ނޫސްވެރިން ބާރުވެރިކޮށް އެހީތެރިކަންދީ، ކުރިއެރުވުމަށް މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެމުން އަންނަ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
އުމަރު ޒާހިރު ބިލްޑިންގައި މިރޭ ބޭއްވި ނޫސްވެރިކަމުގެ އެވޯޑު ހަފުލާގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކާއި އެކި ކަންކަމަށް ސަރުކާރުން ކުރާ ހޭދަތަކުގެ މައުލޫމާތު މީޑިއާއަށް ފޮރުވުމެއް ނެތި، ހިފެހެއްޓުމެއް ނެތި ހާމަކުރަމުން ދިއުމަކީ ނުހަނު އުފާކުރައްވާ ކަމެއް ކަމަށެވެ.
"ނޫސްވެރިން ބާރުވެރިކޮށް އެހީތެރިކަންދީ، ކުރިއެރުވުމަކީ މި ސަރުކާރުން ވަރަށް އިސްކަން ދޭ ކަމެއް. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެ މަނިކުފާނަކީ ނޫސްވެރިންނާ ވަަރަށް ގާތުން މަސައްކަތްކުރައްވާ ރައީސެއް. އަދި ކެބިނެޓާއި އެ މަނިކުފާނު، ނޫސްވެރިންނާ ބައްދަލުކުރައްވަމުން ގެންދަވާކަން އަޅުގަނޑު ނުހަނު އުފަލާއެކީ ފާހަގަކުރަން،" ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ މީޑިއާ ބާރުވެރިކޮށް، ކުރިއެރުވުމަށް ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންތައްތައް މުއައްސަސާތަކުން ގުޅިގެން މިހާރު ވެސް މަސައްކަތްކުރަމުން އަންނަ ކަމަށާއި ނޫސްވެރިންނާ ގުޅިގެން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
"މިއަދު ވެސް އަޅުގަނޑުމެން ދޭނެ ޔަގީންކަމަކީ މި ސަރުކާރަކީ ނޫސްވެރިންނާ ވަރަށް ގާތުން ގުޅިގެން މަސައްކަތްކުރާ ސަރުކާރެއްކަން. ހުރިހާ ކަމެއްގައި ވެސް ދެފުށް ފެންނަ ސިޔާސަތާއި ހާމަކަން ބޮޑު ކަންކަން ކުރާނެ ސަރުކާރެއްކަން. ނޫސްވެރިންނަށް ދުލާއި ގަލަމުގެ މިނިވަންކަން ފުރިހަމައަށް ދޭނެ ސަރުކާރެއްކަން. ނޫސްވެރިންގެ ޒިންމާ އަދާކުރުމުގައި މި ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދޭނެކަން،" ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ ހަބަރާއި މައުލޫމާތު ފެތުރުމުގައި ނޫސްވެރިން ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް ހުރިކަން ހަނދާން އާކުރަން ޖެހޭނެ ކަމަށާއި އެގޮތުން ސައްހަ މައުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ސަމާލުކަން ދިނުމަށާއި، ހައްސާސް ކަންކަމުގައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހަބަރާއި މައުލޫމާތު ނުފެތުރުމަށް ހުރިހާ ނޫސްވެރިންނަށް އިލްތިމާސްކުރައްވާ ކަމަށެވެ.
މިރޭގެ އެވޯޑު ހަފުލާގައި އެކި ދާއިރާތަކުން އެވޯޑު ހާސިލުކުރި ފަރާތްތަކަށް ވަނީ އިނާމު ހަވާލުކޮށްފައެވެ. ނޫސްވެރިކަމުގެ އެވޯޑަކީ ނޫސްވެރިން ކުރާ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކޮންމެ އަހަރަކު ދެމުން އަންނަ އެވޯޑެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު