ކޮވިޑް-19ގެ ނުރައްކަލުން ދުނިޔެ ލޮކްޑައުންކުރި ދުވަސްވަރަކީ، ދިވެހީންގެ ދިރިއުޅުން އެފުށްމިފުށަށް ޖެހުނު ދުވަސްތަކެކެވެ. ގިނަ ބަޔަކު އެ ދުވަސްތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް މީސް މީޑިއާގެ ޒަރިއްޔާއިން އޮންލައިން، ނަފުސާނީ ކްލާސްތައް ބޭއްވިއެވެ.

ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއްގައި މީހުން ތިއްބުމަށް ކައުންސިލަރުންވެސް ވަރަށް ބުރަ މަސައްކަތްތަކެއް ކުރިއެވެ.

ހަމަ އެދުވަސްވަރު ކައުންސެލަރު އަދި ނަފުސާނީ ލެކްޗަރާ، ލީޝް ވިސާމް ވެސް ރައްޔިތުންގެ އިހުސާސްތައް އަމިއްލަ އިހުސާސްތަކެއްގެ ގޮތުގައި ސިފަކޮށްދިނީ މީސް މީޑާއިިންނެވެ. ފޭސް ބުކް އަދި އިންސްޓާގްރާމުން ނެވެ. ހާއްސަކޮށް ލީޝްގެ އެފްބީ ޕޯސްޓްތަކުންނެވެ.

"އޯނިން މައި ތޯޓްސް، އަ ތެރަޕިއުޓިކް ޖާނަލް" އަކީ 2021ގެ ނޮވެމްބަރުގައި ލީޝް ނެރުނު އޭނާގެ ފުރަތަމަ ފޮތެވެ. މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު (7 ނޮވެމްބަރު) ގައި ލީޝްގެ ދެވަނަ ފޮތް "އިކޯސް އޮފް ސަވައިވަލް" ޕޮޔަމް ފޮތް (އިނގިރޭސި ޅެން ފޮތް) ވަނީ ނެރެފައެވެ.

ދެވަނަ ފޮތުގެ އިތުރު މައުލޫމާތު ހިއްސާކުރަމުން "ވަން" އަށް ލީޝް ބުނީ، އަމިއްލަ ފޮތްތަކެއް ނެރެ ޕަބްލިޝް ކުރުމަކީ އަބަދުވެސް ދެކެމުން އަންނަ ހުވަފެނެއް ކަމަށެވެ. އެ ހުވަފެން ހަގީގަތަށް ވެގެން ދިޔައީ އޭނާގެ އަމިއްލަ ހިޔާލާއި އިހުސާސްތަކުން ލިޔެ ޕަބްލިޝް ކުރި، 90 ޕޮޔަމް ހިމެނޭ ދެވަނަ ފޮތެއް ނެރެވުނު ހިސާބުންނެވެ.

ފޮތުގައި ހިމަނާފައި ހުރި ޕޮޔަމް ތަކަކީ އޭނާ، ކޮވިޑް ލޮކްޑައުންތެރޭ އެފްބީ އަދި އިންސްޓާގްރާމުގައި ލިޔެ ޕޯސްޓު ކޮށްފައިވާ ޕޮޔަމް ތަކެވެ.

"ލޮކްޑައުންތެރޭގައި ބޮލަށް އަންނަ ހިޔާލުތައް ލިޔެލަމުންދިޔައީ. އެ ދުވަސްކޮޅު ފޭސްބުކް އަދި އިންސްޓާގްރާމުގައި ބްލޮގް ޕޭޖެއް ހުޅުވައިގެން، ބޮޑަށް ފޭސްބުކް ޕޯސްޓަށް ހުޅުވާލާފައި ލިޔަން ފެށީވެސް. ކުރިޔާލާފައި ލިޔުމުގެ ހިޔާލުގައެއް ނޫން ފެށީ. ލޮކްޑައުން އެއްކޮށް ނިމިގެން ކޮވިޑް ކަންތަކުން އަރައިގަނެގެން ދެތިން އަހަރު ކޮށްފަ ބަލައިލިއިރު ހުރީ 80 އަށްވުރެ ގިނަ ޕޮޔަމް ލިޔެވިފައި." ލީސް ބުންޏެވެ.

އެ ފޮތުގައި ޖުމުލަ ހަތަރު މައުލޫގެ މައްޗަށް ޕޮޔަމް ލިޔެފައި ވެއެވެ. އެއީ ނަފްސާނީ ސިއްހަތު، ލޯބީގެ ޅެން، އެބިއުސިން ޓްރައުމާ އަދި ގްރީފް އެންޑް ރިވާސް އެވެ. އެ ފޮތަކީ ޕޮޔަމް (އިނގިރޭސި ޅެން)ގެ ޒަރިއްޔާއިން އިހުސާސްތަކެއް ގެނެސްދީފައިވާ ފޮތެކެވެ.

