އެމެރިކާގައި އިއްޔެ ބޭއްވުނު ރިޔާސީ އިންތިޚާބު ކުރީގެ ރައީސެއްކަމުގައިވާ ޑޮނަލްޑް ޓްރަމްޕު މިހާރުވަނީ ކާމިޔާބު ކުރައްވައިފައެވެ. ނުވަތަ ކާމިޔާބު ކުރައްވާނެކަން ކަށަވަރުވެފައެވެ. މި ލިޔުން ލިޔާއިރު އޭނާ ވަނީ 267 އިލެކްޓޮރަލް ކޮލެޖް ވޯޓު ކަށަވަރު ކުރައްވައިފައެވެ. އަދި ބާކީ ހަތަރު ފަސް ސްޓޭޓެއް އެބައޮތެވެ. އެތަނުން އެންމެ ސްޓޭޓެއް ލިބިވަޑައިގަތަސް މިކަން ނިމުނީއެވެ. އެކަން ކުރެވޭނެކަން މުޅިން ކަށަވަރެވެ. ޓްރަމްޕަށް ހަމައެކަނި ލިބިވަޑައިގަތީ އިލެކްޓޮރަލް ކޮލެޖް ވޯޓެއް ނޫނެވެ. ޕޮޕިއުލަރ ވޯޓު ނުވަތަ ރައްޔިތިންގެ ސީދާ ވޯޓުވެސް އެންމެ ގިނައިން ހޯއްދެވީ ޓްރަމްޕެވެ. މިހާރުވެސް ކަމަލާ ހެރިސްއަށްވުރެ ފަސް މިލިޔަނެއްހައި ވޯޓު އިތުރަށް ހޯއްދަވައިފައިވެއެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބަކީ ނިކަން ޒާތެއްގެ އިންތިޚާބެކެވެ. އެގައުމުގައި ވޯޓުނުލެވޭ މީހުންވެސް ތިބެއެވެ. ރައްޔިތުން ވޯޓުދޭ މީހާ ނުހޮވޭ ފަހަރުވެސް އާދެއެވެ. މިހެންގޮސް ދުނިޔޭގެ އެހެނިހެން ގައުމުތަކާ ވަރަށް ތަފާތު އެތައް ސިފައެއް އެމެރިކާގެ ރިޔާސީ އިންތިޚާބުން ފެނެއެވެ. މިކަންކަމަށް ބަލައިލަމާބަހީއެވެ.
މިސާލަކަށް ޕުއެޓޮރިކޯ ނަގަމާހެއްޔެވެ. އެއީ އެމެރިކާގެ ސަރަހައްދެކެވެ. އާބާދީއަކީ ގާތްގަޑަކަށް 3.2 މިލިޔަން މީހުންނެވެ. އެ އެންމެންނަކީވެސް އެމެރިކާގެ ރައްޔިތުންނެވެ. އެކަމަކު އެއީ އެމެރިކާގެ ފުރިހަމަ ސްޓޭޓަކަށްނުވާތީ ޕުއެޓޮރިކޯގެ ރައްޔިތުންނަކަށް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވޯޓެއް ނުލެވެއެވެ. އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ މަތީގެޔާއި ތިރީގޭގައި ޕުއެޓޮރިކޯ ތަމްސީލު ކުރައްވާ މެންބަރުންވެސް ނުތިއްބަވައެވެ. ރިޔާސީ އިންތިޚާބަށްފަހު ރައީސަކު ކަނޑައަޅަނީ އިލެކްޓޮރަލް ކޮލެޖުން ކަމަށްވާއިރު އެކޮލެޖަށްވެސް ޕުއެޓޮރިކޯއަކުން މަންދޫބުން ނުފޮނުވެއެވެ. އެކަމަކު ރިޔާސީ ކެންޑިޑޭޓުން ކަނޑައެޅުމުގެ ޕްރައިމަރީތަކުގައި ޕުއެޓޮރިކޯއަށް ބައިވެރިވެވެއެވެ. އެމެރިކާގެ ރަށެއް ކަމުގައިވާ ގުއާމްގެ މިސާލަކީވެސް މިއީއެވެ. ގުއާމަކީ ޕެސިފިކް ކަނޑުގައި އޮންނަ އެމެރިކާގެ ޖަޒީރާއެކެވެ. އެތަނުގައި ދިރިއުޅޭ ދެލައްކަ މީހުންނަކީ އެމެރިކާގެ ރައްޔިތުންނެވެ. އެކަމަކު އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އެމީހުންނަކަށް ވޯޓެއް ނުލެވެއެވެ.
