ފޮރިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލަށް ޖަޕާން އެމްޕެރާ ދެއްވާ ހާއްސަ ޝަރަފެއް ލިބިވަޑައިގެންފިއެވެ.

ރާއްޖެއިން ޖަޕާނަށް ކުރިން ކަނޑައަޅުއްވާފައި ހުންނެވި ސަފީރު، ހަލީލަށް އަރުވާފައިވަނީ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ހިދުމަތްތައް ކޮށްދޭ ފަރާތްތަކަށް އަރުވާ "އޯޑާ އޮފް ދަ ރައިސިން ސަން، ގޯލްޑް އެންޑް ސިލްވާ ސްޓާ" ނަމަކަށް ކިޔާ ޝަރަފެކެވެ. މިއީ ދިވެއްސަކަށް މި ޝަރަފު އެރުވި ފުރަތަމަ ފަހަރެވެ.

ހަލީލަށް ލިބިވަޑައިގެންނެވި ޝަރަފަކީ ޖަޕާން ސަރުކާރުން އަރުވަން ފެއްޓެވި އެންމެ ފުރަތަމަ ޝަރަފެވެ. އެގޮތުން އެ ޝަރަފު އަރުވަން ފެއްޓެވީ 1875 ގައި ޖަޕާނުގެ 122 ވަނަ އެމްޕެރާ މެއިޖީއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ހަލީލަށް އެ ޝަރަފު އެރުވީ ޖަޕާނާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރުމަށް އޭނާ ކޮށްދެއްވި ހިދުމަތް ފާހަގަކުރުމުގެ ގޮތުން ކަމަށެވެ.

ހަލީލު، ހާރިޖީ ހިދުމަތާ ގުޅިވަޑައިގަތީ 22 ޑިސެމްބަރު 1981 ގައެވެ. އޭނާ ފުރަތަމަ އަދާކުރެއްވީ ޑިޕާޓްމަންޓް އޮފް އެމިގްރޭޝަން އެންޑް އިމިގްރޭޝަންގެ ސެކްރެޓަރީކަމުގެ ވަޒީފާއެވެ. ހަލީލު އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ، އދ. ގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގައެވެ. އެގޮތުން އެ މިޝަންގެ ތާޑް ސެކްރެޓަރީން ފެށިގެން، އެކިއެކި މަގާމުތަކުގައި 17 އަހަރު ހޭދަކުރެއްވިއެވެ. މީގެ އިތުރުން ރާއްޖެއިން ޖަޕާނަށް ކަނޑައެޅުއްވި ސަފީރުކަންވެސް ހަތް އަހަރު އޭނާ ފުރުއްވިއެވެ. ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް 22 ނޮވެންބަރު 2018 ގައި ހަމަޖެއްސެވުމާ ހަމައަށް އޭނާ ހުންނެވީ އެ މިނިސްޓްރީގެ ބައިލެޓްރަލް ސެކްރެޓަރީގެ މަގާމުގައެވެ.

ހާރިޖީ ދާއިރާއަށް ހަލީލު ކޮށްދެއްވި މަސައްކަތް ފާހަގަކޮށް މިދިޔަ ސަރުކާރުން އޭނާއަށް ވަނީ ހާރިޖީ ހިދުމަތުގެ އެންމެ މަތީ ޝަރަފުވެސް އަރުވައިފައެވެ. އޭނާއަކީ އެ ޝަރަފު އެރުވި ފުރަތަމަ ދެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެވެ. އަނެއް ބޭފުޅަކީ މިދިޔަ ސަރުކާރުގެ ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފެވެ.