"ކަލްކީ 2898 އޭޑީ" ގެ ކާމިޔާބީއާ ގުޅިގެން، ޑައިރެކްޓަރު ނާގް އަޝްވިން މިހާރު އަންހެނުން މައިގަނޑު ދައުރެއް އަދާކުރާ ބޮޑު މަޝްރޫއެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް އަންނަނީ ބުނަމުންނެވެ.

ފިލްމުގެ ލީޑުން ބަތަލާ ކަމަށް އާލިއާ ބަޓް ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިޑް-ޑޭގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، އާލިއާއަކީ މި ރޯލަށް އެންމެ އެކަށީގެންވާ ބަތަލާއެވެ. އަދި އެސްއެސް ރާޖަމައުލީގެ "އާރްއާރްއާރް" އަށްފަހު އަނެއްކާވެސް އިންޑިއާގެ ހުރިހާ ސަރަހައްދެއްގައި ދައްކާ ބޮޑު ބަޖެޓެއްގެ ފިލްމެއްގައި ބައިވެރިވުމަށް އޭނާ ތައްޔާރުވަމުން އަންނަ ކަމަށްވެސް ބޮލީވުޑް ހަބަރުތައް ބުނެއެވެ.

ޕްރޮޑަކްޝަނާ ގާތް މަސްދަރަކާ ހަވާލާދީ ބޮލީވުޑް ހަބަރުތައް ބުނާގޮތުގައި، އަޝްވިންއާއި އާލިއާއާ ދެމީހުންވެސް ތިބީ މި ޕްރޮޖެކްޓަށް ވަރަށް ބޮޑަށް ޝައުގުވެރިވެފައިވެއެވެ. ވާހަކައިގެ ތަފްސީލުތައް އަދިވެސް ސިއްރުކޮށްފައިވާއިރު، ވަރުގަދަ އަންހެން ކެރެކްޓަރުތައް ކުޅުމަށް މަޝްހޫރު އާލިއާއަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ރޯލެއް ކަމަށް މި ފިލްމުގައި ހިމެނޭނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ވަރުގަދަ އަންހެން ލީޑް ކެރެކްޓަރެއްގެ މައްޗަށް ބިނާކޮށްފައިވާ މި ސްކްރިޕްޓަށް އިހުސާސްތަކުގެ ފުންމިނާއި ގަދަފަދަކަން ބޭނުންވާ ކަމަށާއި، މިހާރުގެ މާހައުލެއްގައި ކެތްތެރިކަމާއި ބާރުވެރިކަމުގެ ތީމްތައް އެޑްރެސްކުރާނެ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.

މި ފިލްމަށް އަދި ނަމެއްވެސް ދީފައި ނުވާއިރު، މި މަޝްރޫއު ޕްރޮޑިއުސް ކުރަނީ ހައިދަރްއާބާދުގެ ޕްރޮޑަކްޝަން ހައުސެއް ކަމަށްވާ ވިޖަޔަންތީ ފިލްމްސްއިންނެވެ. މި ފިލްމުގެ މަސައްކަތް ފެށޭނެކަމަށް ލަފާކޮށްފައިވަނީ އަންނަ އަހަރުގެ މެދުތެރޭގައެވެ.

އާލިއާ މިހާރު އަންނަނީ ޝަރްވައި ވާގްއާއެކު "އަލްފާ" ގެ ޝޫޓިންކުރުމުގައެވެ. މިއީ ވައިއާރްއެފްގެ ޖާސޫސީ ދުނިޔޭގައި ހިމެނޭ "ޕަތާން"، "ވޯ" އަދި "އެކް ތާ ޓައިގާ" ފަދަ ފިލްމުތަކުގެ ތެރެއިން އަންހެނުން މައިގަނޑު ދައުރެއް އަދާކުރާ ފުރަތަމަ ފިލްމެވެ. ތަފްސީލުތަކަށް ސަމާލުކަންދިނުމާއި އުފެއްދުންތެރި ވިސްނުމަށް މަޝްހޫރު ނާގް އަޝްވިންއާއެކު މަސައްކަތްކުރުމަކީ އާލިއާގެ ކެރިއަރުގައި ކުރިއަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް ބޮލީވުޑްގެ ދިރާސާވެރީން އަންނަނީ ބުނަމުންނެވެ.