ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގައުމީ މާސްޓަޕްލޭން އެކުލަވާލަނީ ކުޑަ ބަޖެޓަކުން ކަމަށާއި އެ މަސައްކަތް ފެށުމަށް އަގުބޮޑު ހަފުލާއެއް ބާއްވަން އުޅޭ ކަމަށްބުނެ ފަތުރަނީ ދޮގު ހަބަރެއް ކަމަށް ސަރުކާރުން ބުނެފިއެވެ.

ސަރުކާރުގެ އިސް ތަރުޖަމާނު ހީލާ ވަލީދު ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެހެން ވިދާޅުވެފައި މިވަނީ، "އަދަދު" ނޫހުން ރިޕޯޓުކޮށްފައިވާ ހަބަރަކާ ގުޅިގެންނެވެ. އެ ހަބަރުގައި، ކުރިއަށްއޮތް 20 އަހަރުގެ ގައުމީ މާސްޓަޕްލޭންގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ދެ މިލިއަން ރުފިޔާ ހަރަދުކޮށްގެން ބޮޑު ހަފުލާއެއް ބޭއްވުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން ހީނާ މިއަދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ނޫހުން ވަނީ އެފަދަ އެތައް ދޮގު މައުލޫމާތެއް ގަސްތުގައި ފަތުރާފައި ކަމަށާއި މިނިވަން ނޫސްވެރިކަމުގެ ޓެގް އަޅުވައިގެން މި ގައުމުގައި ދޮގު މައުލޫމާތު ފަތުރައި، ފިތުނަ ފަސާދަ އުފެއްދުމަށް މަސައްކަތް ނުކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

"މިއީ ގާތްގަނޑަކަށް ދެ ލައްކަ ރުފިޔާއަށްވުރެވެސް ކުޑަ ބަޖެޓަކުން މުޅި ރާއްޖެ ޝާމިލުވާގޮތަށް ހިންގަން ރާވަމުން އަންނަ ކަމެއް،" ހީނާ ވިދާޅުވިއެވެ.

ކުރިއަށްއޮތް 20 އަހަރު ދުވަހަށް އަމާޒުކޮށްގެން ގައުމީ ތަރައްގީގެ މާސްޓަޕްލޭނެއް އެކުލަވާލުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. އެ މާސްޓަޕްލޭން އެކުލަވާލުމަށް ހަމަޖެހިފައިވަނީ ރައްޔިތުންގެ މަޖިލީހުން އެކަމަށް ހާއްސަ ގާނޫނެއް ފާސްކޮށްގެންނެވެ.