އެމެރިކާގެ އައު ރައީސަކަށް ދެންވާނީ ޑޮނަލްޑް ޓްރަމްޕެވެ. އެކަމަކު އޭނާއަކީ އެމެރިކާގެ ރިޔާސަތަށް އައު ބޭފުޅެއް ނޫނެވެ. ބައު ރައީސެކެވެ. ނޮވެމްބަރު ފަހެއްގައި ބޭއްވުނު އިންތިޚާބުގެ ނަތީޖާއިން ވައިޓްހައުސްއަށް ވަދެވަޑައިގަތުމުގެ ފާސް ހޯއްދެވީ ޓްރަމްޕެވެ. ބޮޑު ތަފާތަކުން ރައްޔިތުން ވަނީ އޭނާއަށް ރުހޭބަސް ދީފައެވެ. އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިވި ކަމަލާ ހެރިސް ވަނީ ނަތީޖާ ގަބޫލުކުރައްވައިފައެވެ. އެކަމަނާގެ ސަޕޯޓަރުންނަށް ގޮވައިލެއްވީ ނަތީޖާ ހިތިކަމުގައިވިޔަސް އެނަތީޖާ ބަލައިގަތުމަށެވެ. ވެރިކަން ބަދަލުކުރުމުގެ މަރުހަލާ ކުރިއަށްދާނީ އޮމާންކޮށް ކަމަށްވެސް އެކަމަނާ ވަނީ ވިދާޅުވެފައެވެ. އުމުރުފުޅުން މިހާރު 78 އަހަރުވީ ޓްރަމްޕަކީ އެމެރިކާގެ މުޅި ތާރީޚުގައިވެސް ރިޔާސަތަށް ހޮވުނު އެންމެ މުސްކުޅި ރައީސެވެ. ޓްރަމްޕަކީ ފާއިތުވެދިޔަ 130 އަހަރުގެ ތެރޭގައި ރިޔާސަތަށް އަލުން ވަޑައިގަންނަވާ ކުރީގެ ފުރަތަމަ ރައީސެވެ.
މަތީގައި ދެންނެވި ބަހުގެ މާނަޔަކީ އެ މުއްދަތުގެ ތެރޭގައި ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން މެދުކެނޑުމަކަށްފަހު އަލުން ރިޔާސަތަށް ހޮވުނު ފުރަތަމަ ރައީސަކީ ޓްރަމްޕް ކަމުގައެވެ. އެމެރިކާގެ ރިޔާސަތަށް ޓްރަމްޕު ހޮވުނުކަމަށްވިޔަސް އަދި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއާ ސްޓާމަރ ފަދަ ލީޑަރުން ޓްރަމްޕަށް ތަހުނިޔާގެ މެސެޖު ފޮނުވިއަސް އިންތިޚާބުގެ ރަސްމީ ދާއިމީ ނަތީޖާ އަދި އިއުލާނެެއް ނުކުރެއެވެ. މިފަހަރުގެ އިންތިޚާބުގެ ވޯޓުލުމުގެ ކުރިން އެންމެންވެސް ހީކުރީ މިއީ ވަރަށް ވާދަވެރި އިންތިޚާބަކަށްވާނޭ ކަމުގައެވެ. ބައެއް ސްޓޭޓްތަކުގައި ނަތީޖާގެ ހަމަހަމަކަން ބޮޑުކަމުން ނުވަތަ ފަރަގުގެ ތަފާތު ކުޑަކަމުން އޮޅުންތަކާއި ޝައްކުތަކަށް ޖާގަލިބި އެއްފަހަރަށްވުރެ ގިނައިން ވޯޓު ގުނަންޖެހި މިކަމުގައި ގިނަދުވަސްތަކެއްވެސް ހޭދަވެގެން ހިނގައިދާނޭ ކަމުގައެވެ. އެކަމަކު އެހެނެެއް ނުވިއެވެ. ވަކި ޕާޓީއަކަށް ވޯޓުދިނުމުގެ ސަގާފަތެއް ނޯންނަ ސްޓޭޓްތަކުގެ ތެރެއިން ނޯތު ކެރޮލައިނާ، ޖޯޖިޔާ، ޕެންސިލްވޭނިއާ، އަދި ވިސްކޮންސިން ކަހަލަ ސްޓޭޓްތަކުގައި ތަފާތުބޮޑުކޮށް ޓްރަމްޕު ކުރިހޯއްދަވައިފިއެވެ.
އެހެންވީމާ އާއްމުގޮތެެގައި އަބަދުވެސް ރިޕަބްލިކަން ޕާޓީގެ ސަޕޯޓުބޮޑު ސްޓޭޓްތައް ހިމަނައިގެން ދާދިއަވަހަށް އިލެކްޓޮރަލް ކޮލެޖް ވޯޓުގެ ޖާދުވީ އަދަދުކަމަށްވާ 270 ޓްރަމްޕު ވަނީ ހަމަކުރައްވައިފައެވެ. އެ އަދަދު ފަހަނަޅައި މާކުރިއަށްވެސް ވަނީ ވަޑައިގެންފައެވެ. ކުރިން މިދެންނެވި އިލެކްޓޮރަލް ކޮލެޖުގެ 270 ވޯޓަކީ ރައީސްކަމަށް އައުމަށް ބޭނުންވާ އެންމެ މަދު އަދަދެވެ. މިހިސާބަށް ޓްރަމްޕު ވަޑައިގެންފިކަން ނުވަތަ ރިޔާސަތު ކަށަވަރު ކުރައްވައިފިކަން ނޮވެމްބަރު މަހުގެ ހަވަނަދުވަހަށް އެރިއިރާއެކު ވަނީ ޔަގީންވެފައެވެ. މިހެން މިކަން އޮތަސް ކޮންމެ ސްޓޭޓެއްގެ ވަކިވަކި ނަތީޖާތައް އޭގެ ފުރިހަމަ ތަފްސީލާއެކު ރަސްމީގޮތުން ކަށަވަރުކޮށްދޭން އަދި ދުވަސްކޮޅެއް ހޭދަވެދާނެއެވެ. ފަހަރުގައި ހަފުތާތަކެއްވެސް ހޭދަވެދާނެއެވެ.
ދުނިޔޭގެ ބައެއް ގައުމުތަކުގައި އިންތިޚާބު ބާއްވާތާ ދެތިން ދުވަހުގެ ތެރޭގައި އައު ރައީސް މަގާމުގެ ހުވާކުރައްވައި ވެރިކަމާ ހަވާލުވެވަޑައިގެންފައެވެ. ގިނަ ތަންތަނުގައި އެކަަމަށް ގިނަވެގެން ހޭދަކުރަނީ ހަފުތާއެކެވެ. މިކަންކަމަށް ވިސްނާފައި ބައެއް މީހުންގެ ހިތުގައި ސުވާލު އުފެދުން އެކަށީގެންވެއެވެ. މިހާރު ޓްރަމްޕު ރައީސަކަށްވީ ހެއްޔެވެ. ޖަވާބަކީ ނޫނެކޭއެވެ. އަދި ރައީސަކަށް ނުވެއެވެ. މިހާރު އެއީ އިންތިޚާބީ ރައީސެވެ. އޭނާގެ ރަނިންމޭޓް ޖޭ.ޑީ ވެންސަކީ އިންތިޚާބީ ނާއިބުރައީސެވެ. އެމެރިކާގައި ކަންކަން ހަމަޖެހިފައި އޮންނަގޮތުން އައު ރައީސާއި ނާއިބުރައީސް ހުވާކުރައްވާނީ އިންތިޚާބު ބާއްވާ ދުވަހުން ފެށިގެން އެގާރަ ހަފުތާ ފަހުންނެވެ. ޓްރަމްޕާއި އޭނާގެ ނާއިބު ހުވާކުރައްވައި މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަންނަވާނީ އަންނައަހަރުގެ ޖެނުއަރީ ވިހިވަނަ ދުވަހުއެވެ. މީގެ މިސާލެއް ދަންނަވައިލާނަމެވެ. އެމެރިކާގައި 2016 ވަނައަހަރުގެ އިންތިޚާބު ބޭއްވުނީ އެއަހަރުގެ ނޮވެމްބަރުމަހުއެވެ. އިންތިޚާބުން ކުރިހޯއްދެވި ޑޮނަލްޑް ޓްރަމްޕު މަގާމުގެ ހުވާކުރެެއްވީ އެގާރަ ހަފުތާ ފަހުން ޖެހިގެންއައި 2017 ވަނަ އަހަރުގެ ޖެނުއަރީ ވިހީގައެވެ. އިންތިޚާބު 2016 ގައެވެ. ވެރިކަމާ ހަވާލުވުން 2017 ގައެވެ.
މިއީ އެމެރިކާގައި މިކަން ހަމަޖެހި ތަރުތީބުވެފައި އޮންނަ ގޮތެވެ. ރިޔާސީ އިންތިޚާބު ބާއްވަނީ ކޮންމެ ހަތަރު އަހަރަކުން އެއްއަހަރުއެވެ. ރިޔާސީ ދައުރެއްގެ ދިގުމިނަކީ ހަތަރު އަހަރެވެ. އިންތިޚާބުގެ ރަސްމީ ނަތީޖާ ކަނޑައެޅޭނީ ހަމަކޮންމެ ވޯޓެއްގެ ސައްހަކަން ކަށަވަރު ކުރުމަށްފަހު އިލެކްޓޮރަލް ކޮލެޖޭ ކިޔޭ ނިޒާމެއްގެ ތެރެއިންނެވެ. މިދެންނެވި އިލެކްޓޮރަލް ކޮލެޖަކީ ހަގީގަތުގައި ރައީސަކު ކަނޑައަޅާ މަޖިލީހެވެ. ރިޔާސީ އިންތިޚާބުގައި ރައްޔިތުން ވޯޓުދެނީ ކޮންމެ ސްޓޭޓަކުންވެސް މިދެންނެވި ވަގުތީ މަޖިލީހަށް މަންދޫބުން ހޮވުމަށެވެ. އެ ސްޓޭޓެއްގައި ކުރިހޯދާ ކެންޑިޑޭޓަކަަށް އެ ސްޓޭޓްގެ ހުރިހާ އިލެކްޓޮރަލް ވޯޓެކެވެ. އާބާދީގެ ނިސްބަތުން މިދެންނެވި މަޖިލީހަށް އެކި ސްޓޭޓްތަކުން އައްޔަންކުރެވޭ މަންދޫބުންގެ އަދަދު ތަފާތެވެ. އިލެކްޓޮރަލް ކޮލެޖު ނުވަތަ ރައީސަކު ކަނޑައަޅާ މަޖިލީހުގެ ބައްދަލުވުންތަކަށްފަހު ރައީސަކީ ކާކުކަން ނިންމާނީ ޑިސެމްބަރު ސަތާރަވަނަ ދުވަހުއެވެ.
އެއަށްފަހު ދެން އޮންނާނީ އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ދެގޭގެ މެންބަރުން ޖެނުއަރީމަހުގެ ހަވަނަ ދުވަހު އެއްތަންވެ އިލެކްޓޮރަލް ކޮލެޖް ވޯޓުތައް ގުނައި ނަތީޖާ ޔަގީންކުރުމެވެ. މި ބައްދަލުވުން ނުވަތަ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ ނާއިބުރައީސް ކަމަލާ ހެރިސްއެވެ. މިފަހަރު ކަންދިމާކުރި ގޮތުން ކަމަލާ ހެރިސްއަކީ ރިޔާސީ އިންތިޚާބުގައި ނާކާމިޔާބުވި ކެންޑިޑޭޓެވެ. އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ މަތީގެ ނުވަތަ ސެނެޓުގެ ރިޔާސަތު ބެލެހެއްޓުމަކީ ނާއިބުރައީސްކަމުގައި ހުންނަވާ ބޭފުޅެއްގެ ޒިންމާއަކަަށްވާތީ އެ ހައިސިއްޔަތުން ކަމަލާ ހެރިސް ކުރިން ދެންނެވި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަނީއެވެ. އެކަމަނާގެ ވާދަވެރިޔާގެ ކާމިޔާބީގައި ސިއްކަޖެހުން އެކަމަނާގެ މަސްއޫލިއްޔަތަކަށްވީއެވެ.
ޓްރަމްޕުގެ ރިޔާސީ ފުރަތަމަ ދައުރުގެ ފަހުކޮޅު 6 ޖެނުއަރީ 2021 ގައި ޓްރަމްޕުގެ ސަޕޯޓަރުން އެމެރިކާގެ ގާނޫނުހަދާ މަޖިލިސް އެއްތަންވާ ގެޔަށް އަރައިގަނެ އެތަން ހިފައި ތަކެތި ލޫޓުވައި ހިންގި ބޮޑުވެގެންވާ ގަޑުބަޑު އެންމެންވެސް ހަނދާން ހުންނާނެއެވެ. އެއީ ބައިޑެންގެ ކާމިޔާބީ ކަށަވަރުކޮށް އެކާމިޔާބީގައި ސިއްކަޖެހުން ހުއްޓުވުމުގެ މަގުސަދުގައި ކުރިކަމެކެވެ. ބަޣާވާތްކުރުމެކެވެ. މިހިސާބުން ދެން އުފެދިދާނެ ސުވާލަކީ އިންތިޚާބާއި މަގާމުގެ ހުވާކުރުމާ ދޭތެރޭގައި މިއޮންނަ ދިގު އެގާރަ ހަފުތާގެ ތެރޭގައި ޓްރަމްޕާއި އޭނާގެ ނާއިބު ކުރައްވާނީ ކޮންކަމެއް ބާވައެވެ. ބައިވަރު މަސައްކަތް އެބަހުއްޓެވެ. އިންތިގާލީ ކޮމިޓީގެ ވެރިންގެ ގޮތުގައި އެއްސަރުކާރަކުން އަނެެއް ސަރުކާރަށް އޮމާންކަމާއެކު ބާރުތައް ނަގުލުކުރުމުގެ މަސައްކަތް ކުރައްވާނެއެވެ. ބައްލަވާނެއެވެ. ސިޔާސަތުގެ ތެރެއިން އެންމެ އިސްކަންދޭނެ ކަންކަން ނިންމަވާނެއެވެ. ސިޔާސީ މަގާމުތަކަށް ގެންނާނެ މީހުންގެ ލިސްޓު ބައްލަވައި އެ ލިސްޓަށް އުނިއިތުރު ގެންނަވައި ތަރުތީބު ކުރައްވާނެއެވެ. ސަރުކާރުގެ ސިއްރު ލިޔުންތައް ޓްރަމްޕާ ހިއްސާކުރަން ފެށީމާ އެތަކެތި ބައްލަވައި ދިރާސާ ކުރައްވާނެއެވެ.
އެމެރިކާ ސިފައިން ހިންގަމުންދާ ހަރަކާތްތަކާއި ހިންގަން ޚިޔާލުކުރާ ހަރަކާތްތަކުގެ މައުލޫމާތު ޓްރަމްޕާއި ހިއްސާކުރަމުން ގެންދާނެއެވެ. އައު ރައީސް ވައިޓްހައުސްއަށް އަހުލުވެރި ކުރުމަަށްޓަކައި ރައީސް ޖޯ ބައިޑެން އޭނާއަށް ދައުވަތު ދެއްވައިގެން ދޭތެރެ ދޭތެރެއިން ވައިޓްހައުސްއަށް ގެންދަވާނެއެވެ. މިއީ ޓްރަމްޕުގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި ޖޯ ބައިޑެންއާމެދު އޭނާ ނުކުރައްވާ ކަމެކެވެ. ބައިޑެން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައިވެސް ޓްރަމްޕު ބައިވެރިވެވަޑައެއް ނުގަންނަވައެވެ. އެކަމަކު ޓްރަމްޕު ހުވައިކުރައްވާ ރަސްމިއްޔާތުގައި ބައިޑެން ބައިވެރިވެވަޑައިގަންނަވާނެއެވެ. ދެބޭފުޅުންގެ ތަފާތަކީ އެއީއެވެ. ހުވައިކުރެއްވުމާއެކު ވަގުތުން އައުރައީސްގެ ދައުރު ފެށުނީއެވެ. އެހިސާބުން ދެން އޮންނާނީ ހަތަރު އަހަރު ވަންދެން ޓްރަމްޕުގެ ޗަރުކޭހެވެ. އެ ޗަރުކޭސް ވަރަށް ނުރައްކާވާނެ ކަމަށް ފެނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