އެމެޒޯން ޕްރައިމް ވީޑިއޯއިން ހޯމަ ދުވަހުގެ ރޭ މުމްބާއީގައި "ސިޓަޑެލް ހަނީ ބަނީ" ގެ ހާއްސަ ސްކްރީނިން އެއް ބާއްވައިފިއެވެ.

މި ހަފުލާގައި ސަމަންތާ ރުތު ޕްރަބުއާއި ވަރުން ދަވަން އަދި މި ސިލްސިލާ އުފެއްދި ރާޖް އަދި ޑީކޭ ބައިވެރިވިއެވެ.

ޕްރިމިއާ އަށް ސަމަންތާ ދިޔައީ އުޖާލާ، ވިދާ ހުދު ކުލައިގެ ހެދުމަކާއި އުސް ބްލޮކް ބޫޓަކަށް އަރައިގެންނެވެ. އޭނާގެ ރަތް އިސްތަށިގަނޑު، އެ މަޑުމައިތިރި ހެދުމާ ވަރަށް ރީތިކޮށް ގުޅިފައިވެއެވެ. އެއާ ހިލާފަށް ވަރުން ހުރީ ސީދާ ޕޭންޓަކާއި ދޫ ޖެކެޓެކާ ކަޅު ސޫޓެއްގައެވެ.

ސިޓަޑެލް: ހަނީ ބަނީ" އަކީ ސީތާ އާރު މެނޯން ލިޔެ، ރާޖް އަދި ޑީކޭ (ރާޖް ނިޑިމޯރު އަދި ކްރިޝްނާ ޑީކޭ) ޑައިރެކްޓްކޮށްފައިވާ އެކްޝަން ސިލްސިލާއެކެވެ. މިއީ ދުނިޔޭގެ "ސިޓަޑެލް" ފްރެންޗައިޒްގެ އިންޑިއަން ބައެވެ.

މި ސިލްސިލާގެ 2 މިނެޓް 23 ސިކުންތުގެ ޓްރެއިލާގައި ސަމަންތާގެ ކެރެކްޓަރު ކަމުގައިވާ ހަނީގެ ކުޑަ ތައާރަފެއް ދައްކާފައިވެއެވެ. ހަނީއަކީ ކުރިން ދަތިތަކާ ކުރިމަތިލަމުން އައި އެކްޓްރެސްއެކެވެ. ނަމަވެސް ވަރުންގެ ކެރެކްޓަރު ކަމުގައިވާ ބަނީ އޭނާ ރެކްރޫޓްކުރަނީ ޖާސޫސަކަށް ވުމަށެވެ. އަހަރުތަކެއް ފަހުން، އެ ދެމީހުން އަނެއްކާވެސް ބައްދަލުވަނީ އެމީހުންގެ ދަރިފުޅު ނާދިޔާ (ސިޓަޑެލްގައި ޕްރިޔަންކާ ޗޯޕްރާ ކުޅޭ ރޯލު) ކުރީގެ ނުރައްކާތެރި ދުޝްމަނުންގެ ކިބައިން ސަލާމަތްކުރުމަށެވެ. މި ހިސާބުން ވާހަކަ ފެށެނީ ވަރަށް ފޯރިގަދަ ގޮތަކަށެވެ.

އެޑްރެނަލިން އިތުރުވާފަދަ އެކްޝަން މަންޒަރުތަކާއި އިހުސާސްތަކުން ފުރިގެންވާ ޑްރާމާއިން ފުރިފައިވާ މި ޓްރެއިލާއިން ދައްކައިދެނީ ވަރުންނާއި ސަމަންތާގެ ދެމެދުގައިވާ ގުޅުމެވެ. އެމީހުން ޖާސޫސްކަމާއި، ހިޔާނާތާއި، ނުރައްކަލުގެ ދުނިޔެއެއްގައި ދަތުރުކުރާ ގޮތެވެ.

ރުސޯ ބްރަދާސް އޭޖީބީއޯއިން އެގްޒެކެޓިވް ޕްރޮޑިއުސްކޮށްފައިވާ "ސިޓަޑެލް" އަދި އޭގެ ފަހުން އަންނަ އެކްޝަން-ޖާސޫސް އޮރިޖިނަލް ސިލްސިލާތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވެއެވެ. މި ސިލްސިލާތަކުގައި ދައްކައިދެނީ ސިޓަޑެލް ޖާސޫސް އޭޖެންސީއާއި އޭގެ ވަރުގަދަ ދުޝްމަނުންގެ ސިންޑިކޭޓް ކަމުގައިވާ މެންޓިކޯގެ ވާހަކައެވެ. މައި ސިލްސިލާގައި ތަމްސީލުކުރީ ޕްރިޔަންކާ ޗޯޕްރާ އަދި ރިޗަޑް މެޑެންއެވެ.

މި ސިލްސިލާ ނޮވެމްބަރު ހަތަކުން ފެށިގެން ޕްރައިމް ވީޑިއޯއިން ބެލޭނެއެވެ.