މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ތެރެއިގައި ގޯސްތަކެއް ހިނގަމުންދާކަން އެ މަނިކުފާނަށް އެނގިވަޑައިގެންނެވީ ހައްޖަށް ފުރާވަޑައިގަތުމަށް ދެތިން ދުވަހަށް ވެފައިވަނިކޮށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް މިއަދު ދެއްވި އިންޓަވިއެއްގައި ޔާމީން ވިދާޅުވީ އަހުމަދު އަދީބު ޓޫރިޒަމް މިނިސްޓަރަކަށް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނެވިއިރު، އެމްއެމްޕީއާރްސީ މެދުވެރިކޮށް އެހާ ބޮޑު ހިޔާނާތެއް ހިންގަމުންދިޔަ އެއްވެސް ވަރެއްގެ ހިލަމެއް އެ މަނިކުފާނަށް ވެފައި ނުވާ ކަމަށެވެ.
"އަޅުގަނޑަށް މީ ކިރިޔާވެސް މިކަމަށް ވަސްދުވާކަހަލަ ކަމެއް އަޅުގަނޑަށް މެދުވެރިވީ އެ ފަހަރުގެ ހައްޖު ދަތުރު އަޅުގަނޑު ހަނދާންވާ ގޮތުންވެއްޖިޔާ 2015 ވަނަ އަހަރުގެ އަދީބު މި ލޯންޗު ގޮއްވާލުމާ މި ކަންތައް ހިނގި އަހަރު. އަޅުގަނޑު ހަމަ ހައްޖަށް ދާން ވަރަށް ކައިރިވެފަ އޮއްވާ އަޅުގަނޑު ބޭނުންވީ އަޅުގަނޑު ހައްޖުން އެނބުރި އަންނަންދެން ބަޖެޓުގެ މަސައްކަތް ނުކޮށް ބާއްވަން. އެއީ ހަމަ ރައީސް އޮފީހުން އަޅުގަނޑު އަމިއްލަޔަށް ވަރަށް ގިނަ ބަޖެޓުގެ މަސައްކަތްތައް ކުރަނީ ހަމަ އަޅުގަނޑު." ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ އަރިހަށް ބަޖެޓު އެފަހަރު ގެންނެވީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ކަމަށެވެ. އެ ބަޖެޓުގައި ރަށްރަށް ވިއްކައިގެން އިކުއިޒިޝަން ކޮސްޓުގައި ލިބޭ އާމްދަނީ ހިމަނާފައި ވަނީ ވަރަށް ކުޑަ އަދަދެއް ކަމަށް ޔާމީން ވިދާޅުވިއެވެ.
"ދެން އަޅުގަނޑު ޖިހާދާ ސުވާލުކުރީމަ ޖިހާދު ވިދާޅުވީ އަދި އެ ފައިސާ ނުވަންނާތީއޭ. އޭގެ އިތުރު ތަފުސީލެއް ޖިހާދަކަށް ނުދެއްވުނު" ޔާމީން ވިދާޅުވިއެވެ.
އެ ފައިސާ ޖަމާވާން ޖެހެނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ކަމަށް ވުމުން އެ މަނިކުފާނު ވަނީ ސިޓީއެއް ފޮނުއްވައިގެން އިކުއިޒިޝަން ކޮސްޓުތަކުގެ ތަފްސީލު ހޯއްދަވައިފައި ކަމަށް ޔާމީން ވިދާޅުވިއެވެ. އެ ތަފްސީލުތަކުން އެނގޭ ގޮތުގައި އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި މީރާއަށް ލިބިފައިވަނީ 10 މިލިއަން ޑޮލަރަށްވުރެ ކުޑަ އާމްދަނީއެއް ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
"ދެން އެގޮތް އަޅުގަނޑަށް ކަމުނުގޮސްގެން އަހުމަދު އަދީބާ ސުވާލުކުރިން. އަދީބު ކޮބާހޭ މި ފައިސާ؟. ކީއްވެގެންހޭ ބަޖެޓުގަ އަބަދުވެސް މި ބަޖެޓުގަ ފައިނޭންސް ކުރަން ޖެހޭ ހިސާބަށް މިދަނީ ކީއްވެހޭ ރަށްތަކެއް ކުރިއަށް ވިއްކާލާފަ ފައިސާ މި ނެގީ، ބަޖެޓު ދެކޮޅު ޖައްސަންވެގެންނޭ. އެއީ މި ފައިނޭންސިންއަށް ނުދާންވެގެންނޭ މިކަން މިކުރީ." ޔާމީން ވިދާޅުވިއެވެ.
