އާ އިންޒާރެއް ލިބުމަށްފަހު ސަލްމާން ޚާންގެ ސަލާމަތީ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ. ނަމަވެސް މަސައްކަތް ނުހުއްޓައި ކުރިއަށްގެންދަން އޭނާ ބޭނުންވެއެވެ. އަންނަން އޮތް ފިލްމު 'ސިކަންދަރު' އަށް ޝޫޓްކުރަމުންދަނީ ހަތަރު ފަށަލައިގެ ވަރުގަދަ ސަލާމަތީ އިންތިޒާމެއްގެ ދަށުންނެވެ. ފިލްމުގެ އުފެއްދުންތެރިން އެކްޓަރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސަލާމަތީ ފިޔަވަޅުތައް ހަރުދަނާކޮށްފައިވެއެވެ.

މިޑްޑޭ އިން ބުނާ ގޮތުގައި، ސަލްމާން ޝޫޓްކުރަމުންދަނީ ހައިދަރާބާދުގެ ފަލަކްނުމާ ޕެލަސް ހޮޓަލުގައެވެ. ހޮޓަލުގެ ބައެއް ވަނީ ވަށައިލެވި، ހަމައެކަނި ފިލްމުގެ ޓީމަށް ވަދެވޭ ގޮތަށް ހަދައިފައެވެ.

"އެތާނގައި ތިން ސްޓޭންޑިން ސެޓް ހުރޭ. އޭގެ ތެރެއިން ދެ ސެޓް ހުރީ ސިޓީގައި. އެކަމަކު މައިގަނޑު ލޮކޭޝަނަކީ ޕެލަސް ހޮޓަލް. އެމީހުން ޝޫޓްކުރަނީ އެއް ބަޔެއްގައި ކަމުގައިވީ ނަމަވެސް، ޕްރޮޑަކްޝަން ޓީމުން މުޅި ހޮޓަލާއި ގޯތިތެރެއަށް ވަދެވޭ ގޮތް ހަދައި، އެތަން ވަނީ ބަދަލުކޮށްފައި. މެހުމާނުންނަށް ހޮޓަލުގައި ތިބެވޭ ގޮތަށް ހުރި ނަމަވެސް، އެމީހުން ދެ ފަށަލައިގެ ސްކްރީނިންއަކުން ފާސްވާން ޖެހޭ. އެއް ފަށަލައަކީ ހޮޓަލުގެ އަދި އަނެއް ފަށަލައަކީ ސަލްމާންގެ ސެކިއުރިޓީ ޓީމުގެ ސްކްރީނިން،" މިޑްޑޭއަށް މައުލޫމާތު ދިން ފަރާތަކުން ބުންޏެވެ.

އޭނާ ބުނީ ލޮކޭޝަނަށް ވަދެވޭ ގޮތް ކޮންޓްރޯލުކުރެވިފައިވާ ކަމަށާއި ހަމައެކަނި ހުއްދަ ލިބިފައިވާ މީހުންނަށް ވަދެވެނީ، އެމީހުންގެ ފަހަތުގެ މައުލޫމާތާއި އައިޑީ ޗެކްކުރުމަށްފަހު ކަމަށެވެ. އަދި މުވައްޒަފުންވެސް ކޮންމެ ދުވަހަކު ސްކްރީންކުރެވި، މުވައްޒަފުން ބަދަލުކުރުން މަނާކުރެވިފައިވާ ކަމަށް އޭނާ ބުންޏެވެ.

ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި ސަލްމާނަށް ސަރުކާރުން ހުއްދަ ދީފައިވާ ސެކިއުރިޓީ ލިބިފައިވެއެވެ. މީގެ ތެރޭގައި އެންއެސްޖީ ކޮމާންޑޯއިންނާއި ފުލުހުން ހިމެނެއެވެ.

