ބޮލީވުޑްގެ ތަރި، ޝިލްޕާ ޝެޓީ ކުންދްރާގެ ފެންވަރު މަތީ ރެސްޓޯރަންޓް ބަސްޓިއަން - އެޓް ދަ ޓޮޕް ގައި ހާދިސާއެއް ހިނގައިފިއެވެ.

އެ ރެސްޓޯރަންޓްގައި ކާން އިން ކަސްޓަމަރެއްގެ ބީއެމްޑަބްލިއު ކާރެއް ވަގަށް ގެންދިޔައީއެވެ.

ކާރުގެ ވެރިފަރާތަކީ ބާންދްރާގެ 34 އަހަރުގެ ވިޔަފާރިވެރިއެއް ކަމަށްވާ ރުހާން ފިރޯޒް ޚާން އެވެ. އޭނާ ދެ އެކުވެރީންނާއެކު ގާތްގަނޑަކަށް މެންދަމުގެ 1 ޖެހި އިރު ބަސްޓިއަންއަށް ގޮސް، ރެސްޓޯރަންޓުގެ ޕާކިން ބަލަހައްޓާ މީހުން އަތަށް ކާރުގެ ތަޅުދަނޑި ހަވާލުކުރިކަމަށް ވެއެވެ. ރެސްޓޯރެންޓް ބަންދުވުމަށްފަހު، ރުހާން ކާރު ގެނެސްދިނުމަށް އެދުނެވެ. ނަމަވެސް ކާރު ގެއްލިފައިވާކަން އެނގުމުން އޭނާ ވަރަށް ބޮޑަށް ހައިރާންވިއެވެ. ފަހުން ސީސީޓީވީ ފުޓޭޖުން ދައްކާގޮތުގައި ގާތްގަނޑަކަށް ފަތިހު 2 ޖެހިއިރު ކޮންމެވެސް ބަޔަކު ބީއެމްޑަބްލިއު ކާރު ވަގަށް ނަގާތަން ފެނެއެވެ.

ރުހާންގެ ޝަކުވާއާ ގުޅިގެން، ޝިވާޖީ ޕާކް ފުލުހުން އަންނަނީ މައްސަލަ ބަލަމުންނެވެ. ރުހާންގެ ވަކީލު، އަލީ ކާޝިފް ޚާން ދޭޝްމުޚް ބުނިގޮތުގައި ފުލުހުން މިހާރު އަންނަނީ ކުށްވެރިން ދެނެގަތުމަށް އިތުރު ސީސީޓީވީ ފުޓޭޖްތައް ބަލަމުންދެއެވެ.

ޝިލްޕާގެ މި ރެސްޓޯރަންޓަކީ މަތީ ފެންވަރުގެ ކެއުމުގެ ތަޖުރިބާ އާއި ސިޓީގެ މަންޒަރު ފެންނަ ތަނެއްގެ ގޮތުގައި މަޝްހޫރުވެފައިވާ، މުމްބާއީގެ މުއްސަނދީންގެ މެދުގައި މަގުބޫލު ތަނެކެވެ.

ޝިލްޕާ އަކީ ބޮލީވުޑްގެ ތަރިއެއްގެ އިތުރުން ވިޔަފާރިވެރިއެކެވެ. އޭނާ ފިލްމީ ދުނިޔެއަށް ތައާރަފުވީ 1993 ވަނަ އަހަރު ޝާހުރުކް ޚާން އަދި ކަޖޯލްއާއެކު "ބާޒީގަރު" އިންނެވެ. މި ފިލްމުގައި އޭނާގެ ދައުރު ވަރަށް ބޮޑަށް ފާހަގަކުރެވި، ހިންދީ ސިނަމާގައި ކާމިޔާބު މަގެއް ތަނަވަސްވެގެން ދިޔައެވެ. "ދަޅްކަން" އަދި "ޕިރް މިލެންގޭ" ފަދަ ހިޓް ފިލްމުތަކުގައި އޭނާ ވަނީ މުހިންމު ރޯލެއް އަދާކޮށްފައެވެ.

އެކްޓިންގެ އިތުރުން، އޭނާއަކީ ފާހަގަކޮށްލެވޭ ދުޅަހެޔޮ ދިރިއުޅުމުގެ އިންފްލުއެންސަރެއް، މުސައްނިފެއް އަދި ވިޔަފާރިވެރިއެކެވެ. އޭނާ ވަނީ ފިޓްނަސް، ދުޅަހެޔޮކަން އަދި ބަސްޓިއަން ރެސްޓޯރަންޓް ޗެއިންގައި އިންވެސްޓްކޮށްފައެވެ. ޝިލްޕާ އިނދެގެން އުޅެނީ ވިޔަފާރިވެރިއެއް ކަމަށްވާ ރާޖް ކުންދްރާއާ އެވެ. އެ ދެމަފިރީންގެ ދެ ދަރިން ތިބެއެވެ.