"100 ކްރޯޑް ކްލަބް" މި ނަން ބޮލީވުޑްގެ ބަސްކޮށާރަށް ވަދެފައިވަނީ 2000 ގެ އަހަރުތަކުގެ ފަހުކޮޅުގައެވެ. އެއީ "ގަޖިނީ" އަދި "3 އިޑިއަޓްސް" ފަދަ ފިލްމުތައް އިންޑިއާގެ ޑޮމެސްޓިކް މާކެޓްގައި މި މައިލްސްޓޯން ހާސިލުކުރުމާ ގުޅިގެންނެވެ. އެއާއެކު މިއީ އިންޑިއާ ފިލްމެއްގެ ކާމިޔާބީ މިނެކިރުމަށް ބޭނުންކުރާ މިންގަނޑަކަށް ވެގެން ދިޔައެވެ.

ނަމަވެސް، ގިނަ މީހުން ގަބޫލުކުރާ ގޮތާ ހިލާފަށް، "ގަޖިނީ" ނުވަތަ "އޯމް ޝާންތީ އޯމް" އަކީ ބޮކްސް އޮފީހުން 100 ކްރޯޑް ރުޕީސް ހޯދި ފުރަތަމަ އިންޑިއަން ފިލްމުތަކެއް ނޫނެވެ. އެކަން ހިނގާފައިވަނީ މާ ކުރިން 80 ގެ އަހަރުތަކުގައެވެ. އެ ފިލްމުގައި އަމިތާބް ބައްޗަން ނުވަތަ ރިޝީ ކަޕޫރު ފަދަ އާންމު ސުޕަސްޓާރުންވެސް ތަމްސީލުކޮށްފައެއް ނުވެއެވެ.

ބޮކްސް އޮފީހުން 100 ކްރޯޑް ރުޕީސް ހޯދި ފުރަތަމަ އިންޑިއަން ފިލްމަކީ ބައްބަރު ސުބާޝްގެ މިއުޒިކަލް ޑްރާމާ "ޑިސްކޯ ޑާންސަރު" ކަމަށް ބޮލީވުޑްގެ ދިރާސާވެރީން ބުނެއެވެ. އެ ޒަމާނަކީ މިހާރުހެން ފައިދާ މިނެކިރާ ހަރުދަނާ ސިސްޓަމްތައް ނެތް ދުވަސްވަރެކެވެ. ޑިސްކޯ ޑާންސަރަކީ މިހާރު މިކިޔާ 100 ކްރޯޑް ކްލަބްގެ ބައެއް ކަމުގައި ނުބުލެވެނީ އެ ފިލްމުގެ އާމްދަނީގެ ބޮޑު ބައެއް ލިބިފައިވަނީ ބޭރު ގައުމުތަކުން ކަމަށްވާތީއެވެ. މިތުން ޗަކްރަބޯތީ ލީޑްރޯލުން ފެނިގެންދިޔަ އެ ފިލްމުން އިންޑިއާގައި 6.4 ކްރޯޑް ރުޕީސް ހޯދިއެވެ. މިއީ އެ ދުވަސްވަރަށް ވަރަށް ރަނގަޅު އަދަދެކެވެ. ނަމަވެސް މި ފިލްމީ ދުނިޔޭގެ ބްލޮކްބަސްޓަރަކަށް ހެދީ ސޯވިއެޓް ޔޫނިއަންގައި މި ފިލްމަށް ލިބުނު ކާމިޔާބީއެވެ.

އިންޑިއާގައި ފިލްމު ދެއްކިތާ ދެއަހަރު ފަހުން 1984 ގައި ރަޝިއާގައި މި ފިލްމު ދެއްކިއެވެ. އެ ގައުމުގައި 12 ކްރޯޑު ޓިކެޓް ވިއްކުނެވެ. މިއީ އެ އަހަރު އެ ގައުމުގައި އެންމެ ބޮޑު ހިޓް ފިލްމެވެ. މި ފިލްމުން 60 މިލިއަން ރޫބަލް (94.28 ކަރޯޑު ރުޕީސް) ހޯދައި، ޖުމުލަ އާމްދަނީ 100.68 ކްރޯޑު ރުޕީސްއަށް އަރުވާލިއެވެ. މިއާއެކު، "ޑިސްކޯ ޑާންސަރ" އިން "ޝޯލޭ" ފަހަނައަޅައި، އެންމެ ގިނަ އާމްދަނީ ހޯދި އިންޑިއަން ފިލްމުގެ ރެކޯޑު ހޯދައި، އަދި 100 ކްރޯޑު ރުޕީސްގެ މާކު ހާސިލުކުރި ފުރަތަމަ ފިލްމަށްވެސް ވެގެން ދިޔައެވެ.

