'ސިންގަމް އަގެއިން' ފިލްމު ނެރުނީއްސުރެ، މި ފިލްމާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަތަކެއް ދެކެވެމުންދެއެވެ. އަޖޭ ދޭވްގަން، ކަރީނާ ކަޕޫރު ޚާން، އަރްޖުން ކަޕޫރު ފަދަ ތަރީން ތަމްސީލުކުރާ މި ފިލްމުގައި ރަންވީރު ސިންގް އަދި އަކްޝޭ ކުމާރު ކުޑަތަންކޮޅަކުން ފެނެއެވެ. އަދި ދީޕިކާ ޕަޑުކޯން ވަނީ ލޭޑީ ސިންގަމްގެ ގޮތުގައި ފިލްމަށް ތައާރަފުކޮށްފައެވެ.

ނަމަވެސް، މިއީ ހަމައެކަނި ކުޑަކުޑަކޮށް ދިގުކޮށްލާފައިވާ ކެމިއޯއެއް ކަމުން ފޭނުންނަށް މާޔޫސްކަން ލިބުނެވެ. އެހެންނަމަވެސް، އުފާވެރި ޚަބަރަކީ، އަންހެން ފުލުހެއްގެ ފިލްމެއް ހަދަން ބޭނުންވާތީ، ރޯހިތު ޝެޓީ މިހާރު ވަނީ ދީޕިކާގެ ކެރެކްޓަރަށް ވަކި ފިލްމެއް ހަދާނެކަން ކަށަވަރުކޮށްދީފައެވެ.

ރޯހިތު ވަނީ އަންހެން ފުލުހެއްގެ ފިލްމެއް ހެދުމުގެ ހިޔާލު އުފެދުނު ގޮތާ ބެހޭ ގޮތުން ވާހަކަދައްކާފައެވެ. "އަހަރެމެން މަޑުކުރީ ރަނގަޅު ސްކްރިޕްޓެއް އަދި ކެރެކްޓަރު ތައާރަފުކުރުމަށް ރަނގަޅު ގޮތެއް ލިބެންދެނެވެ. 2018 އާ ހަމައަށް ވެސް ފުލުހުންގެ ޔުނިވާސްއެއް އަންނާނެ ކަމާމެދު ޔަގީންކަމެއް ނުލިބެއެވެ." ބޮލީވުޑް ނިއުސްއަކަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.

"ވީ ގޮތަކީ އަހަރެމެންމެންނަށް ކޮވިޑްގެ ސަބަބުން ދެ އަހަރު ގެއްލުނީ. ސޫރްޔަވަންޝީ ރިލީޒްކުރަން ހަމަޖެހިފަ އޮތީ 2019 ގެ މާޗް މަހު. ޓްރެއިލާއަށް ވަރަށް ރަނގަޅު ރެސްޕޮންސެއް ލިބިގެން އަހަރެމެން ވަރަށް އުފަލުން ތިބީ، ފިލްމު ވަރަށް ކުރިއަރާނެކަން އެނގުނީމަ. އެކަމަކު ކުއްލިއަކަށް، ފިލްމު ދެ އަހަރު ވަންދެން ހިފެހެއްޓި، އެ ސަބަބާ ހުރެ ހުރިހާ އެއްޗެއް ލަސްވެގެން ދިޔައީ. އަހަރެމެންގެ އަސްލު ތާވަލުގަ، ސިންގަމް އަގެއިން ވެސް ރިލީޒްކުރަން ހަމަޖެހިފަ އޮތީ 2020 ގަ." އޭނާ އިތުރަށް ބުންޏެވެ.

ދީޕިކާގެ ކެރެކްޓަރަށް ފިލްމެއް ހަދާނެކަން ކަށަވަރުކޮށްދެމުން، ރޯހިތު ބުނީ އެ ކަމުގެ ތަފްސީލު މަސައްކަތްތަކެއް އަދިވެސް ހުރީ ކުރިޔަށް ކަމަށާއި އެކަމަކު އެކަން ކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

ސްކްރިޕްޓް ވެސް ލިޔާން ޖެހޭ ކަމަށާއި ނަމަވެސް ސިކުނޑީގައި ކޮންސެޕްޓެއް އެބަ އޮތް ކަމަށް އޭނާބުންޏެވެ.