ގުއާމްގެ ރައްޔިތުންނަށް ވޯޓުނުލެވެނީ ސްޓޭޓަކަށް ނުވާތީއެވެ. އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގައި ގުއާމް ތަމްސީލުކުރާ މެންބަރުން ނުތިބޭތީއެވެ. އެމެރިކާގެ ސަރަހައްދުތަކުގެ ތެރެއިން އެމެރިކަން ސެމޯއާ އާއި ޔޫއެސް ވާރޖިން އައިލެންޑްސްގެ ހާލަތަކީވެސް މިއީއެވެ. އެތަންތާގައި ތިބީ އެމެރިކާގެ ރައްޔިތުންނެވެ. އެކަމަކު އެމެރިކާގެ އިންތިޚާބުތަކުގައި ވޯޓެެއް ނުލެވެއެވެ. މަތީގައި ބަޔާންކުރެވުނު ސަރަހައްދުތަކުގައި ހަތަރު މިލިޔަނަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ. ހައްތާވެސް އެމެރިކާގެ ރައްޔިތުންނެވެ. ބަރާބަރަށް ޓެކްސް ދައްކާ ރައްޔިތުންނެވެ. އެކަމަކު ވޯޓެއް ނުލެވެއެވެ. ކޮންކަހަލަ ޑިމޮކްރަސީއެއް ހެއްޔެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބުގައި ވޯޓުލެވެނީ ހަމައެކަނި ސްޓޭޓްތަކުގެ ރައްޔިތުންނަށް ބާވައެވެ. މުޅިއަކުން އެހެނެއްވެސް ނޫނެވެ. ސްޓޭޓަކަަށް ނުވާ ނުވަތަ ސްޓޭޓެއްގެ ދަރަޖަ ލިބިފައިނުވާ ބައެއް ތަންތަނުގެ މީހުންނަށްވެސް ވޯޓުލެވެއެވެ. މީގެ މިސާލަކީ ޑިސްޓްރިކްޓް އޮފް ކޮލަމްބިއާ ނުވަތަ ޑީސީއެވެ.
ވޮޝިންޓަން ޑީސީގައި ދިރިއުޅެނީ ގާތްގަޑަކަށް ހަތްލައްކަ މީހުންނެވެ. އެ އެންމެނަށްވެސް ވޯޓުލެވެއެވެ. އަދި ކިޔެއްތަ ރައީސަކު ކަނޑައެޅުނުގެ އިލެކްޓޮރަލް ކޮލެޖަށް ތިން މަންދޫބުންވެސް ފޮނުވެއެވެ. ޑިސްޓްރިކްޓް އޮފް ކޮލަމްބިއާއަކީ ހަގީގަތުގައި އެމެރިކާގެ ވެރިރަށް ވޮޝިންޓަނެވެ. އެއީ ވަކި ސްޓޭޓަކަށް ނިސްބަތްނުވާ ފެޑެރަލް ޑިސްޓްރިކްޓެކެވެ. ވޮޝިންޓަން ސަހަރު ގާއިމުކުރެވިފައިވަނީ އެ ޑިސްޓްރިކްޓްގެ ތެރޭގައެވެ. ޑިސްޓްރިކްޓް އޮފް ކޮލަމްބިއާއޭ އެކިޔަނީ އިޓަލީގެ މަޝްހޫރު ދަތުރުވެރިޔާ އަދި ސައްޔާހު ކްރިސްޓޮފަރ ކޮލަމްބަސްއަށް ނިސްބަތްކޮށްފައެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބަކީ ވަރަށް އޮޅުންބޮޅުންތައް ގިނަ އިންތިޚާބެކެވެ. އޭގެ ސިއްރަކީ ދުނިޔޭގެ އެހެން ތަންތަނުގައި ރައީސުން ހޮވަނީ ރައްޔިތުންގެ ސީދާ ވޯޓަކުން ކަމަށްވެފައި އެމެރިކާގައި އެކަންކުރާގޮތް ތަފާތުވުމުންނެވެ. އެމެރިކާގައި ރައީސަކު ހޮވަނީ ރައްޔިތުންގެ ސީދާ ވޯޓަކުން ނޫނެވެ. ދުނިޔޭގެ އެހެން ތަންތަނުގައި ރައީސަކަށް ހޮވެނީ އިންތިޚާބުގައި އެންމެ ގިނަ ވޯޓުހޯދާ ކެންޑިޑޭޓެވެ.
އެމެރިކާގައި އެންމެ ގިނަ ވޯޓުހޯދާ ކެންޑިޑޭޓް ނުހޮވިފައިވެސް އެބަހުއްޓެވެ. އެހެން އެވަނީ ކުރިންވެސް ދެންނެވިފަދައިން އެމެރިކާގައި ރައީސަކު ކަނޑައަޅަނީ ރައްޔިތުންގެ ސީދާ ވޯޓަކުން ކަމަށް ނުވާތީއެވެ. މީގެ މިސާލަކީ ދެހާސްވަނަ އަހަރުގެ ރިޔާސީ އިންތިޚާބެވެ. އެންމެ ގިނަ ވޯޓު ހޯއްދެވީ އަލްގޯއެވެ. އެކަމަކު ރައީސްކަމަށް ހޮވުނީ ޖޯޖް ޑަބްލިޔު ބުޝްއެވެ. އޭގެފަހުން 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އަނެއްކާވެސް މިކަން ވަނީ ތަކުރާރުވެފައެވެ. އެންމެ ގިނަ ވޯޓު ހޯއްދެވީ ހިލަރީ ކުލިންޓަނެވެ. އެކަމަކު ރައީސްކަމަށް ހޮވުނީ ޑޮނަލްޑް ޓްރަމްޕެވެ. ޓްރަމްޕަށްވުރެ އިތުރަށް ގާތްގަޑަކަށް ތިން މިލިޔަން ވޯޓު ހިލަރީ ކްލިންޓަން ހޯއްދެވިއެވެ. އެކަމަކު ހަރާމުން ހަރާމެވެ. ވީކަމެއް ނެތެވެ. މިހެން މިވަނީ ކީއްވެގެންބާވައެވެ. އެހެންއެވަނީ އިލެކްޓޮރަލް ކޮލެޖޭ ކިޔާ ނިޒާމެއްގެ ސަބަބުންނެވެ. އެމެރިކާގައި ރައީސަކު ކަނޑައަޅަނީ މިދެންނެވި އިލެކްޓޮރަލް ކޮލެޖުންނެވެ. އިލެކްޓޮރަލް ކޮލެޖަކީ ކޮބައިކަމާއި އެ ނިޒާމުގެ ތާރީޚާއި ބޭނުމަށް ބަލައިލަމާބަހީއެވެ.
އެމެރިކާގައި އޮންނަނީ ޖުމްލަ ފަންސާސް ސްޓޭޓެވެ. ގާނޫނުހަދާ މަޖިލީހުގެ މަތީގެޔާއި ތިރީގޭގައި މިދެންނެވި ފަންސާސް ސްޓޭޓް ތަމްސީލުކުރަން ތިއްބަވަނީ ޖުމްލަ 538 މެންބަރުންނެވެ. އެއީ ވޯޓުލެވޭ 535 މެންބަރުންނާއި ވޯޓުނުލެވޭ 3 މެންބަރުންނެވެ. ވޯޓުނުލެވޭ 3 މެންބަރުންނަކީ ޑިސްޓްރިކްޓް އޮފް ކޮލަމްބިއާގެ މެންބަރުންނެވެ. ގާނޫނު ހަދާ މަޖިލީހުގައި ތިއްބަވާ މެންބަރުންގެ އަދަދަށް ކޮންމެ ރިޔާސީ އިންތިޚާބަކަށްފަހު ރައީސަކު ކަނޑައަޅާ ވަގުތީ މަޖިލީހެއްވެސް ހޮވައެވެ. މިކިޔާ އިލެކްޓޮރަލް ކޮލެޖަކީ އެއީއެވެ. ރައީސަކު ހޮވުމަށް ބޭނުންވަނީ މިދެންނެވި 538 މަންދޫބުންގެ ތެރެއިން އެންމެ މަދުވެގެންވެސް 270 މަންދޫބުންގެ ވޯޓެވެ. ކުރިން ދެންނެވި ފަންސާސް ސްޓޭޓުގެ ތެރެއިން ކޮންމެ ސްޓޭޓަކަށްވެސް އެ ސްޓޭޓެއްގެ އާބާދީއަށް ބަލައިފައި މަންދޫބުން އެލޮކޭޓް ކުރެވެއެވެ. ރިޔާސީ އިންތިޚާބުގައި މިކުރާ ކަމަކީ އެކިއެކި ސްޓޭޓްތައް ވަކިން ކޮންމެ ސްޓޭޓެއްގައި ކުރިހޯދާ ކެންޑިޑޭޓަކު ބެލުމެވެ.
މިދެންނެވި ގޮތަށް ބަލައިފައި އެ ސްޓޭޓެއްގައި ކުރިހޯދާ ކެންޑިޑޭޓަކަށް އެ ސްޓޭޓްގެ ހުރިހާ އިލެކްޓޮރަލް ކޮލެޖް ވޯޓެއް މިލްކުވީއެވެ. އެންމެ ވޯޓެއްގެ ތަފާތުން ސްޓޭޓް ކާމިޔާބު ކުރިއަސް އެ ސްޓޭޓެއްގެ މިދެންނެވި އިލެކްޓޮރަލް ކޮލެޖް އެ ކެންޑިޑޭޓަކަށް ލިބުނީއެވެ. މިކަން މިހެން އޮތީމާ އެމެރިކާގެ ފަންސާސް ސްޓޭޓްގެ ތެރެއިން އެންމެ އާބާދީ ބޮޑު ބާރަ ސްޓޭޓް އެންމެ ވޯޓެއްގެ ތަފާތުން ކާމިޔާބުކޮށްފައި އަނެއް 38 ސްޓޭޓުގައި އެންމެ ވޯޓެއް ނުލިބުނަސް އެމީހަކު ރައީސްކަމަށް އެބަހޮވެއެވެ. މިވާގޮތަކީ އެއީއެވެ. ރައީސްކަމަށް އަންނަން ބޭނުންވާ 270 އިލެކްޓޮރަލް ކޮލެޖް ވޯޓު އެންމެ ބާރަ ސްޓޭޓުން ކަށަވަރުވީމާ އެނިމުނީއެވެ. މިނިޒާމު މިގޮތަށް ހަމަޖެއްސުނީ މީލާދީން ސަތާރަސަތޭކައިގެ އަހަރުތަކުގައި ކަޅު މީހުންނަށް އިންތިޚާބުތަކުގެ ނަތީޖާ ބަދަލުކުރަން ފުރުސަތު ނުދޭންވެގެންނެވެ. އެންމެ ފުރަތަމަ ޚިޔާލު ކުރެވުނީ ރައްޔިތުންގެ ސީދާ ވޯޓަކުން ރައީސަކު ހޮވުމަށެވެ. އެގޮތް ކަމަކު ނުދިޔައެވެ.
އެއަށްފަހު ދެން ޚިޔާލު ކުރެވުނީ ގާނޫނުހަދާ މަޖިލީހުގެ ތެރެއިން އެކަން ކުރުމަށެވެ. އެގޮތްވެސް ކަމަކު ނުދިޔައެވެ. އެގްޒެކަޓިވް ބްރާންޗާއި ލެޖިސްލޭޓިވް ބްރާންޗް މުޑިއަރާތީއެވެ. ދެން ހޯދުނު ހައްލަކީ ގާނޫނުހަދާ މަޖިލީހުގައި މެންބަރުން ތިބޭ އަދަދަށް އިލެކްޓޮރަލް ކޮލެޖަށް މަންދޫބުން ހޮވައި އެމީހުންގެ ވޯޓަކުން ރައީސަކު ކަނޑައެޅުމަށެވެ. ކޮންމެ ސްޓޭޓަކުންވެސް ހޮވޭ މަންދޫބުން އިޚުލާސްތެރިވާނީ ޕާޓީގެ ކެންޑިޑޭޓަށެވެ. އެކަމަކު ދެ ސްޓޭޓެއް ތަފާތެވެ. އެއީ މެއިން އާއި ނެބްރާސްކާއެވެ. އެދެ ސްޓޭޓްގެ މަންދޫބުންނަށް އެމީހުން ބޭނުން ކެންޑިޑޭޓަކު އިޚުތިޔާރު ކުރެވިދާނެއެވެ. ޕާޓީއަށް ސްޓޭޓަށް ބެލުން ލާޒިމެއް ނޫނެވެ. ކޮންމެއަކަސް ދުނިޔޭގެ އެންމެ ވަރުގަދަ އެންމެ ފުރިހަމަ ޑިމޮކްރަސީއޭ ބުނާ ގައުމުގައި މިކަން އޮންނަ ގޮތަކީ މިއީއެވެ. ރައްޔިތުންގެ ތެރެއިން އެންމެ ގިނަބަޔަކު ވެރިކަމަށް ގެންނަން ވޯޓުދޭ މީހާ ނުހޮވެން މެދުވެރިވާ ގޮތަކީވެސް މިއީއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