ޓިކްޓޮކް، އިންސްޓަގްރާމް ރީލްސް އަދި ޔޫޓިއުބް ޝޯޓްސް ފަދަ ކުރު ވީޑިއޯތައް މިހާރު ވެފައިވަނީ ޒުވާނުންގެ މައިގަނޑު މުނިފޫހިފިލުވުމުގެ ވަސީލަތަކަށެވެ. މިފަދަ ކޮންޓެންޓަށް ޝައުގުވެރިވުމަކީ ނުރައްކާތެރި ކަމެކެވެ. މިކަން ފެށެނީ މި ކުރު ވީޑިއޯތަކުން އުފާވެރިކަމުގެ ހޯމޯން ކަމުގައިވާ ޑޯޕަމިންގެ ކުރު ބޫސްޓްތަކެއް ލިބެން ފެށުމުންނެވެ. ނަމަވެސް މިކަން ބަދަލުވަނީ ގޯސް ދެވިހިފުމަކަށެވެ. މި ކުރުކުރު ވީޑިއޯތަކުގެ ދިގުމިން ހުންނަނީ 15 ސިކުންތުން ފެށިގެން 1 މިނެޓާ ހަމައަށެވެ. އާންމު ގޮތެއްގައި މިފަދަ ކޮންޓެންޓަށް ޝައުގުވެރިވުމުގެ މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ ކުރު އެޓެންޝަން ސްޕޭނެއް ހުރުންކަމުގައި ދިރާސާވެރީން ބުނެއެވެ.
ނަމަވެސް، މީގެ ފަހަތުގައި ނަފުސާނީ އިތުރު ސަބަބުތައް ވެސް ހުންނަ ކަމަށް ދިރާސާތަކުން ދައްކައެވެ. "ކޮމްޕިއުޓާސް އިން ހިއުމަން ބިހޭވިއަރ" ގައި ޝާއިއުކުރި ދިރާސާއެއްގައި ފާހަގަކޮށްފައިވާ ގޮތުގައި މިފަދަ އާދަތައް އުފެދުމުގައި ކުޑައިރު ދިމާވެފައިވާ ނޭދެވޭ ތަޖުރިބާތަކުގެ ދައުރެއްވެއެވެ. މިއީ ފަހަރެއްގައި ފާޅުގައި ފެންނަން ނެތް ކަމެއް ކަމުގައި ވިޔަސް، އަސްލު ހަގީގަތުގައި ކުޑައިރުގެ ގުޅުންތަކަކީ މީގެ ސަބަބެކެވެ.
ދިރާސާކުރި ފަރާތްތަކުން ޗައިނާގެ ޔުނިވަސިޓީ ދަރިވަރުންގެ މެދުގައި ބޮޑު ސާވޭއެއް ހެދިއެވެ. އެ ސާވޭއިން ދައްކާގޮތުގައި ކުޑައިރު ނޭދެވޭ ތަޖުރިބާތަކާ ކުރިމަތިލާން ޖެހުނު ޒުވާނުން ކުރު ވީޑިއޯތަކަށް ދެވިހިފުމުގެ ފުރުސަތު ބޮޑެވެ. މިފަދަ ތަޖުރިބާތަކުން އެމީހުންގެ ހިތުގައި ފުން ޓްރައުމާއެއް އަށަގަނެއެވެ.
ކުޑައިރުގެ ނޭދެވޭ ތަޖުރިބާތަކުގެ ތެރޭގައި ނަފްސާނީ ނުވަތަ ޖިސްމާނީ އަނިޔާ، މުޅިން އަޅައިނުލައި ދޫކޮށްލުން، އާއިލާގެ ތެރޭގައި އަބަދުވެސް މައްސަލަ ޖެހޭ ނުބައި މާހައުލެއް އޮތުން، އަދި އާއިލާގެ އެހެން މެންބަރުންނަށް އަނިޔާކުރުން ފަދަ ކަންކަން ހިމެނެއެވެ. މިއިން އެނގެނީ އާއިލާގެ މައްސަލަތަކުން ސަމާލުކަން އެއްކިބާކުރުމަށް ފެށުނު ކަމެއް، ފަހުން ފުރިހަމަ އާދައަކަށް ބަދަލުވާ ގޮތެވެ.
މި ބާވަތުގެ ކޮންޓެންޓަކީ ވަރަށް ކުރު އެއްޗަކަށްވާތީ، ސިކުނޑި ވަގުތީގޮތުން އެހެން ކަމަކަށް އެނބުރި ސަމާލުކަން އެއްކިބާވެއެވެ. މި ވީޑިއޯތަކުގެ ހަލުވި ކަމުގެ ސަބަބުން އާއިލާގެ މައްސަލަތަކުން އުފެދޭ ނަފުސާނީ ތަދުތަކަށް ސަމާލުކަން ނުދެވެއެވެ. މިއީ ކުދީންނަށް އެމީހުންގެ ނުރައްކާތެރި އިހުސާސްތައް ބެލެހެއްޓުމަށް އެހީވެދޭ ވަގުތީ ލުޔެކެވެ. މިއީ އެމީހުން ހަމައެކަނި މައްސަލަތައް އިހުމާލުކޮށް، އަވަސް މުނިފޫހިފިލުވުމަކުން ހިނިގަނޑެއް ޖަހާލާ ވަގުތެކެވެ. އެމީހުންނަކަށް ނޭނގެއެވެ. މިއިން އުފެދެމުންދަނީ ނުބައި އާދައެކެވެ.
މި ދިރާސާގައި ބައިވެރިވި ކޮލެޖް ދަރިވަރުންގެ ތެރެއިން، ކުޑައިރު މައްސަލަތަކާ ކުރިމަތިވިނަމަވެސް ދިރިއުޅުމާމެދު ހިތްހަމަޖެހޭ މިންވަރު މަތި ކަމަށް ބުނި ދަރިވަރުން، ކުރު ވީޑިއޯތަކަށް އެހާ ބޮޑަށް ދެވިހިފާފައެއް ނުވެއެވެ. އުއްމީދީ ނަޒަރަކުން ކަންކަމަށް ބެލުމާއި ކެތްތެރިކަމުގެ ސަބަބުން ކުރު ވީޑިއޯތަކުން ވަގުތުން ހިތްހަމަޖެހުން ހޯދުމުގެ ބޭނުން ކުޑަވެފައިވެއެވެ. ދިރާސާކުރި ފަރާތްތަކުން ދެނެގަތް ގޮތުގައި ދިރިއުޅުމާމެދު ހިތްހަމަޖެހޭ މިންވަރު ދަށް މީހުން މިފަދަ ވީޑިއޯތަކަށް ބޮޑަށް ދެވިހިފާފައިވެއެވެ.
އެހެންކަމުން، ކުރު ވީޑިއޯ ބެލުމަކީ ގޭގައި ހުރި އުނދަގޫތަކުން ދުރުވުމަށް ބޭނުންކުރާ ވަސީލަތަކަށް ވެފައިވެއެވެ. ދިރާސާކުރި ފަރާތްތަކުން ގޮވާލާފައިވަނީ ކުޑައިރުއްސުރެ މިކަމަށް ފިޔަވަޅު އަޅައި، ކުދީންނަށް ރައްކާތެރި އަދި ނަފުސާނީ ގޮތުން ހިމާޔަތް ކުރެވިފައިވާ މާހައުލެއް ކަށަވަރުކޮށްދިނުން މުހިންމު ކަމަށެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް