ކުރީ ސަރުކާރުން ވަނީ، ބައެއް ޕްރިންސިޕަލުން އެ ބޭފުޅުން ތިއްބަވަން ޖެހިވަޑައިގަންނަވާ ތަންތަންނޫން، އެހެން ތަންތަނަށް އަރުވާލާފައި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާާޅުވީ، ޕްރިންސިޕަލުން ދަރިވަރުންނާ ދޭތެރޭ ތަފާތުކުރުންތައް ގެންގުޅެގެން ބެލެނިވެރީން އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހެޅި މައްސަލަތައް ބަލާފައި ނުވާއިރު، މި ސަރުކާރުން އެ މައްސަލަތައް ބަލަމުންދޭތޯ އޮޅުންފިލުވުމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސެއިން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީއާ އޭނާއާ ހަވާލު ކުރެއްވުމަށްފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި އެންމެ ފުރަތަމަ އިރުޝާދަކީ އަދުލުވެރިކަމާއެކު މުވައްޒަފުންނާމެދު ކަންކަން ކުރުން ކަމަށެވެ.

މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި އިރު، ރާއްޖޭގެ ސާޅީހަކަށް ސްކޫލްގެ ޕްރިންސިޕަލުން އެ ބޭފުޅުން ތިއްބަވަން ޖެހޭ ތަންތަންނޫން އެހެން ތަންތަނަށް އަރުވާލެވިފައިވާ ކަމަށާއި، ބައެއް މުވައްޒަފުންނަށް އަނިޔާވެރިވެފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ އިތުރުން 300 އެއްހާ މުވައްޒަފުންނަށް ވަނީ އެކަށީގެންވާ ހެއްކެއް ނެތި އަދަބުވެސް ދީފައިވާ ކަމަށް ވިދާޅުވިއެވެ.

"އެހެންވީމާ ޕްރިންސިޕަލެއް ކަމުގައިވިޔަސް، ޓީޗަރެއް ކަމުގައިވިޔަސް، ޓީޗަރަކާ މުވައްޒަފަކާ ދޭތެރޭގައި އުފުލޭ ޝަކުވާ އެއީ ކްރެޑިބަލް ގޮތެއްގައި އަދުލުވެރި ގޮތެއްގައި އަންނަ ޝަކުވާއެއް ކަމަށް އަޅުގަނޑުމެން ކަށަވަރު ކުރާނަން، އަންނަ ކޮންމެ ޝަކުވާއަކަށް އަޅުގަނޑުމެން ދެން ފިޔަވަޅު އަޅަން ފައްޓައިފިނަމަ ގާނޫނުއަސާސީން މުވައްޒަފުންނަށް ލިބިފައިވާ ހައްގު، އެމްޕްލޯއިމެންޓް އެކްޓުން މުވައްޒަފުންނަށް ލިބިދީފައިވާ ހައްގު ވައިލެންޓްވަމުންދާތަން ފެންނާނީ،"

އެހެންކަމުން މިނިސްޓަރު ވިދާޅުވީ، ފިޔަވަޅު އެޅުއްވުމުގައި އެ ބޭފުޅުން ގެންގުޅުއްވާނީ، އަދުލުވެރިކަން ކަމަށެވެ.

"ކްރެޑިބަލް އިންފޮމޭޝަނަށް ބަލައި އަޅުގަނޑުމެންގެ ޓީމުތައް އެ ރަށްރަށަށް ދަތުރުކޮށް، އަޅުގަނޑުމެން އަލިއްލައަށް ކަންކަން ބެލުމަށްފަހުގައި ނޫނީ އެހެން އަންނަ ބައެއް ޝަކުވާތަކަށް އަޅުގަނޑުމެން ފިޔަވަޅު އަޅަން ގަސްތު ނުކުރާ ކަމަށް ދަންނަވަން،" މިނިސްޓަރު ވިދާޅވިއެވެ.