އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ބަޖެޓު ޑެފިސިޓް ވާނީ 9.4 ބިލިއަން ރުފިޔާ އިން ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ 56.6 ބިލިއަން ރުފިޔާގެ ބިޔަ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި، މިނިސްޓަރު ވިދާޅުވީ، މި އަހަރުގެ ބަޖެޓަކީ ތަންފީޒުކުރަން ތައްޔާރުވެފައި ނެތް އިސްލާހީ ފިޔަވަޅުތަކަކަށް ބިނާކޮށް އެކުލަވާލާފައިވާ އަދި އެ ފިޔަވަޅުތަކާ އެކު ވެސް އެކަށީގެންވާ ގޮތެއްގައި ޑެފިސިޓް ކުޑަކުރެވޭނެ ގޮތްތަކެއް ހިމެނިފައިނުވާ ބަޖެޓެއް ކަމަށެވެ. ނަމަވެސް އަންނަ އަހަރުގެ ބަޖެޓަކީ ޑެފިސިޓް ކުޑަ ބަޖެޓެއް ކަމަށް ވެސް ވިދާޅުވިއެވެ.

"މި އަހަރުގެ ބަޖެޓު ޑެފިސިޓް އިތުރުވެގެންދިޔަ ނަމަވެސް، 2025 ވަނަ އަހަރުގެ ބަޖެޓު ވެގެންދާނީ 2019 ވަނަ އަހަރުގެ ފަހުން ޖީޑީޕީގެ ނިސްބަތުން ޑެފިސިޓް އެންމެ ކުޑަ ބަޖެޓަށް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ، އަންނަ އަހަރަށް ހުށަހަޅާ ބަޖެޓު ޑެފިސިޓް ވާނީ 9.4 ޕަސަންޓުން ކަމަށާއި އެއީ ޖީޑީޕީގެ ނިސްބަތުން 7.8 ޕަސަންޓު ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ބަޖެޓްގެ ޕްރައިމަރީ ޑެފިސިޓަކީ، 3.8 ބިލިއަން ރުފިޔާ ކަމަށާއި އެއީ ޖީޑީޕީގެ ނިސްބަތުން 3.2 ޕަސަންޓު ކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 56,647,600,859 (ފަންސާސް ހަ ބިލިއަން، ހަސަތޭކަ ސާޅީސް ހަތް މިލިއަން، ހަ ލައްކަ، އަށްސަތޭކަ ފަންސާސް ނުވަ) ރުފިޔާއެވެ. އޭގެ ތެރެއިން ހަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިއަން ރުފިޔާއެވެ. އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާއާއި ކެޕިޓަލް ހަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާއެވެ.

މީގެ އިތުރުން، ދައުލަތުގެ ދަރަނި ދެއްކުމަށް ބަޖެޓުގައި 3.9 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، ސަރުކާރު ކުންފުނިތަކަށް ކެޕިޓަލް ދޫކުރުމާއި އެހެނިހެން އިންވެސްޓްމަންޓްތައް ކުރުމަށް ހިނގާނެ 378 މިލިއަން ރުފިޔާއާއި، ސަރުކާރުން ލޯނު ދޫކުރުމަށް ކަނޑައަޅާފައިވާ 3.2 ބިލިއަން ރުފިޔާ ހިމަނައިފައިވެއެވެ. އޭހެ ތެރޭގައި ފަސް ޕަސަންޓް އިންޓްރެސްޓުގައި ގެދޮރުވެރިކަމުގެ ލޯނު ދޫކުރުމަށް އެއް ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ.