މާލޭ މަގުތަކުން ހަ މަސްތެރޭ ބުޅާތައް ނަގައި ނިމޭނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ހަދާ ބުޅާ ފެސިލިޓީ ހުޅުވަން ނިންމާފައިވަނީ މާދަމާ ކަމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލަފެއާ މިނިސްޓްރީން މިދިޔަ މަހުގެ 24 ވަނީ ބުނެފައެވެ،

އެ ފެސިލިޓީއަކީ މާލެ ސަރަހައްދުގެ ޕާކުތަކާއި މަގުމަތީގައާއި އަދި މި ނޫންވެސް އާންމުން އެއްވެ އުޅޭ ސަރަހައްދުތަކުގައި ބުޅާ ގިނަވެ، އެ ބުޅާތަކަށް ލިބެމުންދާ އަނިޔާތަކާއި އަދި ތަފާތު ބަލިތައް ޖެހުމުން ސަލާމަތްކޮށް، ބުޅާތައް ދިރިއުޅޭނެ ރައްކާތެރި މާހައުލެއް ގާއިމުކުރުމުގެ ބޭނުމުގައި ހަދާ ތަނެކެވެ. އަދި އެއީ އާންމު ތަންތަނުގައި ބުޅާ ގިނަވުމުގެ ސަބަބުން ފެތުރިދާނެ ބަލިތަކުން އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ބޭނުމުގައި ވެސް ގާއިމުކުރާ ފެސިލިޓީއެކެވެ

އިއްޔެ ނޫސްވެރީންނަށް، ބުޅާ ފެސިލިޓީގެ މަސައްކަތްތައް ކުރިއަށްގެންދާ ގޮތް ދައްކާލުމަށް ފަހު މޭޔަރު އާޒިމް ވިދާޅުވީ ވަރަށް ގިނަ ރައްޔިތުން އެދޭ ކަމަކަށްވީ ނަމަވެސް ހުރިހާ ބުޅަލެއް އެއްފަހަރާ ނުގެނެވިދާނެ ކަމަށެވެ.

"އަމާޒަކީ 4 ނުވަތަ 6 މަސްތެރޭ މިހިސާބަށް ހުރިހާ ބުޅަލެއް ގެނެވި، އެ އެއްޗިއްސަށް ރަނގަޅު މާހައުލެއްދީ މާލެ ބުޅަލުގެ ނަޖިހުން ސަލާމަތްކޮށްދިނުން. ސަލްމާން މިސްކިތް ކައިރީ އުޅޭ ބުޅާތައް ގެނައުން އެއީ ވަރަށް ބޮޑު އަމާޒެއް. ބޮޑަށް މީހުން އުޅޭ ސަރަހައްދުތަކުން ނެގޭތޯ މަސައްކަތްކުރަނީ. އެހެންނަމަވެސް ބުޅާ ހިފުމަކީ ފަސޭހަ ކަމަކަށް ނުވާނެކަން ގަބޫލުކުރައްވާތި! ހުރިހާ ބުޅާތައް ނަގަން ވަގުތުކޮޅެއް ނަގާނެ." އާޒިމް ވިދާޅުވިއެވެ.

ބުޅާތައް ހިފުމުގައި އެކަމުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދާނެ ކަމަށާއި ނަމަވެސް އެއީ ބޮޑު ހަރަދެއް ހިނގާނެ ކަމަކަށް ވުމުން ފުރަތަމަ ފެށިގެންދާއިރު ފޯކަސް ކުރާނީ ސަލްމާން މިސްކިތް ކައިރީ އުޅޭ ބުޅާތައް، ބުޅާ ފެސިލިޓީއަށް ގެނައުމަށް ކަމަށް އާޒިމް ވިދާޅުވިއެވެ. އޭގެ އިތުރުންވެސް ކުރިއަށް އޮތްތަނުގައި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީއާ މަޝްވަރާކުރުމަށްފަހު، އެހެން ދޫނިސޫފާސޫފި ވެސް ބުޅާ ފެސިލިޓި ކަހަލަ ތަނަކަށް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

"އެހެން އިންތިޒާމެއް ހަމަޖެހޭތޯ ބަލާނަން. މިއީ ވަރަށް ބޮޑު ހަރަދެއް ހިނގާނެ ކަމެއް. މާލެ ސިޓީ ކައުންސިލުން މި ހުރިހާ ހަރަދެއް ކުރަމުން މިދަނީ. އެހެންވީމަ މިކަމުގައި އާމްދަނީ ހޯދޭނެ ގޮތްތައްވެސް ހޯދަން އެބަޖެހޭ. ދެކޮޅު ޖެހޭނެ ގޮތެއްވެސް ހޯދަން ޖެހޭ. އެހެންވީމަ ރައްޔިތުންގެ ފައިސާއިން ކުރެވޭ ކަންތައްތަކުގައި ވަރަށް ރަނގަޅަށް ވިސްނައިގެން ކުރަން ޖެހޭނީ. ބަލަމުންމިދަނީ ސަރުކާރުންވެސް އިތުރު ބަޖެޓެއް ލިބޭތޯ. އެކަމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި. ވަަރަށް ބޮޑަށް ގަބޫލުކުރަން މިނިސްޓަރު މަސައްކަތް ކޮށްދެއްވައިފިއްޔާ އެ ފައިސާ ލިބޭނެކަން. އެގޮތަށް ދިމާވެއްޖެއްޔާ ބަޖެޓަށް ލުއިވެގެންދާނެ" އާޒިމް ވިދާޅުވިއެވެ.

އޭގެ އިތުރުންވެސް އާޒިމް ވިދާޅުވީ ބުޅާތައް ބެލެހެއްޓުމުގައި ޖަމިއްޔާތަކުގެ އެހީގައި އެތަނުގައި ވޮލެންޓިއާކޮށް މަސައްކަތް ކުރަން ބޭނުންވާ ފަތާތްތަކާ ގުޅިގެން އެކަން ކުރުމަށް މަގުފަހިވެފައިވާ ކަމަށެވެ.

އެ ފެސިލިޓީގައި ބުޅާތައް ކަރަންޓީނު ކުރެވޭނެ ސަރަހައްދަކާއި ކްލިނިކަކާއި ފާމަސީ އާއި ލެބޯޓްރީ އަދި ހިޔާވަހިކަމެއް ހުންނާނެއެވެ. ބުޅާތަކަށް އެކަށީގެންވާ ސިއްހީ ފަރުވާ އަދި ކުޅޭ ސަރަހައްދު ފަދަ ތަފާތު ހިދުމަތްތައް ލިބެން ހުންނާނެއެވެ.

މީގެ އިތުރުން ގޭގައި ގެންގުޅޭ ބުޅާތަކަށް ވެސް ފެންވަރު ރަނގަޅު ސިއްހީ ފަރުވާ އެ ފެސިލިޓީން ލިބިގެންދާނެ ކަމަށް މީގެ ކުރިން މާލޭ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

އެ ފެސިލިޓީ ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، މާލޭ ސިޓީ ކައުންސިލުން ވަނީ ބުޅާތަކަށް ފަރުވާދިނުމަށް ޑޮކްޓަރަކާއި ދެ ނަރުހުން ހޯދުމަށް އިއުލާނުކޮށްފައެވެ.

ބުޅާ ފެސިލިޓީ ހަދަނީ ފަރުކޮޅުފުށި ސަރަހައްދުން 5،000 އަކަފޫޓުގެ ބޮޑު ބިމެއްގައެވެ.