ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ސިލްސިލާކޮށް ކުރިއަށް ގެންދާ "ސައްލާ ފޯރަމް" މިރޭ ފަށާނެކަމަށް އެ ޕާޓީން ބުނެފިއެވެ.

ޕީއެންސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސައްލާ ފޯރަމް ފަށާނީ މިރޭ 9:00 ގައި ބޮޑުތަކުރުފާނު މަގުގައި ހުންނަ އެ ޕާޓީގެ ހަރުގޭގައި ކަމަށެވެ.

މިރޭގެ ސައްލާ ފޯރަމްގައި ވާހަކަ ދެއްކުމަށް ހަމަޖައްސާފައި ވަނީ "ގެދޮރުވެރިކަމުގެ ބަޖެޓު 2025" މި މައުލޫއުއަށް ކަމަށްވެސް ބުންޏެވެ.

ޕީއެންސީން ބުނި ގޮތުގައި މިރޭގެ ސައްލާގެ ޕެނަލިސްޓުންނަކީ، އެ ޕާޓީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު އާއި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ލީގަލް އެފެއާޒް މުހައްމަދު ފިރުޒުލްގެ އިތުރުން މިނިސްޓްރީ އޮފް ފިނޭންސްގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްތޮފާ އެވެ.

މި ފޯރަމްގައި ބައިވެރިވާ އާއްމުންނަށް ޕެނަލިސްޓުންނާ ސުވާލުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ޕީއެންސީން ބުންޏެވެ.