މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތްދޭން ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަވާލުކުރުމަށް ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިިއަދު ވިދާޅުވެއްޖެއެވެ.
ޑްރައިވާސް އެސޯސިއޭޝަނުން ހުށަހެޅި މައްސަލައަކާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ އިގުތިސާދީ ކޮމިޓީއަށް ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ކުރިއަށްއޮތް ދެ ހަފުތާގެ ތެރޭގައި އެކަން އިއުލާނުކުރާނެ ކަމަށެވެ.
މާލެ ފެހި ޕްރޮގްރާމްގެ ދަށުން ތައާރަފުކުރާ ޓެކްސީ ލައިނާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ކުރުމަށް އެމްޓީސީސީއަކީ ރަނގަޅު ކުންފުންޏެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ޓެކްސީ ލައިން ހިދުމަތް ކުރިއަށްގެންދަން ނިންމާފައިވަނީ، އެމްޓީސީސީން ހިންގާ އާރުޓީއެލް ބަސް ކޮންސެޕްޓަށް ކަމަށެވެ. ނަމަވެސް އެއީ ސަބްސިޑީ ނުދީ އެކަމަކު ކެޕިޓަލް އިންވެސްޓްމަންޓް ސަރުކާރުން ދޭގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.
ޓެކްސީ ލައިންގެ 50 ޕަސެންޓް މުވައްޒަފުންނަކީ ދާއިމީ މުވައްޒަފުން ކަމަށާއި އަނެއް 50 ޕަސެންޓް ސްލޮޓް ދޫކުރާނީ ކޮންމެ ދުވަހަކު އެކި ގަޑިތަކުގައި އެކި ވަރަށް ޓެކްސީ ދުއްވަން ބޭނުންވާ ފަރާތްތަކަށް ދުއްވޭގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.
ޑްރައިވަރުންނަށް ގަޑިއިރަކަށް ދޭ އަގު 100 ރުފިޔާއަށްވުރެ ދަށްނުވާނެ ކަމަށާއި، ކޮންމެ ހަތް ދުވަހަކުން މުސާރަ ދޭ ގޮތަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޑްރައިވަރުންގެ ޑްރެސްކޯޑެއް އިންނާނެ ކަމަށާއި ޑްރައިވަރުން ތިބޭނީ ޑްރައިވަރުންކަން އަންގައިދޭ ހާއްސަ ޖެކެޓެއް ލައިގެން ކަމަަށާއި، ބިދޭސީންނަށް ޓެކްސީ ޑްރައިވަރު ކަމެއް ނުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ޓެކްސީ ލައިންގައި މަސައްކަތްކުރި ނަމަވެސް އަމިއްލަ ޓެކްސީ ދުއްވާނެ ކަމަށާއި، 10 ވަރަކަށް ދުވަސްތެރޭގައި ޓެކްސީތައް ޕާކުކުރާނެ ބިން ހަމަޖެހޭނެ ކަމަށެވެ. އަދި ވަކި ތަނަކަށް ދާން ޑްރައިވަރުންނަށް ދަތުރު ނުނެގޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ 24 ގަޑިއިރު ލިބެން ހުންނަ އެ ހިދުމަތް ދޭނީ ކޮމްޕިއުޓަރައިޒްޑް ސިސްޓަމަކުން މޮނީޓާ ކުރާގޮތަށް ހަމަޖެހިގެންދާނެ ކަމަށެވެ.
ޓެކްސީ ލައިންގައި މަސައްކަތްކުރާ ޑްރައިވަރުންނާއި ޓެކްސީ ހިދުމަތް ބޭނުންކުރާ އާންމު ފަރާތްތަކުގެ ރައްކާތެރިކަން ވެސް ކަށަވަރުކުރެވޭނެ ކަމަށާއި، ފައިސާގެ މުއާމަލާތްކުރަން ނުޖެހޭ ގޮތަށް ހަދާނެ ކަމަށްވެސް ވިދާޅުވިއެވެ.
"ޑްރައިވަރަކަށް ނުނިންމޭނޭ ތިމަންނަ މިވެނި ގަޑިއެއްގައިތޯ މަސައްކަތްކުރާނީ، ޑްރައިވަރަކަށް ނުނިންމޭނެ މިވެނި އަދަދަކަށޭ ފައިސާ ނަގާނީ،" މިނިސްޓަރު ވިދާޅުވިއެވެ.
މި ޓެކްސީ ލައިންގެ ކާރުތައް ފްރީލާންސް އުސޫލުން ވަކި އެޕްލިކޭޝަނެއް މެދުވެރިކޮށް ކޮންޓްރޯލްކޮށް ދުއްވުމުގެ ފުރުސަތު އެކަމަށް ޝައުގުވެރިވާ ދިވެހިންނަށް ހުޅުވާލާނެ ކަމަށާއި، އެގޮތަށް ހަމަޖެއްސުމުން ޑްރައިވަރުންނާއި ފަސިންޖަރުންނަށް ވެސް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މި ޓެކްސީތަކުގެ މަދުވެގެން 25 ޕަސަންޓަކީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް އުޅަނދު ކަމަށް ހެދުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު