ރެކޯޑިން އެކަޑަމީން 67 ވަނަ ގްރެމީ އެވޯޑްސްގެ ނޮމިނޭޝަންތައް އިއުލާނުކޮށްފިއެވެ.

މި ލިސްޓުގައި އިންޑިއާގެ ހުނަރުވެރިކަން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފެނިގެންދެއެވެ. ރިކީ ކޭޖް، އަނޫޝްކާ ޝަންކަރު އަދި ވަރިޖަޝްރީ ވެނުގޯޕާލް ހިމެނޭގޮތަށް އިންޑިއާ އަސްލަކަށް ނިސްބަތްވާ ހަ އާޓިސްޓުންނަށް ނޮމިނޭޝަން ލިބި، އެ މަޝްހޫރު އެވޯޑަށް ވާދަކުރެއެވެ.

ބެންގަލޫރަށް ނިސްބަތްވާ ރިކީ ކޭޖަށް 'ބެސްޓް ނިއު އޭޖް، އެމްބިއެންޓް، ނުވަތަ ޗާންޓް އަލްބަމް' ގިންތީގައި 'ބްރޭކް އޮފް ޑޯން'އަށް ގްރެމީ އެވޯޑަކަށް ނޮމިނޭޓްވެފައިވެއެވެ.

މިހާތަނަށް ތިން ގްރެމީ ކާމިޔާބުކޮށްފައިވާ އޭނާއަށް މިއީ ހަތަރުވަނަ ނޮމިނޭޝަނެވެ. ފުރަތަމަ ގްރެމީ ކާމިޔާބުކުރީ 2015 ގައި ވޫޓަރ ކެލަރމަންއާއެކު 'ވިންޑްސް އޮފް ސަމްސާރާ' އަށެވެ. ދެވަނަ ގްރެމީ ކާމިޔާބުކުރީ އާޓިސްޓް ސްޓުއަރޓް ކޯޕްލަންޑްއާއެކު އުފެއްދި 'ޑިވައިން ޓައިޑްސް' އަލްބަމަށެވެ. ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ރިކީ އޭނާގެ މިއުޒިކްގައި ވެސް އެކަން ފާހަގަކުރެވެއެވެ.

އަނޫޝްކާ ޝަންކަރަށް ދެ ނޮމިނޭޝަނެއް ލިބިފައިވެއެވެ. އޭނާގެ އަލްބަމް 'ޗެޕްޓަރ II: ހައު ޑާކް އިޓް އިޒް ބިފޯ ޑޯން' އަށް 'ބެސްޓް ނިއު އޭޖް، އެމްބިއެންޓް، ނުވަތަ ޗާންޓް އަލްބަމް' ގިންތީގައި ނޮމިނޭޓްވެފައިވެއެވެ. ދެވަނަ ނޮމިނޭޝަނަކީ ބްރިޓިޝް މަލްޓި-އިންސްޓްރުމެންޓަލިސްޓް އަދި ވޯކަލިސްޓް ޖޭކަބް ކޮލިއަރގެ 'އޭ ރޮކް ސަމްވެއަރ' ލަވައިގައި ބައިވެރިވުމަށް ލިބުނު ނޮމިނޭޝަނެވެ. އޭނާ ވާދަކުރަނީ 'ބެސްޓް ގްލޯބަލް މިއުޒިކް ޕަރފޯމަންސް' ގިންތީގައެވެ.

އަނޫޝްކާއަކީ މަރުވެފައިވާ ރަވި ޝަންކަރުގެ ދަރިފުޅެވެ. އަދި އޭނާ ކްލާސިކަލް އަދި ކޮންޓެމްޕޮރަރީ ހިމެނޭ ގޮތަށް ގިނަ ބާވަތްތަކާއި ސްޓައިލްތަކުގެ މިއުޒިކް ކުޅެއެވެ. ގްރެމީއާ އަނުޝްކާއާ އޮތް ގުޅުމަކީ ދިގު ގުޅުމެކެވެ. 2006 ގައި އޭނާ ވަނީ ގްރެމީ އެވޯޑްސްގައި ޕާފޯމްކުރި ފުރަތަމަ އިންޑިއާ މީހާގެ ގޮތުގައި ރެކޯޑު ހަދައިފައެވެ. އަދި މިހާތަނަށް އޭނާއަށް ނުވަ އަކަށްވުރެ ގިނަ ގްރެމީ އެވޯޑް ނޮމިނޭޝަން ލިބިފައިވެއެވެ.

އިންޑިއާ އަސްލަކަށް ނިސްބަތްވާ ބްރިޓިޝް އާޓިސްޓް ރާދިކާ ވެކާރިއާ ވާދަކުރަނީ އޭނާގެ އަލްބަމް 'ވޯރިއަރސް އޮފް ލައިޓް' އަށް 'ބެސްޓް ނިއު އޭޖް، އެމްބިއެންޓް، ނުވަތަ ޗާންޓް އަލްބަމް' ގިންތީގައެވެ. މި އަލްބަމްގައި ރާދިކާ ވޯކަލްސް ކުޅެފައިވަނީ ސަންސްކްރިތު، ހިންދީ، ތަމިޅު އަދި އިނގިރޭސި ބަހުންނެވެ.

