މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް މި ސަރުކާރުން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކޯލްޑް ސްރޯރޭޖު ފެސިލިޓީތަކާއި މަހުގެ ޕްރޮސެސިން ކެޕޭސިޓީ އިތުރުވުމުން، ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓުކޮށްގެން ލިބޭ ބޭރު ފައިސާ ތިން ގުނައަށް އިތުރު ކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ، ރާއްޖޭގެ މަސްވެރިންނަށް ނުއަގުގައި ރޯމަސް އެކްސްޕޯޓުކުރުން މަޖުބޫރުވަނީ ފާއިތުވި ސަރުކާރުތަކުން މަސްވެރިންނަށް އިހުމާލުވެފައިވުމުން ކަމަށެވެ.
"އަޅުގަނޑުމެން މި ޖެހެނީ ރޯމަހުގެ ގޮތުގައި މަސް ބޭރުކުރަން. ބޭރުކުރީމަ ދުނިޔޭގެ ބާޒާރުތަކުގައި އެކި ގޮތްގޮތަށް މަސް ވަރަށް އަގުބޮޑުކޮށް ވިއްކަނީ. އެއީ އަޅުގަނޑުމެންނަށް މިއަދު މަޖުބޫރުވެފައި މިވަނީ ރޯމެޓީރިލައިލްގެ ގޮތުގައި މަސްބޭރުކުރަން. މަސްގަންނަ ފަރާތުން އެމީހަކު ބޭނުންވާ ގޮތަކަށް އެ ކުންފުންޏެއް ބޭނުންވާ މާކެޓުގައި ބޭނުން ގޮތަކަށް އެ މަސް ވިއްކަނީ. ރޯ މެޓީރިއަލްގެ ގޮތުގައި ބޭރުކުރަންޖެހޭތީ ނުލިބޭ ރަނގަޅު އަގެއް. ނުދަންނަވާނަން ހަމަ އަގެކޭ،" ޝިޔާމް ވިދާޅުވިއެވެ.
އެކަމަށް ހައްލު ހޯދައިދިނުމަށް ރާއްޖޭގެ އެކި ކޮންކޮޅުތަކުގައި މި ސަރުކާރުން، ކޯލްޑް ސްޓޯރޭޖު ފެސިލިޓީ އަދި މަހުގެ ޕްރޮސެސިން ކެޕޭސިޓީ އިތުރުކުރަން ގިނަ މަޝްރޫއުތަކެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށާއި އެ މަޝްރޫއުތައް 2026 ވަނަ އަހަރުގެ މެދުތެރޭ ނިންމަން އަމާޒު ހިފާފައިވާ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
"ޅ. ފެލިވަރު ޕްރޮސެސިން ފެސިލިޓީއަށް އިތުރުވަނީ 100 ޓަނު، މިހާރު މަސް ޕްރޮސެސްކުރާ އަދަދަކީ 35 ޓަނު. ފ. ނިލަންދުއަށް 100 ޓަނު އަދި ގދ. ފިޔޯރީއަށް 100 ޓަނު. ރާއްޖޭގެ ޕްރޮސެސިންގް ކެޕޭސިޓީ ނުވަ ގުނަ އިތުރުވެގެން އެ ދިޔައީ. ކޯލްޑް ސްޓޯރޭޖު އިތުރުވެގެން ދިޔައީ ތިން ގުނަ. މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ސަރުކާރަކުން ގެންނާނެ އެންމެ ބޮޑު އިންގިލާބީ ބަދަލު. އެެންމެ ބޮޑު ކުރިއެރުން މިއީ. ދެ ގުނައަށް ނުވަތަ ތިން ގުނައަށް އިތުރުވެގެން ދާނެ މި ޕްރޮސެސިން ފެސިލިޓީތައް އަދި ކޯލްޑް ސްޓޯރޭޖުތައް ނިިންމާލެވިއްޖެ ކަމަށްވަންޏާ،" ޝިޔާމް ވިދާޅުވިއެވެ.
އެކަމުން ރާއްޖޭގެ މަސްވެރިންނަށް މަހުގެ އަސްލު ހަމަ އަގު ލިބޭނެ ކަމަށާއި ރާއްޖޭގައި އަގު އެއްކޮށްގެން ބޭރުކުރެވޭނަމަ މަސް އެކްސްޕޯޓު ކޮށްގެން ރާއްޖެއަށް ވައްދާ ބޭރު ފައިސާގެ އެތައް ގުނައެއް އިތުވާނެ ކަމަށް ޝިޔާމު ވިދާޅުވިއެވެ.
"މިހާރު ދައުލަތުގައި ހުރީ 35 ޓަނު ޕްރޮސެސްކުރެވޭ ގޮތަށް. އެހެންނަމަވެސް މި ސަރުކާރު ނިމޭއިރު 350 ޓަނު ޕްރޮސެސްކުރެވޭނެ. ކުރިއަށް އޮތް ފަސް އަހަރުތެރޭ 25،000 ޓަނުގެ ކޯލްޑް ސްޓޯރޭޖު ކެޕޭސިޓީ ރާއްޖޭގައި އިތުރު ކުރެވޭނެ،" ޝިޔާމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު