އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ވައި ނުސާފުވެ، ސަމާލުވާން އަންގައިފިއެވެ.

ނިއުދިއްލީގެ ވައި ނުސާފުވެފައިވާ އިރު، ދިއްލީގައި ވަނީ ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާއިން ކަނޑައަޅާފައިވާ ވައި ނުސާފު މިންވަރުގެ ދަރަޖަ 25 އާއި 30 ގުނަ މައްޗަށް ޖެހިފައި ކަމަށް އޮފިޝަލުން ބުނެއެވެ.

އެކްސްޕާޓުން ބުނީ ދިއްލީގެ ވައި ނުސާފުވެ އެސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ނުރައްކާވާވަރު ވެފައިވާ ކަމަށާއި ކުރިޔަށް އޮތް ދުވަސްތަކުގައި ވައި ނުސާފުވުން އިތުރަށް ގޯސްވެގެން ދާނެ ކަމަށް ބެލެވޭ ކަމަށެވެ.

އޮފިޝަލުން ބުނީ ދިއްލީގެ ވައި ނުސާފުވެފައިވަނީ އެގައުމުގައި މިދިޔަ ހަފުތާގައި ފާހަގަކޮށްފައިވާ ހިންދޫ ދީނުގެ ދިވާލީގައި ބަޑިބޭސް ބޭނުންކުރުމުގެ ސަބަބުން ބޯ ދުން ދައުރުވުމުގެ އިތުރުން ދިއްލީ އާއި އަވަށްޓެރި ސްޓޭޓްތަކުގައި ދަނޑުބިންތައް އެންދުމުގެ ސަބަބުން އަރަމުންދާ ދުންތަކުގެ ސަބަބުން ކަމަށެވެ.

ދިއްލީ ސަރުކާރުން ވަނީ ވައި ނުސާފުވުން ދަށް ކުރުމަށް އެކްޝަން ޕްލޭނެއް އެކުލަވާލައި އަމަލު ކުރަން ފަށައިފައެވެ. އެގޮތުން އެސްޓޭޓްގައި މިދުވަސްވަރު އެންދުމުގައި ބޭނުންކުރެވޭނީ ހުއްދަ ކުރާ ބާވަތްތަކުގެ ދަރު ކަމަށް ވަނީ ކަނޑައަޅައިފައެވެ.

ވައި ނުސާފުވުމުގެ ސަބަބުން ދިއްލީގެ އާންމުން ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ ގެއިން ނުނިކުތުމަށްވެސް ސަރުކާރުން ވަނީ އަންގައިފައެވެ.