އިކޮނޮމިކް ރިފޯމް އެޖެންޑާ ތަންފީޒުކުރުމު ގެތެރެއިން ރާއްޖޭގެ ޖީޑީޕީ 2028 ވަނަ އަހަރު 10 ބިލިއަން ޑޮލަރާ ހަމައަށް ގެންދިއުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރު ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިދެއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، އިގުތިސޯދު އިތުރަށް ފުޅާކުރުމާއި ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ މުހިންމު ހިދުމަތްތަކަށް ކުރަންޖެހިފައި ހުރި ހޭދަތަކުގެ ނަމުގައި، ސަރުކާރުގެ ހަރަދު ފާއިތުވެދިޔަ އަހަރުތަކުގައި ވަނީ އިގުތިސޯދާއި ދައުލަތުގެ އާމްދަނީއާ ނުބައްދަލު މިންވަރަށް އުފުލާފައި ކަމަށެވެ.
އެގޮތުން ފަސް އަހަރު ކުރިން 28.2 ބިލިއަން ރުފިޔާގައި ހުރި ދައުލަތުގެ ބަޖެޓު ވަނީ 2023 ވަނަ އަހަރުގެ ނިޔަލަށް 50.9 ބިލިއަން ރުފިޔާއަށް އަރުވައި، ޖީޑީޕީގެ ނިސްބަތުން 124 ޕަސަންޓާ ހަމައަށް ދައުލަތުގެ ޖުމުލަ ދަރަނި ގެންގޮސްފައި ކަމަށް ވިދާޅުވިއެވެ. އޭގެ ނަތީޖާ އަކީ މިއަދު ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބޭ ކޮންމެ 100 ރުފިޔާއަކުން 23 ރުފިޔާ ދަރަނި އަނބުރާ ދެއްކުމަށާއި އިންޓަރެސްޓަށް ހޭދަކުރަން ޖެހުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ހުރި ނިޒާމީ މައްސަލަތަކަށް އެދެވޭ ހައްލުތަކެއް ހޯދައިގެން ނޫން ގޮތަކަށް މިނިވަން، އިންސާފުވެރި، ތިޔާގި އަދި ރައްކާތެރި ދިވެހީންގެ ރާއްޖެއާ ހަމައަށް ވާސިލުވެވެން ނެތް ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރަކީ، އިކޮނޮމިކް ރިފޯމް އެޖެންޑާ ތަންފީޒު ކުރުމުގެ ތެރެއިން ރާއްޖޭގެ ޖީޑީޕީ 2028 ވަނަ އަހަރު ދިހަ ބިލިއަން ޑޮލަރާ ހަމައަށް ގެންދިއުން ކަމަށް ވިދާޅުވިއެވެ.
"އިގުތިސޯދީ ހަރަކާތް މިހާރު އެތުރިފައިވާ ގޮތް އަލުން ރުކުރުވައިލައި، ރާއްޖޭގެ އުތުރާއި ދެކުނަކީ މި ރިޔާސީ ދައުރު ނިމޭއިރު އިގުތިސޯދީ މައި މަރުކަޒުތައް ކަމުގައި ހެދުމަކީ ސަރުކާރުގެ އަމާޒެއް. މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާބަން ސެންޓަރުތައް ގާއިމުކޮށް، ސަރަހައްދީ ތަރައްގީއަށް މަގުފަހި ކުރުމަކީ ވެސް މި އެޖެންޑާގައި ތަސައްވުރުކޮށްފައިވާ ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 56,647,600,859 (ފަންސާސް ހަ ބިލިއަން، ހަސަތޭކަ ސާޅީސް ހަތް މިލިއަން، ހަ ލައްކަ، އަށްސަތޭކަ ފަންސާސް ނުވަ) ރުފިޔާއެވެ. އޭގެ ތެރެއިން ހަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިއަން ރުފިޔާއެވެ. އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާއާއި ކެޕިޓަލް ހަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު