މުސާރަތައް އެއްހަމަ ކުރަން، އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ބަޖެޓުގައި 500 މިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ 56.6 ބިލިއަން ރުފިޔާގެ ބިޔަ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި މިނިސްޓަރު ޒަމީރު ވިދާޅުވީ، ބަޖެޓުގައި ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން މިހާތަނަށް ޕޭ ހާމަނައިޒްކޮށްފައިނުވާ ހުރިހާ މުވައްޒަފުންނާއި ޖުޑީޝަރީގެ މުވައްޒަފުންގެ މުސާރަތައް ބޮޑު ކުރަން ހިމަނާފައިވާ ކަމަށެވެ. އެގޮތުން ޕޭ ހާމަނައިޒް ކުރަން 500 މިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަދި އެނޫން އެހެން ހުރިހާ މުވައްޒަފުންގެ މުސާރަތަކަށް 2026 ވަނަ އަހަރު ބަދަލު ގެނައުމަށް ވަނީ ރާވާފައި،" މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުގެ މުވައްޒަފުންގެ މުސާރަތައް އެއް ހަމަކުރަން ފަށާފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައެވެ. އެގޮތުން ޓީޗަރުންނާއި ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މުސާރަ މިހާރު ވަނީ ބޮޑުކޮށްފައެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 56,647,600,859 (ފަންސާސް ހަ ބިލިއަން، ހަސަތޭކަ ސާޅީސް ހަތް މިލިއަން، ހަ ލައްކަ، އަށްސަތޭކަ ފަންސާސް ނުވަ) ރުފިޔާއެވެ. އޭގެ ތެރެއިން ހަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިއަން ރުފިޔާއެވެ. އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާއާއި ކެޕިޓަލް ހަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާއެވެ.

މީގެ އިތުރުން، ދައުލަތުގެ ދަރަނި ދެއްކުމަށް ބަޖެޓުގައި 3.9 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، ސަރުކާރު ކުންފުނިތަކަށް ކެޕިޓަލް ދޫކުރުމާއި އެހެނިހެން އިންވެސްޓްމަންޓްތައް ކުރުމަށް ހިނގާނެ 378 މިލިއަން ރުފިޔާއާއި، ސަރުކާރުން ލޯނު ދޫކުރުމަށް ކަނޑައަޅާފައިވާ 3.2 ބިލިއަން ރުފިޔާ ހިމަނައިފައިވެއެވެ. އޭހެ ތެރޭގައި ފަސް ޕަސަންޓް އިންޓްރެސްޓުގައި ގެދޮރުވެރިކަމުގެ ލޯނު ދޫކުރުމަށް އެއް ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ.