ކޮލެޖުގައި ކިޔަވަމުންދަނިކޮށް ފިލްމީ ދާއިރާއަށް ނުކުތް ކާތިކް އާރްޔަންގެ އެންމެ ފަހުގެ ފިލްމު "ބޫލް ބުލައްޔާ 3" މިހާރު ސިނަމާތަކުގައި އަންނަނީ ދައްކަމުންނެވެ.
އޭނާގެ ފުރަތަމަ ފިލްމު "ޕިޔާރު ކާ ޕަންޗްނާމާ" އަށް ޕޮޕް ކަލްޗަރުގައި މަގާމެއް ލިބުނު ނަމަވެސް، އޭނާއަށް ދަތިތައް ކުރިމަތިވިއެވެ. މިފަހުން ދިން އިންޓަވިއުއެއްގައި ކާތިކް ބުނީ އޭނާ އަދި ކުޅެފައިވަނީ މަދު ފިލްމުތަކެއް ކަމަށާއި އެ ފިލްމުތައްވެސް ބޮކްސް އޮފީހުގައި ރަނގަޅަށް ނުހިނގާތީ، ކުލި ދެއްކުމަށް ދަތިވަމުންދިޔަ ކަމަށެވެ.
މަޝްއަބްލް އިންޑިއާއަށް ދިން މި އިންޓަވިއުގައި، ކާތިކް ބުނިގޮތުގައި "ޕިޔާރު ކާ ޕަންޗްނާމާ" އަށްފަހު، އޭނާ ވަކީން ދިރިއުޅެން ގެއަކަށް ބަދަލުވި ނަމަވެސް، އޭގެ ފަހުން އައި ނާކާމިޔާބީތަކުގެ ސަބަބުން އެ ނިންމުމާމެދު ސުވާލު އުފެދުނުކަމަށެވެ. އެއީ އޭނާ އަމިއްލައަށް ގޭގެ ހުރިހާ ހަރަދެއް ބަލަހައްޓަން ޖެހުނު ހާލަތުގައެވެ.
"އަހަރެން ގެއަކަށް ބަދަލުވެ އެކަނި ދިރިއުޅެން ފެށިން، އެކަމަކު އޭރު ވަރަށް ބޮޑަށް ދަތިވަމުންދިޔައީ. މާ ގިނަ ފައިސާއެއް ނުލިބޭ، އަދި އަހަރެންގެ ފިލްމުތައްވެސް ރަނގަޅަކަށް ނުހިނގާ،" އޭނާ ބުންޏެވެ. މިގޮތުން "އަކާޝް ވާނީ"، "ކާންޗީ"، "ގެސްޓް އިން ލަންޑަން" ފަދަ ކުރީގެ ނާކާމިޔާބު ފިލްމުތަކުގެ މައްޗަށް އޭނާ އަލިއަޅުވާލިއެވެ.
"އަހަރެން މިތަނުގަ ދިރިއުޅުނުއިރު ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހުނު، އެކަމަކު މިތަނާ ވަރަށް ބޮޑަށް ކަނެޓްވެފަ ހުރީ. އެއް ދުވަސްވަރެއްގަ މިގޭގެ ކުލި ދެއްކޭވަރުވެސް ނުވެ ހުރި. އެއީ ވަރަށް އުނދަގޫ ދުވަސްވަރެއް. ރޫމްމޭޓުން ގެނެސްގެން ނުވަތަ އެހެން މީހަކާ ހިއްސާކޮށްގެން އުޅެން ފަށަންވެސް ވިސްނަން ޖެހުނު." ކާތިކް ބުންޏެވެ.
މީގެ އިތުރުން އެ ގެއަށް އައުމުގެ ކުރިން، އޭނާ ދިރިއުޅެމުން ގެންދިޔައީ ތިން ކޮޓަރީގެ އެޕާޓްމަންޓެއްގައި ކަމަށް އޭނާ ބުނިއެވެ. އެ އެޕާޓްމަންޓުގައި 12 މީހުން ދިރިއުޅެމުން ގެންދިޔަ ނަމަވެސް، ކާތިކްއަށް ލިބިފައިވަނީ ހަމައެކަނި ސިޓިން ރޫމުގައި އޮންނަ ގޮދަޑިއެއް އެކަންޏެވެ. "އޭރު އަހަރެން ކުއްޔަށް ދައްކަމުން ދިޔައީ 2،000 ރުޕީސް. އެއް ދުވަސްވަރެއްގައި އެ އަދަދު 4،000 ރުޕީސްއަށް އިތުރުވި،" އޭނާ ބުންޏެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން