ފުވައްމުލަކު ސިޓީން މިއަދު ގެއްލިގެން ހޯދަމުންދިޔަ އެ ރަށުގެ މިސްކިތްމަގު، މާކޯނި، އިޒްޔާން ހުޝާމް މުހައްމަދު، (4އ) ފުލެޓެއްގެ ތެރެއިގައި ތަޅުލެވި ބަންދުވީ ކުޅޭ އެއްޗެހިތަކެއް ފެނިގެން އެ ފުލެޓު ތެރެއަށް ވަދެ ހުއްޓާ، ފުލެޓުގެ ވެރިފަރާތަށް އިޒްޔާން ހުރިކަން ނޭނގި ފުލެޓު ތަޅުލެވުމުގެ ސަބަބުންކަން އެނގިއްޖެއެވެ.

އިޒްޔާން ގެއްލިގެން ހޯދަން ފަށާފައިވަނީ މިއަދު ހަވީރު 4:45 އެހާކަންހާއިރުން ފެށިގެންނެވެ. އެ ރަށުގެ ގިނަ ބަޔަކު ވަނީ އިޒްޔާން ހޯދުމުގެ މަސައްކަތުގައި ބައިވެރިވެފައެވެ.

ފުވައްމަލަކުން "ވަން" އަށް މައުލޫމާތު ދިން މީހަކު ބުނީ އިޒްޔާން ގެއްލިފައިވަނީ އެ ސިޓީގެ ދިގުވާނޑު އަވަށުގައި އޮންނަ ކުރިކެޓް ސްޓޭޑިއަމަށް ކުޅެން ގޮސް ހުއްޓައި ކަމަށެވެ. އެއީ އެވަށު ގިނަ ކުދީން އަދި ބޮޑެތި މީހުން ވެސް ހަވީރުގެ ވަގުތުގައި ފިނިކޮށްލުމަށް ކުދީންނާއި އާއިލާއެކު ދާ ސަރަހަދެކެވެ. ކުރިކެޓް ސްޓޭޑިއަމަކީ ދިގުވާނޑު ފުލެޓުތައް ކައިރީގައި އޮންނަ ތަނެކެވެ. އިޒްޔާން ވެސް ދިރިއުޅެނީ އެ ފުލެޓް ބަރީގައި ހުންނަ ފުލެޓެއްގައެވެ. އެ ފުލެޓް ބަރީން، ކުރިކެޓް ސްޓޭޑިއަމަށް ދިއުމަށް ނަގާނީ ކުޑަ ވަގުތުކޮޅެކެވެ.

އިޒްޔާން ފެނިފައިވަނީ އެ ފުލެޓް ބަރީގެ ފުލެޓެއްގައި ތަޅުލެވިފައި ހުއްޓައެވެ.

"އިޒްޔާން ކުޅެން ހުރެފަ މިދަނީ ފުލެޓް ބަރިއާ ދިމާއަށް. ދިޔައިރު ކުއްޖާއަށް މި ފެންނަނީ ފުލެޓެއްގެ ތެރެއިން ކުޅޭ އެއްޗެހިތަކެއް. އެއިރު އެ ފުލެޓުގެ ވެރިމީހާ ވަނީ ފުލެޓް ހުޅުވާފަ، ފުލެޓާ މާދުރު ނޫސް ހިސާބަކަށް ގޮސްފަ. ދެން އިޒްޔާން އެ ފުލެޓުން ކުޅޭ ތަކެތި ފެނިގެން ވަދެ ހުއްޓާ، އެ މީހާ އައިސް، އެތެރެ ނުބަލައި ފުލެޓް ތަޅުލީ." ފުވައްމުލަކުން ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.

އިޒްޔާން ހޯދުމުގެ މަސައްކަތް ގިނަ ބަޔަކު ނުކުމެ ވަނީ ކޮށްފައެވެ.

"ހޯދަމުން ދަނިކޮށް މި އިވެނީ ކުއްޖަކު ރޯ އަޑު. ދެން އެންމެންނަށް އެނގިއްޖެ އެއީ އިޒްޔާންކަން. ދެން ހަމަ ހުރިހާ މީހުން ކަހަލަ ގޮތަކަށް ދިޔައީ ފުލެޓް ކައިރިއަށް" އެ މީހާ އިތުރަށް ކިޔައިދިނެވެ.

އެ ފުލެޓް ކައިރިއަށް އެއްވި މީހުން ދުރުކުރުމަށްފަހު ފުލުހުން ވަނީ ފުލެޓް ދޮރު ހުޅުވައި، އިޒްޔާން ފުލުހުންގެ ވެހިކަލެއްގައި ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް އެ މީހާ ބުންޏެވެ. އިޒްޔާން ފެނުނުއިރު، އެއްވެސް ކަހަލަ އަނިޔާއެއް ލިބިފައި ނެތް ކަމަށާއި ހޮސްޕިޓަލުން ވެސް އެކަން އާއިލާ އަދި ފުލުހުންނަށް ކަށަވަރުކޮށްދީފައިވާ ކަމަށް އޭނާ ބުންޏެވެ.

މި ހާދިސާގެ ކަންކަން އިތުރަށް ބެލުމުގެ ގޮތުން ޖެންޑާ މިނިސްޓްރީގެ އޮފިޝަލުންތަކެއް ވެސް އަންނަނީ ހަރަކާތްތެރިވަމުންކަމަށް ޚަބަރު ލިބެއެވެ.