"ބުނީމަ އަދީބު އަޅުގަނޑަށް ދެއްވި ޖަވާބަކީ ރައީސޭ ހުރީ މީ ޝޯޓްޓާމް އިންވެސްޓްމެންޓުގައޭ އެ އެއްޗެހިތައް އެހުރީ. އެ އެއްޗެހިތައް އެ ހުރީ ލޮޖް ކުރެވިފައޭ. ވަރަށް އަވަހަށް މި ރިލީސްވާނޭ. ދެން އެހެން ހުރެފަ އަޅުގަނޑު ފުރައިގެން ހައްޖަށް ދިޔައީ. އެކަމަކު ހައްޖަށް ދިއުމުގެ ކުރިން އަދީބަށް އަޅުގަނޑު ދެންނެވިން އަދީބޭ ދެން މިހާރު މިއޮތް ގޮތަކަށް ސަސްޓެއިނެއް ނުކުރެވޭނޭއޭ، އަޅުގަނޑު ބޭނުންވެޔޭ މިފަހަރު ހައްޖުން އައިސް ޓޫރިޒަމް މިނިސްޓަރަކު ލާން" ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ އެގޮތަށް ނިންމެވީ ޓޫރިޒަމް މިނިސްޓަރުގެ މަގާމު ހުސްކޮށް އޮތުމަށް ގާނޫނު ތަންނުދޭތީ ކަމަށާއި ނައިބު ރައީސަކަށް ޓޫރިޒަމް މިނިސްޓަރުގެ މަގާމު އަދާ ނުކުރެއްވޭނެ ކަމަށެވެ. އެކަމާ ގުޅިގެން އަދީބު ކޮންމެވެސް ވަރަކަށް ނުތަނަވަސްވި ކަމަށް ޔާމީން ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓަރަކަށް އައްޔަންކުރައްވާނެ ބޭފުޅެއްގެ ނަމެއް ދިނުމަށް އަދީބު ކައިރިން އެދިވަޑައިގެންނެވި ކަމަށްވެސް ޔާމީން ވިދާޅުވިއެވެ. ޓޫރިޒަމް މިނިސްޓަރަކަށް އަދީބު ހުށަހެޅުއްވީ އެމްއެމްޕީއާރުސީގެ އޭރު މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ނަން ކަމަށް ޔާމީން ވިދާޅުވިއެވެ.
"އަޅުގަނޑު ދެންނެވިން ޒިޔަތަކަށް ނުހުރެވޭނެ ތިތާކު. ދެން ޒިޔަތަށް ނުހުރެވޭ ސަބަބަކީ އަޅުގަނޑު ބުނިން އޮޑިޓާ ޖެނެރަލްއަކަށް ލައިފަ އެހުރީ ޒިޔަތުގެ ބޭބެއޭ. އެހެންވީމާ ޓޫރިޒަމް މިނިސްޓަރަކަށް އަޅުގަނޑު ގަބޫލުކުރާ އުސޫލެއް ނޫނޭ އަނެއްކާ އެތަން އޮޑިޓްކޮށް ހުރިހާ ކަމެއް ކުރަން އޮޑިޓާ ޖެނެރަލަކީ މަޖިލީހުން އިންތިހާބުކުރާ ނޫނީ މަޖިލީހުން ސެކަންޑުކުރާ ބޭފުޅެކޭ އެހެންވީމާ ތިކަމެއް ނުވާނޭ އެހެން ބޭފުޅެއްގެ ނަން ދޭށޭ. ދެން އެކަމަކު އަދީބަކަށް ފަސޭހައެއް ނުވި. ދެން އޭގެ ކޮންމެވެސް ވަރެއްގެ ހިތްހަމަނުޖެހުންތަކެއް އަދީބުގެ ހުރިކަން އަޅުގަނޑު ފުރުމުގެ ކުރިން ވެސް އެނގުނު." ޔާމީން ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ދައުލަތުން ވަނީ އަދީބުއާއި ޔާމީންގެ މައްޗަށް ދައުވާކޮށްފައެވެ. އަދީބު ވަނީ ދައުވާތަކަށް އިއުތިރާފުވެ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައި ކޯޓުގައި ޔާމީނާ ދެކޮޅަށް ހެކިބަސް ދީފައެވެ. އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައާ ގުޅިގެން އަދީބުގެ މައްޗަށް ކުށް ސާބިތުވެ ޖަލަށްލި ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭ އެއިރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އަދީބަށް މާފު ދެއްވުމުގެ ސަބަބުން ވަނީ މިނިވަންވެޑައިގެންފައެވެ.
ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާތައް ޔާމީންގެ މައްޗަށް ދަށު ކޯޓުގައި ސާބިތުވެ ޖަލަށްލުމަށް ހުކުމްކުރި ނަމަވެސް މަތީ މަރުހަލާގެ ކޯޓުތަކުން ވަނީ ޔާމީންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކަނޑައަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު