ހިޒްބުﷲގެ އިސް ލީޑަރަކަށް ނާއިމް ގައްސިމް އައްޔަންކޮށްފިއެވެ.

މިދިޔަ މަހު އިސްރާއީލުން ބޭރޫތަށް ދިން ވައިގެ ހަމަލާއެއްގައި ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲ އަވަހާރަ ކޮށްލުމާ ގުޅިގެން އެ ޖަމާއަތުން ވަނީ އާ ލީޑަރަކީ ކުރީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް ނާއިމް ގައްސިމް ކަމުގައި ހަމަޖައްސައި އެކަން އިއުލާން ކޮށްފައެވެ.

އިސްރާއީލުން ދީފައިވާ ސިލްސިލާ ހަމަލާތަކުގައި ހިޒްބުﷲގެ އިސް ގިނަ ލީޑަރުންތަކެއް ޝަހީދުކޮށްލާފައިވާއިރު ނާއިމް ފާހަގަ ކުރެވިފައިވަނީ ހިޒްބުﷲގެ މިހާރު ވެރިކަން ކުރެވޭނެ އެންމެ ވަރުގަދަ ލީޑަރު ކަމުގައި ކަމަށް އޮފިޝަލުން ބުނެއެވެ.

ހިޒްބުﷲގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް ކަމުގައި 30 އަހަރަށްވުރެ ގިނަ އަހަރު ހިދުމަތް ކުރެއްވި ނާއިމް ގައްސިމް އަކީ އެ ޖަމާއަތުގެ އެންމެ މަޝްހޫރު އެއް މޫނެވެ.

ހިޒްބުﷲ އިން ވަނީ ނާއިމް އައްޔަން ކޮށްފައިވަނީ އެ ޖަމާއަތުގެ ޝޫރާ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި ކަމަށް ބުނެފައެވެ. ނަމަވެސް ނާއިމް ދިރިއުޅެނީ ކޮންތަކެއްގައި ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ބައެއް ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ނާއިމް ހިޒްބުﷲގެ ލީޑަރު ކަމަށް އައްޔަން ކުރުމާއެކު ވަނީ އިރާނަށް ދިރިއުޅުން ބަދަލުކުރައްވާފައެވެ.