ހަތަރު މަހުގެ މެދުކެނޑުމަކަށްފަހު، ދައުލަތުގެ މާލީ ހިސާބުތައް އަލުން ޝާއިއުކުރަން ފަށައިފިއެވެ.
ކޮންމެ ހަފުތާއަކު ދައުލަތަށް ލިބޭ އާމްދަނީ އާއި ހަރަދުތަކަށް އަންނަ ބަދަލުތައް ހިއްސާކުރާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ޝާއިކުރުން ހުއްޓާލީ މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހުއެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ، އެ ރިޕޯޓުތައް ޝާއިއުކުރުން މެދުކަނޑާލާފައިވަނީ ރީކޮންސިލިއޭޝަންގެ މަސައްކަތްތަކެއް ކުރިއަށްދާތީ ކަމަށެވެ. އެއީ މިދިޔަ އަހަރުގެ ހަރަދުތަކުން ރެކޯޑުނުކޮށް އޮތް ދެ ބިލިއަނެއްހާ ރުފިޔާގެ ތަފްސީލުތައް ކަށަވަރުކުރުމުގެ ގޮތުން އޮޑިޓާ ޖެނެރަލްގެ ލަފާގެ މަތީން ކުރިއަށްގެންދިޔަ މަސައްކަތެއް ކަމަށް ފިނޭންސުން ބުނެފައިވެއެވެ.
މިއަދު ޝާއިއުކުރި މިދިޔަ ހަފުތާގެ ރިޕޯޓު ބުނާގޮތުން، ދައުލަތުގެ ހަރަދަކީ 37.7 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ހަރަދަކީ 36.9 ބިލިއަން ރުފިޔާއެވެ.
ޕީއެސްއައިޕީގެ ގޮތުގައި 7.9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 28.2 ބިލިއަން ރުފިޔާއެވެ. ލޯނު ދެއްކުމުގެ ގޮތުން ވަނީ ދެ ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ. އަދި މުސާރަ އާއި އިނާޔަތްތަކާއި ޕެންޝަނަށް 10.2 ބިލިއަން ރުފިޔާ ހޭދަކުރި އިރު، އެއީ މިދިޔަ އަހަރަށްވުރެ 1.2 ބިލިއަންގެ އިތުރުވުމެކެވެ.
ފިނޭންސުން މިހާރު ވަނީ ޖޫން 20 އަށްފަހު، ޝާއިއުނުކޮށް ހުރި ހުރިހާ ހަފުތާއެއްގެ ރިޕޯޓު ވެސް އެ މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު