ސިޑްނީގެ ބީޗަކަށް ލައްގަމުންދާ ކަޅު ބޯޅަތަކުގެ ހަގީގަތް ހޯދައިފިއެވެ.

އޮސްޓްރޭލިއާގެ ސިޑްނީގެ މަޝްހޫރު ބީޗަކަށް ލައްގަމުން ދިޔަ ގޮތް ނޭނގޭ ކަޅު ބޯޅަތަކުގެ މައްސަލައިގައި އެ ސަރަހައްދުގެ ބޮޑު ބައެއް ބަންދުކޮށްގެން ސައިންސްވެރިން ވަނީ ބޮޑު ތަހުގީގެއް ކޮށްފައެވެ.

ސިޑްނީގެ ހަތް ބީޗެއް ބަންދުކޮށް އޮސްޓްރޭލިއާގެ ޔުނިވަސިޓީ އޮފް ނިއު ސައުތު ވޭލްސްގެ ސައިންޓިސްޓުންގެ ޓީމަކުން ކުރި ދިރާސާއިން އެނގުނީ އެ ބޯޅަތަކަކީ އެ ސިޓީގެ ނަރުދަމާއިން ކަނޑަށް ބޭރުކުރާ ބޮޑުކަމުދާތަކެތި އެކުލެވިގެން އުފެދޭ ''ފެޓްބާގްސް'' ނުވަތަ ފެޓް ބޯޅަ ތަކެއް ކަމަށެވެ.

ސައިންސްވެރީންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވި ޕްރޮފެސަރު ޖޯން ބޭވްސް ވިދާޅުވީ ބީޗުތަކަށް ލެއްގި ބޯޅަތަކުގައި، ގަދަ ނުބައި ވަހެއްވެސް ހުރިކަމަށެވެ.

މިދިޔަ މަހުގެ 17 ވަަނަ ދުވަހުން ފެށިގެން ފެންނަން ފެށި އެ ބޯޅަތަކުގެ ސަބަބުން ދަ ނިއު ސައުތު ވޭލްސްގެ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޮތޯރިޓީން ވަނީ އެ ސަރަހައްދަށް މީހުން މޫދަށް އެރުން ރައްކާތެރި ނޫންކަމަށް ބުނެ އިންޒާރުގެ މެސެޖެއް ވެސް އާންމުކޮށްފައެވެ.