އެތެރޭގެ މައުލޫމާތު ދޭ ފަރާތުން ބުނި ގޮތުގައި ސަލްމާނަށް ހަތަރު ފަށަލައިގެ ސެކިއުރިޓީ ނިޒާމެއް އޮވެއެވެ. "މީގެ ތެރޭގައި ހިމެނެނީ ކުރީގެ ޕެރަމިލިޓަރީ މުވައްޒަފުންގެ މައްޗަށް އެކުލެވޭ، ކުއްޔަށް ހިފާފައިވާ އަމިއްލަ ސެކިއުރިޓީ ޓީމެއް. ދެން އޮންނަނީ ސަލްމާންގެ ދުވަސްވީ ބޮޑީގާޑު ޝެރާ އިހުތިޔާރުކޮށްފައިވާ ޓީމު. އަދި ހައިދަރާބާދު ފުލުހުންނާއި މުމްބާއީ ފުލުހުން ދީފައިވާ ރައްކާތެރިކަން. ޖުމުލަ ގޮތެއްގައި، މި ސުޕާސްޓާރާއެކު 50 އިން 70 އަށް ސެކިއުރިޓީ މުވައްޒަފުން ތިބޭ،" ކަމަށް އޭނާ ބުންޏެވެ.

ސަލްމާން ހައިދަރާބާދުގައި މިވަގުތު ހުރީ ރަޝްމިކާ މަންދަންނާއާއެކު ލަވަތަކެއް ޝޫޓްކުރުމަށެވެ. އޭގެ ފަހުން ދުބާއީއަށް ދާނީ ދަ-ބަންގް ރީލޯޑެޑް ޝޯއަށެވެ.

ސަލްމާނަށް އާ އިންޒާރެއްގެ މެސެޖެއް ލިބުނީ ބުރާސްފަތި ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި މުމްބާއީ ޓްރެފިކް ކޮންޓްރޯލު ރޫމަށެވެ. މި މެސެޖު ފޮނުވި ކަމަށް ބެލެވެނީ ލޯރެންސް ބިޝްނޯއީ ގޭންގުންނެވެ. މެސެޖުގައި އިންޒާރު ދީފައިވަނީ ލަވައެއްގެ ލިޔުންތެރިއަކަށް ނުރައްކާތެރި ނަތީޖާއެއް ކުރިމަތިވެދާނެ ކަމަށެވެ. އެއީ އެކްޓަރާއި ޖަލުގައި ހުރި ގޭންގްސްޓަރާ ގުޅުވައިގެން ހެދި ލަވައަކާ ގުޅިގެންނެވެ.

މިއީ މި އެކްޓަރަށް އަމާޒުކޮށްފައިވާ ފަސްވަނަ އިންޒާރުގެ މެސެޖެވެ. ފާއިތުވި މަސްތަކުގައި، ސަލްމާނަށް ވަނީ ގިނަ އިންޒާރުތަކާ ކުރިމަތިލާން ޖެހިފައެވެ. އެކަމުގެ ސަބަބުން އޭނާގެ ވަށައިގެން ސަލާމަތީ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރެވިފައިވެއެވެ. މުމްބާއީ ފުލުހުން މި ހާދިސާއާ މެދު ވަރަށް ސީރިއަސްކޮށް ދެކެމުން، ސަލްމާންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށާއި މި މެސެޖުގެ ފަހަތުގައިވާ ފަރާތާއި މަގުސަދު ބަލައި ތަހުގީގުކުރުމަށް މަސައްކަތްކުރަމުންދެއެވެ.

މީގެ ކުރިން ނޮވެމްބަރު 5 ގައި، މުމްބާއީ ފުލުހުންނަށް ސަލްމާނާ ދެކޮޅަށް އިންޒާރުގެ މެސެޖެއް ލިބުނެވެ. މި މެސެޖު ފޮނުވިކަމަށް ބެލެވެނީ ލޯރެންސް ބިޝްނޯއީ ގޭންގުންނެވެ. އެ އިންޒާރުގެ މެސެޖުގައި އެކްޓަރަށް ދީފައިވަނީ ދެ އޮޕްޝަނެކެވެ. އެއީ މައާފަށް އެދުން ނުވަތަ ދިރިހުރުމަށްޓަކައި ފަސް ކްރޯރު ރުފިޔާ (ގާތްގަނޑަކަށް 600,000 އެމެރިކާ ޑޮލަރު) ދެއްކުމެވެ.