މި ފިލްމުގެ ބަތަލު މިތުން އަކީ ސޯވިއެޓް ޔޫނިއަންގައި ވަރަށް މަގުބޫލު ފަންނާނެއްގެ ގޮތުގައި ވެގެންދިޔައެވެ. އަހަރުތަކެއް ވާންދެން "ޑިސްކޯ ޑާންސަރ" އަކީ ރަޝިއާ އަދި ޗައިނާގައި ސަގާފީ ޕެނޮމެނަންއެއްގެ ގޮތުގައި ދެމިއޮތެވެ. ހާއްސަކޮށް "ޖިމީ ޖިމީ" ފަދަ ލަވަތަކަކީ ޗާޓްބަސްޓަރުތަކެކެވެ. މިއަދުވެސް ރަޝިއާގެ ގިނަ ފިލްމު ކްލަބްތަކުން "ޑިސްކޯ ޑާންސަރ" ދައްކަނީ އެމީހުންގެ 'ވިންޓޭޖް' ސްކްރީނިންތަކުގެ ތެރޭގައެވެ. މިތުންގެ އިތުރުން، މި ފިލްމުގައި ރާޖޭޝް ކަންނާ އަދި ކިމް ވެސް ތަމްސީލުކޮށްފައިވެއެވެ. އަދި އޯމް ޕޫރީ، ގީތާ ސިއްދާތު، އަދި ކަރަން ރަޒްދާން ވެސް ސަޕޯޓިން ރޯލްތަކުން ފެނިގެންދެއެވެ. ބައްޕީ ލެހެރީގެ ފަންކީ، ޑިސްކޯ ލަވަތަކުން މި ފިލްމުގެ ޖާޒިބިއްޔަތުކަން އިތުރުވެގެން ދެއެވެ.

"ޑިސްކޯ ޑާންސަރ" އިން ބޭރު ގައުމުތަކުގެ އާމްދަނީގެ އެހީގައި އިންޑިއަން ފިލްމުތަކަށް 100 ކްރޯޑު ރުޕީސްގެ މާކު ހާސިލުކުރުމުގެ މަގު ތަނަވަސްކޮށްދިނެވެ. 1994 ގައި "ހަމް އާޕްކޭ ހޭން ކޯން" އިން 128 ކްރޯޑް ރުޕީސް ހޯދައި ރެކޯޑުތައް ބިންދާލިއެވެ. ޖެހިގެން އައި އަހަރު "ދިލްވާލޭ ދުލްހަނިޔާ ލޭ ޖާއެނގޭ" އިން 103 ކްރޯޑު ރުޕީސް ހޯދައި އެ މަގުން ދިޔައެވެ. 100 ކްރޯޑު ރުޕީސްގެ މާކު ފަހަނައަޅާފައިވާ އެހެން ފިލްމުތަކުގެ ތެރޭގައި "ކަބީ ޚުޝީ ކަބީ ގަމް"، "ގަދަރު"، "ދޫމް 2"، "ކްރިޝް"، އަދި "ކަބީ އަލްވިދާ ނާ ކެހެނާ" ހިމެނެއެވެ. މި ހުރިހާ ފިލްމުތަކެއްގެވެސް ބޮކްސް އޮފީސް އާމްދަނީގެ ބޮޑު ބައެއް ލިބިފައިވަނީ ބޭރު މާކެޓްތަކުންނެވެ. 2008 ގައި "ގަޖިނީ" އިން އިންޑިއާގައި އެކަނި 120 ކްރޯޑު ރުޕީސް ނެޓްކުރިއެވެ.