ބޮލީވުޑްގެ ތަރި މަދޫރީ ޑިކްޝިޓް ގެ ކައިވެންޏަށް 25 އަހަރު ވެއްޖެއެވެ. މި ތަރި މިވަނީ އުފާވެރި އަދި ކާމިޔާބު ގުޅުމެއް ބިނާކުރުމަށް ބޭނުންވާ ކަންތައްތަކާ ބެހޭގޮތުން އޭނާގެ ހިޔާލު ހިއްސާކޮށްފައެވެ. އޭނާ ގަބޫލުކުރާގޮތުގައި މިއީ "ފަސޭހަ ކަމެއް" ނޫނެވެ.

ޑާންސިން ޑީވާ (މަދޫރީ) ކައިވެނިކުރީ ލޮސް އެންޖެލްސް، ކެލިފޯނިއާގެ ހިތުގެ ޑޮކްޓަރެއް ކަމުގައިވާ ޝްރީރާމް ނެނެއާ އެކުގައެވެ. މި ކައިވެނި ކުރެވުނީ 1999 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި، ސަދަން ކެލިފޯނިއާގައި ހުރި މަދުރީގެ ބޮޑު ބޭބެގެ ގޭގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ދެ މީހުންގެ ފުރަތަމަ ދަރިފުޅު އަރިން އުފަންވީ 2003 ވަނަ އަހަރުއެވެ. ދެވަނަ ދަރިފުޅު ރަޔާން ލިބުނީ 2005 ވަނަ އަހަރުގައެވެ.

"މިއީ ވަރަށް ގިނަ ކަންތައްތަކެއް. ޒިންމާތަކެއް. މިއީ ދިނުމާއި ނެގުމުގެ ކަމެއް. އަދި ގަބޫލުކުރަން ޖެހޭނެ، މިއީ އެއް ފުރާޅެއްގެ ދަށުގައި ދިރިއުޅޭ ދެ އިންސާނުންކަން. އެހެންވީމާ، ރަނގަޅު ކަންތައްތަކާއި ނުބައި ކަންތައްތައް ހުންނާނެ. ހަމައެކަނި އެކަން ދެނެގަންނަންވީ،" މަދުރީ ބުންޏެވެ.

"އަދި އަބަދުވެސް މަސައްކަތްކުރަމުންދާނީ އެއް މަގްސަދަކަށް ކަން ގަބޫލުކުރަންޖެހޭނެ، ތި ދެމީހުންގެވެސް ހުވަފެންތަކެއް ހުންނާނެ، އަދި އެއްވަރުގެ މަގްސަދުތަކެއް ހުންނާން ވާނެ. އަބަދުވެސް އެ މަގުސަދަށް ވާސިލުވުމަށް މަސައްކަތްކުރުން މުހިންމު ވާނެ" އޭނާ އިތުރުކޮށްލިއެވެ.

ކާތިކް އާރްޔަން، ވިދިޔާ ބަލަން އަދި ތުރިޕްތީ ދިމްރީއާއެކު "ބޫލް ބުލައްޔާ 3" ގައި ފެނިގެންދިޔަ މި ތަރި ބުނެފައިވަނީ ކޮންމެ މީހަކުވެސް ކައިވެނި ދެމެހެއްޓުމަށްޓަކައި ކޮންމެ ދުވަހަކުވެސް މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

"މިއީ ފަސޭހަ ކަމެއް ނޫން. އެކަމަކު ކޮންމެ ދުވަހަކުވެސް އެކަމަށް މަސައްކަތްކުރަން ޖެހޭނެ އަދި މިއީ ޕާޓްނަޝިޕެއް. އެކަކު އަނެކަކަށް އިހްތިރާމް ކުރަން ޖެހޭނެ. އެކަކު އަނެކަކު ދެކެ ލޯބިވާން ޖެހޭނެ. އެކަކު އަނެކަކަށް ޖާގަ ދޭންވެސް ޖެހޭނެ. އަހަރެން ދެކޭގޮތުގައި މި ހުރިހާ ކަމެއް އެކުވެގެން ކައިވެނި ކާމިޔާބުވާން މަގުފަހިކޮށްދެނީ،" އޭނާ އިތުރުކޮށްލިއެވެ.

މަދޫރީ ފުރަތަމަ ފެނިގެންދިޔައީ 1984 ގައި "އަބޯދް" އިންނެވެ. އޭގެ ފަހުން ވަނީ 70 އަށްވުރެ ގިނަ ފިލްމުގައި ފެނިގެން ގޮސްފައެވެ. ސިނަމާގެ ދުނިޔޭގެ ދަތުރުގައި، މަދުރީއަށް ވަނީ އޭނާގެ އެކްޓިން އަދި ޑާންސިން ހުނަރަށް ތައުރީފު ލިބި، އެކަމަށް ޓަކައި އެތައް އެވޯޑެއްވެސް ލިބިފައެވެ. މީގެ ތެރޭގައި 2008 ވަނަ އަހަރު އިންޑިއާ ސަރުކާރުން ދިން ޕަދްމާ ޝްރީ ހިމެނެއެވެ.