ފުވައްމުލަކު ސިޓީން ގެއްލިގެން ހޯދަމުންދިޔަ ކުއްޖާ ފެނިއްޖެއެވެ.

ފުވައްމުލަކުން މިއަދު ގެއްލިގެން ހޯދަމުންދިޔައީ އިޒްޔާން ހުޝާމް ނަމަކަށް ކިޔާ އުމުރުން ހަތަރު އަހަރުގެ ކުއްޖެކެވެ.

މީޑިއާތަކަށް ފުލުހުން މިރޭ ފޮނުވި މެސެޖެއްގައި ބުނީ ކުއްޖާ މިހާރު ފެނިފައިވާ ކަމަށާއި ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ.

ފުވައްމުލަކުން "ވަން"އަށް މައުލޫމާތުދިން މީހަކު ބުނީ ކުއްޖާ ހުރީ ފުލެޓެއް ތެރޭ ތަޅުލެވިފައި ކަމަށާއި ކުއްޖާ ރޯ އަޑު އިވިގެން އެ ފުލެޓު ބަލާފައިވާ ކަމަށެވެ. އަދި އެއީ ކުއްޖާ ދިރިއުޅޭ ސަރަހައްދާ ކައިރީ ހުރި ފުލެޓެއް ކަމަށް އޭނާ ބުންޏެވެ.

އެ ކުއްޖާ ގެއްލުމާއެކު މިރޭ ފުވައްމުލަކު ރައްޔިތުން ވެސް ވަނީ ކުއްޖާ ހޯދުމުގެ މަސައްކަތްކޮށްފައެވެ.