ރާއްޖޭގެ ވެށިން ނުހައްގު މުއްސަނދިކަން ހޯދާ ކޮންމެ މީހެއްގެ މައްސަލަވެސް ބެލެން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މެންބަރު ސަލީމް މިހެން ވިދާޅުވީ، ދައުލަތުގެ މަގާމުތަކުގައި ތިބެ، ނުހައްގު މުއްސަނދިކަން ހޯދާ މައްސަލަތަކުގައި ވެރީންނަށް ދައުވާކުރަން ފަސޭހަވާނެ ގޮތަށް ގާނޫނަށް އިސްލާހު ހުށަހެޅި ބިލުގެ ބަހުސްގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.

މި ބިލްގައި ވަނީ ރައީސުލްޖުމްހޫރިއްޔާކަމުގެ، ނުވަތަ ވަޒީރުކަމުގެ ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ، ނުވަތަ ފަނޑިޔާރުކަމުގެ މަގާމެއްގައި ހުރި ފަރާތްތަކާއި ދައުލަތުގެ މުވައްޒަފުކަން ކޮށްފައިވާ އަދި ކުރަމުންދާ ފަރާތްތަކަށް، ނުހައްގު މުއްސަނދިކަމުގެ ދައުވާ ކުރެވޭނެ ކަމަށެވެ.

މެންބަރު ސަލީމް ވިދާޅުވީ، ނުހައްގު މުއްސަނދިކަމުގެ ކުށުން ހަމައެކަނި އެ ފަރާތްތަކަށް ކުށްވެރިވާގޮތަށް އޮތުމުގެ ބަދަލުގައި ބިލްގައި އޮންނަން ޖެހޭނީ އެފަދަ ކަމެއް ކުރާ ކޮންމެ މީހަކަށް ދައުވާކުރަން ޖެހޭ ގޮތަށް ކަމަށެވެ.

"އަޅުގަނޑުމެނަށް އެބަ ފެނޭ ނުހައްގު ގޮތުގައި ހަމަ ތެޔޮ އެތެރެކޮށްގެން، ސިނގިރޭޓް އެތެރެކޮށްގެން، މަސްތުވާތަކެތި އެތެރެކޮށްގެން، ނޫނީ އެހެން ގޮތްގޮތުންވެސް އެތައް ނުހައްގު މުއްސަނދިަކަމެއް އެބަ ހޯދާ،" ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ، ކޮންމެ ސަރުކާރެއްގައިވެސް، ގިނަ ކުންފުނިތަކެއްގައި ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންގެންދާތަން ފެނިވަޑައިގަންނަވާ ކަމަށެވެ.

"ކޮންމެ ސަރުކާރެއްގައިވެސް ފެންނަނީ އިންތިހާއަށް ކޮރަޕްޝަންގެ އަމަލުތައް ހިނގަމުންދާތަން، ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭނުންވެވަޑައިގަތީ ކޮރަޕްޝަނަށް އެއްވެސް ޖާގައެއް ނުދީ ގާނޫނަށް ގެންނަން ޖެހޭ ކޮންމެ އިސްލާހެއް ގެނެސްގެން ނަމަވެސް މިކަން ސަރުކާރުގެ ތެރެއިން ހުއްޓުވަން،" ސަލީމް ވިދާޅުވިއެވެ.