އަންނަ އަހަރު ރާއްޖޭގެ އިގުތިސޯދު 6.4 ޕަސެންޓް ކުރިއަރާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން، ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރުގެ ބަޖެޓް މިއަދު ހުށަހަޅުއްވައިދެއްވަމުން ޒަމީރު ވިދާޅުވީ ކުރީ ސަރުކާރުން މި އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ ތަންފީޒުކުރަން ތައްޔާރުވެފައި ނެތް އިސްލާހީ ފިޔަވަޅުތަކަކަށް ބިނާކޮށް އެކުލަވާލާފައިވާ އަދި އެ ފިޔަވަޅުތަކާއެކު ވެސް އެކަށީގެންވާ ގޮތެއްގައި ޑެފިސިޓް ކުޑަކުރެވޭނެ ގޮތްތަކެއް ހިމެނިފައިނުވާ ބަޖެޓެއް ކަމަށެވެ.
އެގޮތުން މި އަހަރުގެ ބަޖެޓު ޑެފިސިޓް އިތުރުވެގެންދިޔަ ނަމަވެސް ސަރުކާރުގެ ފަރާތުން އަންނަ އަހަރަށް ހުށަހަޅާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓު ވެގެންދާނީ 2019 ވަނަ އަހަރުގެ ފަހުން ޖީޑީޕީގެ ނިސްބަތުން ޑެފިސިޓް އެންމެ ކުޑަ ބަޖެޓަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"އިކޮނޮމިކް ރިފޯމް އެޖެންޑާގައި ހިމެނޭ ކަންކަމާއި މި ބަޖެޓުގައި ތަސައްވުރުކޮށްފައިވާ ކަންކަން ތަންފީޒުކުރުމުގެ ތެރެއިން ރާއްޖޭގެ އިގުތިސާދީ ދުވެއްޔަށް އެދެވޭ އަސަރުކުރާނެ ކަމަށް ބެލެވޭ. އަދި އަންނަ އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕެސެންޖާ ޓާމިނަލް ތަރައްގީކުރުމުގެ މަޝްރޫއު ނިމި، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އިތުރުވާނެކަމަށް ލަފާކުރެވޭތީ، ފަތުރުވެރިކަމުގެ ދާއިރާއާއި ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ދާއިރާތަކުގެ ކުރިއެރުމާއެކު، 2025 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދު 6.4 އިންސައްތައިން ކުރިއަރާނެ ކަމަށް އަންދާޒާކުރެވޭ" ޒަމީރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ ބަޖެޓު އެކުލަވާލުމުގައާއި ތަންފީޒުކުރުމުގެ މަރުހަލާތަކަށް އިސްލާހީ ބަދަލުތައް ގެނައުމަށް ފިނޭންސް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ. އެގޮތުން، ބަޖެޓު ބައިކޮށް ފާސްކުރާ ގޮތާއި ބަޖެޓު ތަންފީޒުކުރާއިރު ބަޖެޓުގެ އެއްބައިން އަނެއް ބަޔަށް ބަދަލުގެނައުމުގެ އުސޫލުތައް ކަނޑައަޅައި، މި އަންނަ އަހަރު ގާނޫނީ އޮނިގަނޑަށް ބަދަލު ގެނައުމަށް ނިންމައިފައިވާނެ ކަމަށް ވިދާޅުވިއެވެ.
އަދި ދައުލަތުގެ ޕްރޮކިއުމަންޓު ނިޒާމު ހަރުދަނާކޮށް، އެ ނިޒާމުގެ ތެރޭގައި ހުރި ނާޖާއިޒު އަދި ނުހައްގު މަންފާތައް ހޯދުމަށް ހުރި ފުރުސަތުތައް ހަނިކުރުމުގެ އިތުރުން މުޅި ނިޒާމުގެ ތެރެއިން ހިނގާ އިސްރާފުތައް ކުޑަކުރަން ގާނޫނަށް ގެންނަންޖޭހޭ ބަދަލުތައް ގެނައުމަށް ނިންމައިފައިވާ ކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު