އަންނަ އަހަރު ފަށަން ނިންމާފައިވާ ނެޝަނަލް ސާވިސް ޕްރޮގްރާމާއެކު މަގުވަތިވާ ކުދީން މަދުވެ، ގައުމު އާރާސްތުކުރުމަށް ގިނަ ޒުވާނުންތަކެއް ބިނާކުރެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިދިޔަ އާދީއްތަ ދުވަހުގެ ރޭ ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، އޯ ލެވެލް ނިންމުމަށްފަހު އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތު ނެތް ކުދީންނަށް ހާއްސަކޮށްގެން މިލިޓަރީ ތަމްރީނުތައް ދިނުމުގެ ޕްރޮގްރާމެއް އަންނަ އަހަރު ފައްޓަވާނެކަން އިއުލާންކުރައްވައިފައެވެ. އެ ތަމްރީނުތައް ފުރިހަމަކުރާ ކުދީންނަށް ސިފައިން ނުވަތަ ފުލުހުންގެ ވަޒީފާ ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

މާލޭގައި ސީއެޗްއެސްއީ އިމާރާތް އަލުން ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ ކުރެވުނު މަސައްކަތްތަކުން ނަތީޖާތަކެއް ހާސިލުކުރެވިފައިވާ ކަމަށާއި މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ރައީސް ވިދާޅުވެފައިވާ ގޮތަށް ފިކުރީ ގޮތުން ގައުމު ތަރައްގީކުރުމަށްޓަކައި ފިޔަވަޅުތަކެއް އެޅިގެން ގޮސްފައިވާ ކަމަށެވެ.

"ނޮވެމްބަރު 3 ގެ ޖަލްސާގައި ވެސް ރައީސް ފާހަގަކުރެއްވީ އޯ ލެވެލް ނިންމާ ދަރިވަރުންނަށް އޯލްޓަނޭޓިވް ޕާތުސްތަކެއް ކުރިއޭޓް ކުރާ ވާހަކަ. އަޅުގަނޑު ހިތުން އެފަދަ އޯލްޓަނޭޓިވް ޕާތުސްތައް ކުރިއޭޓް ކުރެވުނީމާ އޯ ލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން މަގުމަތިވާ އަދަދު މަދުވެގެންދާނެ. ޒުވާނުންގެ އުފެއްދުންތެރިކަން އިތުރުވެގެންދާނެ. ގައުމު އާރާސްތުކުރުމަށްޓަކައި ގިނަ ޒުވާނުންތަކެއް އިރާދަކުރެއްވިއްޔާ ބިނާވެގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝަފީއު ވިދާޅުވީ އޭ ލެވެލްގައި ކުރިން 1100 އެއްހާ ދަރިވަރުން އެންރޯލް ވެފައިވީ ނަމަވެސް، މިހާރު އެ އަދަދު 2000 އާ ގާތްކުރާ މިންވަރަކަށް މަތިކުރެވިފައިވާ ކަމަށާއި މިދިޔަ އަހަރުތަކަށްވުރެ އިތުރަށް 800 ކުދީންނަށް އޭ ލެވެލްގެ ފުރުސަތު ފަހިކޮށްދެވިފައިވާ ކަމަށެވެ.

"މުޅި މާލެ އާއި އަތޮޅުތަކުގައި ޕަބްލިކް ސްކޫލަށް ބަލައިކަމުގައިވާ ނަމަ، މިއީ 77 އިންސައްތައިގެ އިތުރުވުމެއް. ހަމައެކަނި މާލެއަށް ބަލައިފި ނަމަ، 109 އިންސައްތައިގެ އިތުރުވުމެއް. މި 109 އިންސައްތަ މި އިތުރުވީ މާލޭގެ ތަނެއްގެ ގޮތުގައި ހުޅުމާލެ ވެސް ބަލާތީވެ، ހުޅުމާލޭގެ ސީއެޗްއެސްއީ އާއި މާލޭގެ ސީއެޗްއެސްއީގެ ޖުމުލަ އެއްކޮށްލުމުން މިދިޔަ އަހަރު ޕަބްލިކް ސްކޫލުތަކުގައި ކިޔަވާ ކުދީންގެ އަދަދު 109 އިންސައްތަ މިވަނީ މަތިވެފަ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އަތޮޅުތެރޭގައި 23 ސްކޫލެއްގައި ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި އޭ ލެވެލް ކިޔެވުމަށްޓަކައި ފުރުސަތު ފުޅާކުރިވިފައިވާ ކަމަށާއި ނަތީޖާއެއްގެ ގޮތުން އަތޮޅުތެރޭގައި ވެސް އެ އަދަދު 50 އިންސައްތައަށްވުރެ ކުދީން ގިނަވެގެން ގޮސްފައިވާ ކަމަށެވެ. އަދި ޖުމުލަކޮށް ޕްރައިވެޓް ސްކޫލުތަކާއި ޕަބްލިކް ސްކޫލުތައް އެއްކޮށްލުމުން 38 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.