން ހަމަލާ ދީފިއެވެ.

އެމެރިކާ އަށް ނިސްބަތްވާ ދެ އެއާލައިނެއްގެ ދެ ފްލައިޓަކަށް ހަމަލާ އަމާޒުވެފައިވާއިރު ހެއިޓީގެ ސަރުކާރުން ވަނީ ހުރިހާ ފްލައިޓުތައް ސަސްޕެންޑް ކޮށްފައެވެ.

އޮފިޝަލުން ބުނެފައިވާ ގޮތުގައި އެމެރިކާއަށް ނިސްބަތްވާ ސްޕިރިޓް އެއާލައިންސްގެ ފްލައިޓަށް ހަމަލާ ދިނީ މިދިޔަ ހޯމަ ދުވަހުއެވެ. ސްޕިރިޓް އެއާލައިންސްގެ ފްލައިޓަށް ހަމަލާ ދިނީ ހެއިޓީގެ ވެރިރަށަށް ޖައްސަން ދިޔަ ވަގުތު ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. އަދި އެއާއެކު ފްލައިޓު ޑައިވާޓްކޮށް ޑޮމިނިކަން ރިޕަބްލިކަށް ފްލައިޓު ޖައްސާފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

ސްޕިރިޓް އެއާލައިންސްގެ ފްލައިޓު ބެލިބެލުމުން އެނގިފައިވާ ގޮތުގައި އެ ހަމަލާގައި އެފްލައިޓުގެ އެކި ސަރަހައްދުތަކަށް ވަޒަން އަރާފައެވެ. އަދި އިތުރަށް ބެލުމަށް އެފްލައިޓު އޮޕަރޭޝަނުން ވަކިކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

އެމެރިކާއަށް ނިސްބަތްވާ ޖެޓް ބްލޫއިން ވަނީ އެ އެއާލައިންގެ ފްލައިޓެއް ހެއިޓީން އެެމެރިކާގެ ޖޭއެފްކޭ އެއާޕޯޓަށް ދަތުރުކުރުމަށްފަހު ބެލި ބެލުމުން އެފްލައިޓަށްވެސް ވަޒަން އަރާފައިވާކަމަށް ބުނެފައެވެ.

އެ ހާދިސާތަކާ ގުޅިގެން އެމެރިކާއަށް ނިސްބަތްވާ ސްޕިރިޓްގެ އިތުރުން ޖެޓް ބްލޫ އާއި އެމެރިކަން އެއާލައިންސްގެ ދަތުރުތައް ވަނީ ހެއިޓީއަށް ސަސްޕެންޑްކޮށްފައެވެ.