"ހަތަރު އޭރިޔާއަކަށް އޮންނާނީ، އެއީ ނަފްސާނީ ސިއްހަތު، އޭގެތެރޭގަ، ޑިޕްރެޝަން، ހާސްވުން މި ކަހަލަ ކަންކަން މިހުންނަނީ. ދެން އޮންނާނީ ލޯބީގެ ޅެންތައް. ލޯބީގެ ޅެންތަކުގައިވެސް ހިތާމަވެރިކަމާއި އުފާވެރިކަމާ، ދެން އެބިއުސިން ޓްރައުމާ. އަނިޔާއިން ސަލާމަތް ވުމަށް، ނުވަތަ އަނިޔާގެ މާހައުލުގައި އުޅެފަ ބޮޑުވާ ބޮޑު މީހަކަށް ވެގެން، އެބިއުސްގެ ސަބަބުން އަންނަ އެކި ކަހަލަ އުނގަދޫތަކާއި ޓްރައުމާ. ދެން ހަތަރު ވަނަ ބަޔަކަށް އޮތީ ގްރީފް އެންޑް ރިވާސް، ގްރީފް އޮންނާނީ ދަރިފުޅު ނިޔާވުން ނުވަތަ ބައިގެން ދިއުން، މިކަހަލަ ކަންކަމާގުޅޭ ޕޮޔަމް" ލީސް ވިދާޅުވިއެވެ.

އެ ފޮތް އިތުރަށް ފުރިހަމަ ކުރުމަށް އެޑިޓިންގެ އެންމެ ބޮޑު އެހީތެރިކަމެއް ދިނީ މިހާރު ޖެންޑާ މިނިސްޓްރީގައި ވަޒީފާ އަދާކުރައްވާ އަޝްފާ ހަމްދީ އެވެ. އަޝްފާއަކީ އޮސްޓްރޭލިޔާ އެވޯޑްސްގެ އެލުމްނައި މެންބަރެއްވެސްމެ އެވެ. އެ ފޮތް އެޑިޓް ކުރީ އޭނާ ޔޫކޭގައި ސްޕެޝަލް ނީޑްސް އިން މާސްޓާސް ހަދަން ހުރި ދުވަސްކޮޅެއްގައި ކަމަށްވެސް ލީޝް ބުންޏެވެ.

"ފުރަތަމަ ޕޮޔަމްތައް އެއްކޮށްލާފަ ފޮނުވީ. އެއީ އަޝްފާއަށް. އަޝްފާ ކޮންމެ ޕޮޔަމެއް ބަލާފަ ކުށް ފިލުވާފަ ރީތިކޮށްލާފަ ނިންމާލާފަ ފޮނުވަނީ، ދެން އިލަސްޓްރޭޓާއަށް މުޅި ފޮތް ފޮނުވާލީ. ފޮނުވާލާފަ، އިލަސްޓްރޭޓާއަށް އެންމެ ކަމުދިޔަ ނުވަތަ އިލަސްޓްރޭޓާއަށް އެންމެ މާނަ ފުން ޕޮޔަމްތަކެއް އިލަސްޓްރޭޓް ކޮށްފަ ހުންނާނީ. ކޮންމެ ޕޮޔަމަކު އިލުސްޓްރޭޝަނެއް ނުހުންނާނެ. ކަވާ ލައިގެން 30 އިލަސްޓްރޭޝަން ހުންނާނެ." ލީޝް ބުންޏެވެ.

250 ރުފިޔާއަށް ވިއްކާ އެ ފޮތުގައި 90 ޕޮޔަމް އަދި 30 އިލަސްޓްރޭޝަން ހިމެނެ އެވެ.

"ހަދިޔާއަކަށް ދޭންވެސް ވަރަށް ރަނގަޅު ފޮތެއް، ކިޔާލަންވެސް ވަރަށް ރަނގަޅު ފޮތެއް. ކުރެހުންތައްވެސް ރީތިވާނެ. އެހެންވީމަ ކުރެހުންތަކަށް އިންޓްރެސްޓް ހުންނަ ފަރާތްތަކަށްވެސް ރަނގަޅު ފޮތެއް. ފޮތާއެކީ އިށީންދެލައިގެން އެއާއެކު އިހުސާސްތަކުގެ ވާހަކަ ދައްކާލަންވެސް ރަނގަޅު." ލީސް ވިދާލުވިއެވެ.

ލިީޝް އަދާކޮށްފައިވާ ވަޒީފާތަކުގެ ތެރޭގައި، ތެރޭގައި ފެމިލީ ކޯޓުގެ ކައުންސެލަރު، ވުމަން ސެންޓާގެ މެނޭޖިންގް ޑިރެކްޓަރު/ފައުންޑަރު، އަދި މިވަގު ހުރީ ހެލްތު އެންޑް ވެލް ބިއިިންގެ ފައުންޑަރުގެ މަގާމުގައެވެ.

ޕާޓް ޓައިމް މަސައްކަތްތަކުގެ ތެރޭގައި، މޯލްޑިވްސް ނަޝަނަލް ޔުނިވަސިޓީ، މެޕްސް ކޮލެޖު، ވިލާ ކޮލެޖު އަދި ކްލިކް ކޮލެޖު ލެކްޗަރާކަން ވެސް ކުރެއެވެ.

ލީޝްގެ ކުރިމަގު އުޖާލާކޮށް، އެންމެ ބޮޑު އެހީތެރިކަމެއް ދެނީ އާއިލާ އަދި ގާތް ރަހުމަތްތެރީންނާއި ތިން ކުދީންގެ އިތުރުން ފިރިމީހާއެވެ. އޭނާ މިހާރު ކުރަމުން އަންނަނީ ދިހަ އަހަރުން މަތީގެ ކުދީންނަށް ތައްޔާރުކުރާ، ކުޑަކުދީންގެ ފެންޓަސީ ޅެން ފޮތެއްގެ މަސައްކަތެވެ.