'ވޯރިއަރސް އޮފް ލައިޓް' އަކީ 2020 ގައި ނެރުނު 'ސަޕްތަ: ދަ ސެވަން ވޭސް' އަށްފަހު އޭނާގެ ދެވަނަ އަލްބަމެވެ. ލޮސް އެންޖެލެސްގައި ދިރިއުޅޭ ރާދިކާ އުފަންވެފައިވަނީ ޔޫކޭގައެވެ. އޭނާގެ މައިންބަފައިންނަކީ އިރުމަތީ އެފްރިކާގެ ބައެކެވެ. އަދި އޭނާގެ ކާފަ އަދި މާމައަކީ އިންޑިއާގެ ބައެކެވެ. އޭނާގެ މަންމައާއި މާމައާއި ބައްޕައަކީ އިންޑިއާގެ ކްލާސިކަލް މިއުޒިކްގެ މޮޅެތި ފަރިތަ ބައެކެވެ.

އެންމެ ރަނގަޅު ނިއު އޭޖް، އެމްބިއެންޓް، ނުވަތަ ޗާންޓް އެލްބަމް ގިންތީގައި ހިމެނިފައިވަނީ ވިޔަފާރިވެރިޔާ އަދި ކަލާކާރު ޗަންދްރިކާ ޓަންޑަންގެ "ޓްރިވެނީ" އަލްބަމެވެ. އޭނާ މި އަލްބަމުގައި މަސައްކަތްކުރީ ފްލޫޓް ވާދަކުރާ ވޫޓަރ ކެލަރމަން އަދި ސެލޯ ވާދަކުރާ އޭރޫ މަޓްސުމޯޓޯއާ އެކުގައެވެ. އޭނާއަކީ އިންދްރާ ނޫޔީގެ ބޮޑު ދައްތައެވެ.

ޗަންދްރިކާ ބޮޑުވެފައިވަނީ ޗެންނާއީގެ ޓީ ނަގަރުގެ މެދު ފަންތީގެ ގެއެއްގައެވެ. އަދި ކިޔެވީ މަދްރާސް ކްރިސްޓިއަން ކޮލެޖުގައެވެ. ކްލާސިކަލް ގާޔަކު ޝުބްރާ ގުހާ އަދި ގާޔަކު ގިރީޝް ވަޒަލްވާރުގެ އަރިހުން މިއުޒިކް ދަސްކުރި ޗަންދްރިކާ، އޭނާގެ ފުރަތަމަ ގްރެމީ ނޮމިނޭޝަން ލިބުނީ 2010 ވަނަ އަހަރު "އޯމް ނަމޯ ނާރާޔަނާ: ސޯލް ކޯލް" އަލްބަމަށެވެ.

ބެންގަލޫރުގައި ދިރިއުޅޭ ގާޔަކު، ފްލޫޓް ވާދަންކުރާ މީހާ އަދި މިއުޒިކް އުފައްދާ މީހާ ކަމުގައިވާ ވަރިޖަޝްރީ ވެނުގޯޕާލް ވަނީ އަނޫޝްކާ ޝަންކަރާއެކު "އޭ ރޮކް ސަމްވެއަރ" އަށް އެންމެ ރަނގަޅު ގްލޯބަލް މިއުޒިކް ޕާފޯމަންސް ގިންތީގައި ނޮމިނޭޓްވެފައެވެ.

މިއީ އޭނާގެ ފުރަތަމަ ގްރެމީ ނޮމިނޭޝަނެވެ. ވެނުގޯޕާލް ވަނީ ރިކީ ކެޖްގެ "ބްރޭކް އޮފް ޑޯން" އަލްބަމަށްވެސް ހިއްސާކޮށްފައެވެ.

ލިސްޓުގައި ހިމެނޭ އަނެއް އިންޑިއާ ހުނަރުވެރިޔާއަކީ މުންބާއީގައި އުފަންވެފައިވާ މިއުޒިޝަން ނޮޝިރު މޯޑީއެވެ.

އޭނާއަށް ވަނީ ފުރަތަމަ ފަހަރަށް ގްރެމީ ނޮމިނޭޝަނެއް ލިބިފައެވެ. އޭނާ ހިމެނިފައިވަނީ އެންމެ ރަނގަޅު ގްލޯބަލް މިއުޒިކް ޕާފޯމަންސް ގިންތީގައެވެ. އޭނާ ބައިވެރިވެފައިވަނީ މާސާ ތަކުމީގެ "ކަޝިރާ" ލަވައިގައެވެ. މި ލަވައިގައި ރޮން ކޯބް އަދި ޑޭލް އެޑްވާޑް ޗަންގްވެސް ބައިވެރިވެފައިވެއެވެ. ނޮޝިރަކީ އަމިއްލައަށް މިއުޒިކް ދަސްކޮށްގެން ހުނަރު ހޯދާފައިވާ މީހެކެވެ. އޭނާ 22 އަހަރުގައި އެމެރިކާއަށް ބަދަލުވިއެވެ. އޭނާގެ ވެބްސައިޓުގައިވާ ގޮތުން، އޭނާ ވަނީ "ގިޓަރު ކުޅުމުގެ ހުނަރު އިތުރަށް ތަރައްގީކޮށް، ނިއު ޔޯކް ސިޓީގެ ކުލަގަދަ ޖޭޒް މަޝްރަހަށް އަހުލުވެރިވެފަ،" އެވެ.