ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ ކަމަކުން ލިބޭނެ ހަގީގީ ރީތި ނަމެއް ނޯންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް، އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި އެހެން ވިދާޅުވެފައި މިވަނީ، މެކްސިކޯގައި މިއަހަރު ބާއްވާ "މިސް ޔުނިވާސް" ރީތީގެ މުބާރާތުގައި ރާއްޖެ ތަމްސީލުކުރަން ދިވެއްސަކު ބައިވެރިވާތީ، އެކަމާ ދެކޮޅަށް ޔޫތު މިނިސްޓްރީން ބަޔާނެއް ނެރުމުން ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށެވެ. މިއީ ދިވެއްސަކު "މިސް ޔުނިވާސް"ގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ.
ސޯޝަލް މީޑިއާގައި އަމާޒުކޮށްފައިވާ ފާޑުކިޔުންތަކުގައި، އަންހެނަކު އެފަދަ މުބާރާތެއްގައި ބައިވެރިވުމުން ސަރުކާރުން އެކަން ބަލައިނުގަންނަ ނަމަ، ބޮޑީބިލްޑިން މުބާރާތުގައި ފިރިހެނުން ބައިވެރިވުން ވެސް ރަނގަޅު ވެގެން ނުވާނެ ކަމަށް ބައެއް މީހުން ވަނީ ގޮވާލައިފައެވެ.
އެކަމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، "ފިރިހެނަކުވިޔަސް، އަންހެނަކުވިޔަސް، މާތްﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ތިމާއަށް ނުވަތަ ތިމާގެ ދިނާއި ގައުމަށް ލިބޭނެ ހަގީގީ ރީތިނަމެއް، އުފަލެއް، ކާމިޔާބީއެއް ނެތް!،" ކަމަށެވެ.
"މިސް ޔުނިވާސް"ގައި ބައިވެރިވުމާ ގުޅިގެން ޔޫތު މިނިސްޓަރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ދިވެހިންގެ ދީނާއި އަގީދާ އާއި ސަގާފަތާ ނުގުޅޭ ހަރަކާތްތަކާއި މުބާރާތްތައް ބޭއްވުމާއި އަދި އެކިއެކި ފަރާތްތަކުން ބާއްވާ އެފަދަ މުބާރާތްތަކުގައި ދިވެހިން ބައިވެރިވުމަކީ ސަރުކާރުން ބަލައިގަންނާނެ ކަމަށާއި ރާއްޖެ ތަމްސީލުކުރުމުގެ ނަމުގައި ދިވެއްސަކު އެފަދަ ހަރަކާތްތަކަށް ދިއުން ސަރުކާރުން ކުށްވެރިކުރާ ކަމަށެވެ.
ރީތީގެ މުބާރާތުގައި ބައިވެރިވުމަށް މަސައްކަތްކުރާ ފަރާތުން އެކަން ހުއްޓާލުމަށް ގޮވާލާ ކަމަށާއި ރާއްޖެ ތަމްސީލުކުރުމުގެ ނަމުގައި އެފަދަ އެއްވެސް ހަރަކާތެއްގައި ދިވެއްސަކު ބައިވެރިކުރުވުމަކީ ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު