(18 އޮކްޓޯބަރުގެ އަދަދާ ގުޅޭ)
އަރަހުށި މާތް اللّـــه ކީރިތި ޤުރްއާނުގެ އެހެން އެތައްތަނެއްގައިވެސްވަނީ މައިންބަފައިންނަށް އިޙްސާންތެރިވާން އަމުރުކުރައްވައިފައެވެ. މިގޮތުން ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައިވެއެވެ.
"އިންސާނާއަށް އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށްހިތުމަށް) ތިމަންރަސްކަލާނގެ ވަޞިއްޔަތްކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތިކަމާއެކު މާބަނޑުގައި އޭނާ އުފުލިއެވެ.
"އިންސާނާއަށް އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށްހިތުމަށް) ތިމަންރަސްކަލާނގެ ވަޞިއްޔަތްކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތިކަމާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކިރުތުނބުން ވީއްލުންވަނީ ދެއަހަރުގައެވެ. (ތިމަންރަސްކަލާނގެ އަމުރުކުރެއްވީމެވެ.) ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް ޝުކުރު ކުރާށެވެ! އެނބުރި ރުޖޫޢަވުން ވަނީ ތިމަންރަސްކަލާނގެ ޙަޟްރަތަށެވެ." (لــقـمــان: 14)
ކީރިތި ޤުރްއާނުގެ އެހެން އާޔަތެއްގައި މިމޭރުމުން ވަޙީކުރައްވައިފައިވެއެވެ.
"އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ ވަޞިއްޔަތް ކުރެއްވީމެވެ. އޭނާގެ މައިމީހާ އުނދަގުލާއި، ތުރާލާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އުނދަގުލާއި، ތުރާލާއެކު އޭނާ ވިހެއެވެ. އަދި އޭނާއާއިގެން މާބަނޑުވުމާއި، ކިރުތުނބުން ވީއްލުމުގެ މުއްދަތަކީ ތިރީސްމަސްދުވަހެވެ." (الأحـقــــاف: 15)
ބަޔާންވެދިޔަ އާޔަތްތަކުގައިވަނީ މައިންބަފައިންނަށް ހެޔޮކޮށްހިތާން އަމުރުކުރައްވައިފައެވެ. އެ އަމުރުފުޅުގައި މަންމައާއި ބައްޕަޔާ ދެމީހުންވަނީ ޝާމިލުކުރައްވައިފައެވެ. ނަމަވެސް މަންމަ އުފުލައިފައިވާ ތުރާތަކާއި އުނދަގޫތަކުގެ ވާހަކަތަކަށްވަނީ ތަފްސީލުކޮށް އަލިއަޅުއްވައިލައްވައިފައެވެ. މައިމީހާވަނީ މާބަނޑުވެ އިނުމުގައިވެސް ތުރާތަކެއް އުފުލައިފައެވެ. ވިހެއުމުގެ ތެރޭގައިވެސް އޭނާ ވަނީ ވޭނާއި ކެކުޅުމާއި އުނދަގޫތައް ތަޙައްމަލުކޮށްފައެވެ. ވިހެއުމަށްފަހުވެސް އެތައްދުވަހެއް ވާންދެން ކިރުދީފައެވެ. ރޭގަނޑު ލޮލުފިޔަނުޖަހައި އޭނާއަށް ހޭހަންކޮށްފައެވެ. އެހެންކަމުން ބައެއް ޙަދީސުފުޅުތަކުން އެނގޭގޮތުގައި ދަރީންގެ މައްޗަށް މައިމީހާގެ ދަރަޖަ ތިންގުނަޔަށް ވަނީ އިތުރުވެގެންނެވެ.
ޞަޙާބީންގެ ބޭކަލެއް ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وســلّـــــم އާ ސުވާލުކުރެއްވިއެވެ. އޭ މާތް اللّــــه ގެ ރަސޫލާއެވެ! އަޅުގަނޑު އެންމެބޮޑަށް ހެޔޮކޮށްހިތުން ޙައްޤުވެގެންވަނީ ކާކަށްތޯއެވެ؟ އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وســلّـــــم ޙަދީސުކުރެއްވިއެވެ. "ތިބާގެ މަންމަޔަށެވެ." އެ ސުވާލުކުރެއްވި ޞަޙާބީ އެކަލޭގެފާނުގެ ސުވާލު ތިންފަހަރަށް ތަކުރާރުކުރެއްވިއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وســلّـــــم އެއިން ކޮންމެ ފަހަރަކުވެސް ޖަވާބުދެއްވީ އެފަދައިންނެވެ. އާދެ، މަންމަޔަށް ކަމުގައެވެ. ސުވާލުކުރެއްވި ޞަޙާބީ ހަތަރުވަނަފަހަރު ސުވާލުކުރެއްވުމުން ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وســلّـــــم ޖަވާބުދެއްވީ "ތިބާގެ ބައްޕަޔަށެވެ." (ޞަޙީޙު ބުޚާރީ: 5971، ޞަޙީޙު މުސްލިމު: 10-3)
މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގެ އަމުރުފުޅަކީ ޢާންމު އަމުރުފުޅެކެވެ. ނަމަވެސް އެދެމީހުން ނުވަތަ އެއިގެތެރެއިން އެކަކު ދަރިޔެއްގެ ގާތުގައި ތިބެ މުސްކުޅި ޢުމުރަށް އެޅިއްޖެކަމުގައިވާނަމަ އެމީހުންގެ ނުވަތަ އެމީހެއްގެ ޙައްޤު އަދާކުރުމުގައި ފަރުވާތެރިވެ ރަނގަޅަށް ބަލަހައްޓައި ހެޔޮކޮށް ހިތުމަށާއި ރަނގަޅު ގޮތުގައި މުޢާމަލާކުރުންވަނީ ޚާއްޞަގޮތެއްގައި އަމުރުކުރައްވައިފައެވެ. މުސްކުޅިކަން އަންނަނީ ތަފާތު ބަލިމަޑުކަމާއި އުނދަގޫތަކާއި ވޭންތައް ހިފައިގެންނެވެ. މުސްކުޅިވުމުން އިންސާނާގެ ޖިސްމާނީ ބާރުތައް ވާޅުވެއެވެ. ހުލިވެއެވެ. ހަކަތައާއި ބުންވަރު ދެރަވެއެވެ. ކޮންމެ ދުވަހަކު އާދަވެގެންކުރާ ކަންކަން ކުރާންވެސް ދަތިވެއެވެ. ހަމައެއާއެކު މިޒާޖަށްވެސް ބަދަލު އާދެއެވެ. ރުންކުރުވެ ރުޅިއަވަސްވެއެވެ. ޠަބީޢަތް އެދޭގޮތާ ޚިލާފަށް ކިތަންމެ ކުޑަކަމެއްވިޔަސް މާބޮޑަށް ނުރުހުންވެ ރުޅިއަންނަގޮތްވެއެވެ. މިފަދަ ޙާލަތުގައި ދަރީންގެ ބާއްޖަވެރިކަމާއި ހެޔޮލަފާކަން ލާޒިމުކުރަނީ އެކަންކަން ފިނިހިތަކާއެކު ބަލައިގަތުމެވެ. ބަރުދާސްތުކުރުމެވެ. އައިތަރިދަވުމެވެ. މައިންބަފައިންގެ މުލައްދަނޑީގެ ބާރަކީ ތިމާކަމުގައިވުމެވެ. އެމީހުން ބޭނުންވާ ކަންތައް ކޮށްދިނުމެވެ. މުހުތާދުތައް ފުއްދައިދިނުމެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وســلّـــــم އިރްޝާދުދެއްވާ ގޮތުގައި މުސްކުޅި މައިންބަފައިންނަށް ޚިދުމަތްކުރުމަކީ މާތް اللّــــه ގެ މަގުގައި ޖިހާދުކުރުމަށްވުރެވެސް މާ ސަވާބުހުރި ކަމެކެވެ. މާ އައިތަވެރިކަމެކެވެ.
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وســلّـــــم ގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. "އޭ މާތް اللّــــه ގެ ރަސޫލާއެވެ. އަޅުގަނޑު ޖިހާދުގައި ބައިވެރިވާން ބޭނުމެވެ." އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وســلّـــــم ސުވާލު ކުރެއްވިއެވެ. "ތިބާގެ މަންމައާއި ބައްޕަ ދުނިޔޭގައި އެބަތިބިހެއްޔެވެ؟" އޭނާ އާދޭހެވެ. ދެންނެވުމުން ޙަދީސުކުރެއްވިއެވެ. "އެމީހުންގެ ގާތުގައިހުރެ ޖިހާދުކުރާށެވެ." (އެމީހުންނަށް ޚިދުމަތްކުރާށެވެ. (ބުޚާރީ، ވަ މުސްލިމު)
އެހެން ރިވާޔަތެއްގައިވެއެވެ. މީހަކު رســـول اللّــــه صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަރިހަށް ހާޒިރުވެ ދެންނެވިއެވެ. "އޭ މާތް اللّــــه ގެ ރަސޫލާއެވެ. އަޅުގަނޑު މާތް اللّــــه ގެ ޙަޟުރަތުން ދަރުމަ އެދިގެން ހިޖްރަކޮށް ތިޔަ ސާހިބާގެ އަރިހުގައި ޖިހާދުކުރުމުގެ މައްޗަށް ބައިޢަތު ހިފާން ބޭނުމެވެ." ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޙަދީސުކުރެއްވިއެވެ. "ތިބާގެ މައިންބަފައިންކުރެ މީހަކު ދުނިޔޭގައި އެބަހުރިހެއްޔެވެ؟" އޭނާ ދެންނެވިއެވެ. "އާދޭހެވެ. އެދެމީހުންވެސް ދުނިޔޭގައި އެބަތިއްބެވެ. "އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަނެއްކާވެސް ސުވާލުކުރެއްވިއެވެ. "ތިބާ އެދެނީ މާތް اللّــــه ގެ ޙަޟުރަތުން ދަރުމައާއި ސަވާބު ލިބުންހެއްޔެވެ؟" އޭނާ އާދޭހެވެ ދެންނެވުމުން ޙަދީސުކުރެއްވިއެވެ.
"ތިބާގެ މައިންބަފައިންގެ ގާތަށް ދާށެވެ. އެ ދެމީހުންނަށް ރަނގަޅަށް ޚިދުމަތްކުރާށެވެ."
އެމީހެއްގެ މުސްކުޅި މައިންބަފައިންނަށް ޚިދުމަތްކުރުމުގެ ތައުފީޤު ލިބިފައިވާ މީހަކީ ސުވަރުގޭގެ އުފާވެރި ޚަބަރު ލިބިގެންވާ މީހެކެވެ. އެ ދެމީހުން މުސްކުޅިކަމުގައި ތިއްބައި ފެނިފައިމެ އެ ދެމީހުންނަށް ޚިދުމަތް ނުކުރާ މީހުނަށް ދެއްވައިފައިވަނީ ނަރަކައިގެ ވަޢީދެވެ.
أبـــوهــــــريـــــرة رضـــى اللّــــه عــنـــــه ރިވާކުރައްވައިފައިވެއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެއްދުވަހަކު ޞަޙާބީންގެ މަޖިލީހެއްގައި އިންނަވައިފައި ޙަދީސުކުރެއްވިއެވެ.
رغــــم انــفـــه (އޭނާގެ ނޭފަތް ހިރަފުހުން ތަތްތެޅިއްޖެއެވެ. - އޭނާގެ މުރާދު ޙާޞިލުނުވެ ނާކާމިޔާބުވެއްޖެއެވެ.) ހާޒިރުވެވަޑައިގެން ތިއްބެވި ބޭކަލުން ސުވާލުކުރެއްވިއެވެ. އޭ މާތް اللّــــه ގެ ރަސޫލާއެވެ. "ކާކުތޯއެވެ." އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޙަދީސުކުރެއްވިއެވެ. "އެމީހެއްގެ މައިންބަފައިންގެ ނުވަތަ އެދެމީހުންކުރެ އެކެއްގެ މުސްކުޅި ޙާލަތުގައި ދިމާވެ ސުވަރުގެ ނުހޯދުނު މީހާއެވެ."
(ނުނިމޭ)
ދީން
ދީން
ދީން
ދީން