ނިތޭޝް ތިވާރީ ޑައިރެކްޓްކުރާ ހިންދޫ އެޕިކް 'ރާމާޔަނާ' ގެ ލައިވް-އެކްޝަން ފިލްމު އެޑަޕްޓޭޝަން ދެ ބަޔަކަށް ބަހާލައިގެން 2026 އަދި 2027 ވަނަ އަހަރުގެ ދިވާލީ ފެސްޓިވަލްގައި ދައްކާނެ ކަމަށް ފިލްމު އުފައްދާ ފަރާތްތަކުން ބުނެފިއެވެ.

މި ފިލްމު ޕްރޮޑިއުސްކުރަނީ ޕްރައިމް ފޯކަސް ސްޓޫޑިއޯސްގެ ނަމިތު މަލޯތްރާއެވެ. ރިޕޯޓުތަކުގައިވާ ގޮތުން މި ފިލްމުގައި ރަންބީރް ކަޕޫރު، ސާއީ ޕައްލަވީ، އަދި ޔަޝް ލީޑްރޯލުން ފެނިގެންދާނެއެވެ.

"މި އެޕިކް އެޑަޕްޓޭޝަނުން އިންޑިއާގެ އެންމެ ލޮބުވެތި ވާހަކަތަކުގެ ތެރެއިން އެއް ވާހަކަ، ނުފެންނަ ފަދަ ބޮޑު މިންވަރަކަށް އަދި ވިޝަނަރީ ސްޓޯރީޓެލިންއާއެކު ފެނިގެންދާނެ،" ފިލްމު ހަދާ ފަރާތުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

"10 އަހަރަށްވުރެ ގިނަ ދުވަސް ކުރިން، 5000 އަހަރަށްވުރެ ގިނަ ދުވަހު ބިލިއަނުން ގުނާ މީހުންގެ ހިތްތަކުގައި ވެރިވެފައިވާ މި އެޕިކް ފިލްމު ބޮޑު ސްކްރީނަށް ގެނައުމުގެ މަސައްކަތެއް އަހަރެން ފެށީމެވެ. އަދި މިއަދު، މި ފިލްމަށް ކުލަޖެހި ސިފައެއްލިބެމުންދާތީ އަހަރެން ވަރަށް އުފާވެއެވެ. އަހަރެމެންގެ ޓީމުތަކުން މަސައްކަތްކުރަނީ އެންމެ މަގުސަދަކަށްޓަކައެވެ: އެއީ އަހަރެމެންގެ ތާރީހު، އަހަރެމެންގެ ހަގީގަތް، އަދި އަހަރެމެންގެ ސަގާފަތް - އަހަރެމެންގެ 'ރާމާޔަނާ' - މުޅި ދުނިޔޭގެ އެންމެނަށް އެންމެ އަސްލު، އެންމެ މުގައްދަސް، އަދި އެންމެނަށް ފެންނަ ގޮތުން ރީތި އެޑަޕްޓޭޝަނެއްގެ ގޮތުގައި ހުށަހެޅުމެވެ،" ޕްރޮޑިއުސަރު ފިލްމުގެ ފުރަތަމަ ޕޯސްޓަރާއެކު އޭނާގެ އިންސްޓަގްރާމުގައި ލިޔެފައިވެއެވެ.

ރިޕޯޓުތަކުގައިވާ ގޮތުން ރަންބީރު އަދި ސާއީ މި ފިލްމުގައި ރާމް އަދި ސީތާގެ ދައުރު އަދާކުރާނެއެވެ. ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޔަޝް ބުނެފައިވަނީ އޭނާ "ރާމާޔަނާ" ގައި ރާވަނާގެ ދައުރު އަދާކުރާނެ ކަމަށެވެ. ފިލްމު ހަދާ ފަރާތްތަކުން އަދި ކާސްޓް ކަށަވަރުކޮށްފައެއް ނުވެއެވެ.