މާލޭ ފެހި ޕްރޮގްރާމްގެ ދަށުން، މާލޭ ސަހައްދުގައި ޓެކްސީގެ ހިދުމަތްދޭން ސަރުކާރުން ފަށަން ނިންމާފައިވާ ޕްރޮގްރާމް ހުއްޓުވައި ދިނުމަށް ޑްރައިވާސް އެސޯސިއޭޝަނުން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެއެވެ.

މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތްދޭން ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަވާލުކުރުމަށް ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އިއްޔެ ވަނީ ވިދާޅުވެފައެވެ.

އެއީ ޑްރައިވާސް އެސޯސިއޭޝަނުން ހުށަހެޅި މައްސަލައަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިގުތިސޯދީ ކޮމިޓީއަށް ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

އެ މައްސަލައާ ބެހޭގޮތުން ކޮމިޓީން މިއަދު ވަނީ ޑްރައިވާސް އެސޯސިއޭޝަނާ ބައްދަލުކޮށްފައެވެ.

ކަންބޮޑުވުން ފާޅުކޮށް، އެ އެސޯސިއޭޝަންގެ މެންބަރަކު ކޮމިޓީގައި މިއަދު ބުނީ، އެ ކަމަކީ އެމީހުންގެ ދިރިއުޅުމާ ގުޅީފައިވާ ކަމަށްވާތީ، ޑްރައިވަރުންނާ މަޝްވަރާނުކުރައްވައި އެފަދަ ކަމެއް ނުކުރައްވާނެ ކަމަށް މިނިސްޓަރު އަމީން މީގެ ކުރިން ވިދާޅުވި ކަމަށެވެ.

ނަމަވެސް ރާއްޖޭގެ އިގުތިސޯދީ ހާލަތު ދަށްވެފައިވާ މިދަނޑިވަޅުގައި ސަރުކާރުން ޓެކްސީގެ ތެރެއަށް ވަނުމަކީ އިތުރު ހަރަދުތަކެއް ހިނގާނެ ކަމެއް ކަމަށް ޑްރައިވަރުން ވަނީ ފާހަގަކޮށްފައެވެ.

މިދިޔަ އޮގަސްޓް މަހުގެ ހަތަރު ވަނަ ދުވަހު، ޓެކްސީ ޑްރައިވަރުންނާ މިނިސްޓަރު ބައްދަލުކުރައްވައި ސަރުކާރުން ޓެކްސީގެ ހިދުމަތުގެ ތެރެއަށް ވަނުމަށް ނުވިސްނާ ކަމަށް ވިދާޅުވުމަށް ފަހު، އެއްވެސް މަޝްވަރާ ކުރުމެއް ނެތި ޓެކްސީ ލައިނެއް ހެދުމަށް މަސައްކަތް ކުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އެފަރާތުން ފާހަގަ ކުރިއެވެ.

ސަރުކާރުން ވަނުމަކީ އޭގެ ސަބަބުން ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކާއި އެ މީހުންގެ އާއިލާތަކަށް ވެސް އޭގެ އަސަރު ކުރާނެ ކަމެއް ކަމަށްވެސް ބުންޏެވެ.

"ދިވެހި ސަރުކާރުގެ މި ނިންމުމާ އެކު ދިވެހި ސަރުކާރުގެ ޓެކްސީގެ ހިދުމަތުގައި ހަރަކާތްތެރިވާ މީހުންގެ ދިރިއުޅުމަށް އިގުތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން އަސަރުތަކެއް ކުރާނެ،" އިގުތިސޯދީ ކޮމިޓީގައި އޭނާ ބުންޏެވެ.

ޒަރީރު ބުނީ، ސަރުކާރުން އެކަމުގެ ތެރެއަށް ވަދެއްޖެ ނަމަ ޓެކްސީ ހިދުމަތް ދެމުން އަންނަ ކުންފުނިތަކުން ކޮށްފައިވާ އިންވެސްޓްމަންޓްތަކަށް ވެސް ހުރަސް އެޅި، އެ މީހުންގެ ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް ވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ޓެކްސީ ވިޔަފާރީގެ ކޮލިޓީ ރަނގަޅު ކުރުމަށް ވެސް އަމިއްލަ ފަރާތްތަކުން ޓެކްސީގެ ހިދުމަތް ދޭން ޖެހޭކަން ފާހަގަކޮށް، ޓެކްސީތަކަށް ގަޑިއަކު 100 ރުފިޔާ ދޭން ސަރުކާރުން ނިންމި ނިންމުމާއި މަސައްކަތް ކުރަންޖެހޭ ވަގުތު ކަނޑައެޅުމުން ވެސް ޑްރައިވަރުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އަދި 11،000 ޓެކްސީ އޮތް ކަމަށް ދޭހަކޮށް މިނިސްޓަރު ދެއްކެވި ވާހަކަތަކަށް އިޝާރާތްކޮށް، އޭނާ ވަނީ އެއީ ވެސް ދޮގެއް ކަމަށް ބުނެފައެވެ.

ވަކި ސަރަހައްދުތަކަކަށް ދަތުރު ނުކުރެވެނީ މަގު ހަނިވެފައި އަދި ދެ ފަޅީގައި ވެސް ޕާކުކުރާތީ ކަމަށެވެ. އެކަމާ ގުޅިގެން ވެހިކަލްތައް ނަގައިދޭން ޓްރާންސްޕޯޓް މިނިސްޓްރީގައި އެދުނަސް އެކަމަށް އިޖާބަދީފައި ނުވާ ކަމަށް ވެސް އެފަރާތްތަކުން ބުންޏެވެ.

ސަރުކާރުން ޓެކްސީ ލައިނެއްގެ ހިދުމަތް ފަށަން އުޅޭތީ އެކަމާ ކަންބޮޑުވެ، ޓެކްސީ ޑްރައިވަރުން މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ހުޅުމާލޭގައި މުޒާހަރާ ވެސް ކުރިއެވެ.

އެ ކަންބޮޑުވުންތަކާ އެކު އެސޯސިއޭޝަނުން ވަނީ ސަރުކާރުން ދޭންއުޅޭ ހިދުމަތް ހުއްޓުވައި ދިނުމަށް ކޮމިޓީގައި އެދިފައެވެ.