އޮގަސްޓް މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު ކ. އަތޮޅު ހުވަފެންފުށި ކައިރީ އޮތް ފިނޮޅަކަށް ދަތުރުދިޔަ މ. އަސަރީހަދާން، ތަސްލީމް މުހައްމަދު، 43، ވީނުވީއެއް ނޭނގި ގެއްލުނު ހާދިސާއަކީ މިއަހަރުވެސް އެންމެ ހައިރާން ކުރުވަނިވި ގޮތަކަށް މީހަކު ގެއްލުނު ހާދިސާއެވެ. އެންމެންގެ ލޯ ކުރިމަތިން ގެއްލުނު ތަސްލީމް މިހާތަނަށް ވެސް ފެނިފައިނުވާ އިރު، މިއަދާ ހަމައަށް ވެސް މި ހާދިސާ އޮތީ "މިސްޓްރީ" އެއް ގޮތަށެވެ.

ތަސްލީމް، ހުވަފެންފުށި ކައިރީ އޮތް ފިނޮޅަކަށް ދަތުރުދިޔައީ އޭނާގެ ރައްޓެހިންނާއި އެ މީހުންގެ އާއިލާގެ ބަޔަކާ އެކުއެވެ. 25 މީހުން އެ ދަތުރުގައި ބަވެރިވި އިރު، އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދީންވެސް ހިމެނެއެވެ. އެ މީހުން ދަތުރު ގޮސްފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރު 5:00 ހާއިރެވެ.

މިދަތުރަކީ ބައިވެރިންގެ ތެރެއިން މީހެއްގެ އުފަން ދުވަސް ފާހަގަކުރުމަށާއި އެންގޭޖްމަންޓް ޕާޓީއެއް ބޭއްވުމަށް ގޮސްފައިވާ ދަތުރެކެވެ. މިދަތުރުގައި ތަސްލީމް ބައިވެރިފައިވަނީ ދަތުރު ރޭވި މީހުންގެ ޕާޓީއަށް ތައްޔާރުކުރާ ބެކްޑްރޮޕާއި ލައިޓިންގެ ކަރަންޓް މަސައްކަތް ކުރުމަށް ކަމަށް ފުލުހުން ވަނީ ތަހުގީގަށް ފަހު ހާމަކޮށްފައެވެ.

"މީގެއިތުރުން، ފަސްގަނޑަށް ތަސްލީމް ހިމެނޭ ގްރޫޕް ދަތުރު ދިޔައިރު، އިތުރު ބަޔަކު ފަސްގަނޑަށް ދަތުރު ގޮސް ތިބިކަމާއި އޮގަސްޓް 29 ވަނަ ދުވަހުގެ 00:00 އާ ހަމައަށް ތަސްލީމް ދަތުރުގެ ބައިވެރިންނާއެކު ހަރަކާތްތެރިވެފައިވާކަމުގެ މައުލޫމާތު ލިބިފައިވެއެވެ. އަދި 00:00 ގެ ފަހުން ތަސްލީމް ދަތުރު ދިޔަ މީހުން ޓެންޓް ޖަހާފައި ހުރި ސަރަހައްދުގައި ނިދާފައި އޮތް ކަމަށް މަންޒަރު ދުށް ފަރާތްތަކުންނާއި ދަތުރުގައި ނަގާފައިވާ ބައެއް ފޮޓޯތަކުން ފެނިފައިވެއެވެ. އަދި 30 ވަނަ ދުވަހުގެ ހެނދުނު ވަގުތުތަކުގައި ވެސް ތަސްލީމް ދަތުރުގެ ބައިވެރިންނާއެކު ހަރަކާތްތެރިވާ މަންޒަރު ހިމެނޭ ފޮޓޯ އާއި ވީޑިއޯ ތަހުގީގަށް ލިބިފައިވެއެވެ،" ފުލުހުން ބުނެފައިވެއެވެ.

ދަތުރު ގޮސް، އޭނާ އުޅުނީ އެންމެނާއި އެއްކޮށެވެ. ސަކަރާތާއި މަޖާ ނެގުމުގައި އުޅުމަށްފަހު ގާތްގަނޑަކަށް 9:00 ހާއިރު އޭނާ ގެންދިޔަ ދަބަހާއި ފޯނު އެތަނުން އެކެއްގެ އަތަށް ދިނުމަށް ފަހު "އެބަ އަންނަން" ކަމަށް ބުނެފައި އޭނާ ދިޔައީ އެ ފިނޮޅުގައި ދަތުރު ގޮސް އުޅުނު ސަރަހައްދާ ތަންކޮޅެއް ދުރަށެވެ. އެއީ ބޮޑު ފިނޮޅެއް ކަމުން ވަހި ހިސާބަކަށް ދިއުމުން އޭނާ އެ އެމީހުންގެ ލޯ ކުރިމަތިން ގެއްލުނެވެ.

ފޯނު ދީފައި އިޔައިރުވެސް، ތަސްލީމްގެ ފުށުން ތަފާތު އެއްވެސް ކަމެއް ފާހަގައެއް ނުވެއެވެ. ހުރީ ހަމަޖެހިލައިފައެވެ.

"އެތަނުން އެކަކު ބުނީ ތިމަންނަ އަތަށް ފޯނާއި ދަބަހާ ދީފަ ބުންޏޭ އެބަ އަންނަމޭ، ސޭންޑް ބޭންކަކީ ތަންކޮޅެއް ބޮޑު ތަނެއް، ތަންކޮޅެއް ދުރަށް ދިޔައީމަ ނުފެންނާނެ. ފާހާނާ ކުރަންވެގެން ދިޔައީ ކަމަށް ބެލެވޭ ކަމަށް އޭނާ ބުނި،" "ވަން" އަށް މައުލޫމާތު ހިއްސާކުރަމުން ތަސްލީމުގެ ދައްތަ ސާނިއާ މުހައްމަދު ބުންޏެވެ.

އޭގެ ކުރިން ތަސްލީމް މާލެ ދާން ބޭނުންވާ ކަމަށް ދަތުރު ދިޔަ މީހުން ކައިރީގައި ބުނެފައިވެއެވެ، އެހެންވެ އެ ދުވަހުގެ 10:00 އާއި 11:00 އާ ދޭތެރޭ މާލެއަށް ފުރި ލޯންޗެއްގައި ތަސްލީމް ފޮނުވާލުމަށް ދަތުރުގެ ބައިވެރިން އޭނާ ހޯދަން ފެށިއެވެ. ނަމަވެސް އޭނާ ނުފެނުނެވެ.

އެ މީހުންގެ އިތުރުން އެދުވަހު އެ ފިނޮޅަށް އިތުރު ބަޔަކު ވެސް ދަތުރު ގޮސް އުޅުނެވެ. އެ މީހުން ވެސް ތިބީ ތަސްލީމްމެންނާ ތަންކޮޅެއް ދުރުގައެވެ. އެމީހުން ސޭންޑް ބޭންކުން ނައްޓާލި ގަޑިއާއި ތަސްލީމް އެންމެ ފަހުން ފެނުނު ގަޑިއާ ވަރަށް ގާތެވެ. އެގޮތުން އެމީހުން އެތަނުން ނައްޓާލީ 10:30 ހާއިރެވެ. އެހެންވެ އެ މީހުންނާ އެކު ތަސްލީމް އެނބުރި އައީ ކަމަށްވެސް ބެލެވިފައި އޮތެވެ.

އެހެންވެ އެމީހުން ނިންމީ އޭނާ އެ ލޯންޗުގައި މާލެ ދިޔަ ކަމަށެވެ. އަދި އެކަން ޔަގީން ކުރަން ތަސްލީމްގެ އާއިލާއަށް ގުޅައި މައުލޫމާތު ސާފުކޮށްފައިވެއެވެ. ނަމަވެސް ތަސްލީމް މާލެ ނުދާ ކަމަށް އާއިލާއިން މައުލޫމާތު ދިނުމުން އޭނާ ހޯދުމުގެ މަސައްކަތް ދަތުރުގެ ބައިވެރިން ފެށިއެވެ.

ދަތުރު ދިޔަ، ތަސްލީމް ބައެއް ރައްޓެހިން ބުނިގޮތުގައި އޭގެ ފަހުން އޭނާ ފެނިފައެއް ނުވެއެވެ. އެއްގަމުން ވެސް އަދި މޫދަށް އެރި އުޅެނިކޮށްވެސް ފެނިފައެއް ނުވެއެވެ. އޭނާގެ ހުރިހާ އެއްޗިއްސެއް ހަވާލު ކުރުމަށްފަހު ދިޔަ ފަހުން ހަބަރެއް ނުވެ ގިނައިރު ވެގެން، ދަތުރުދިޔަ އެންމެން އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ފެށިއެވެ. މުޅި ފިނޮޅު ހޯދައި ބެލި އިރުވެސް އޭނާ ނުފެނުމުން ފުލުހުންނަށް ގުޅައި ވަގުތުން މައުލޫމާތު ހިއްސާ ކުރިއެވެ.

ތަސްލީމް ހޯދަން ފެށުމާއި އޭނާ އެ ދިޔަ ތަނަކަށް ދިއުމާ ދެމެދު ބައިގަޑިއިރާއި އެއްގަޑިއިރާ ދެމެދުގެ ވަގުތެއް ހޭދަވެފައިވެއެވެ.

"އޭނާ ދިޔައީ ދަތުރު ދިޔަ މީހުން ތިބި ސަރަހައްދު ނޫން ދުރު ސަރަހައްދަކަށް ކަމަށް. ގޮސް ދެން ނެތްކަން ނުވަތަ އޭނާ އަނބުރާ ނާންނަކަން ރިއަލައިޒް ވެގެން ވަގުތުން އެމީހުން އޭނާ ހޯދަން ފެށި. މުޅި ސަރަހައްދު ބެލި، ބަލާފަ ނުފެނުމުން ވަގުތުން ޕޮލިހަށް ގުޅި، އެންމެ ކައިރިން ހިންމަފުށި ފުލުހުންވެސް ވަގުތުން އެޓެންޑްވި،" ސާނިއާ ބުންޏެވެ.

ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ވަގުތުން އޭނާ ހޯދުމުގެ މަސައްކަތް ފެށިއެވެ. އެގޮތުން މޫދާއި އެއްގަމު ވެސް ބަލަމުން ގެންދިޔައެވެ. ދަތުރު ދިޔަ މީހުންވެސް އެކަމުގައި ބައިވެރިވިއެވެ. ތަސްލީމް ހޯދުމުގައި މުޅި ދުވަސް ހޭދަ ކުރުމަށްފަހު ދަތުރު ދިޔަ މީހުން އެނބުރި އައީ އެ ރޭގެ ވަގުތެއްގައެވެ. އެއިރުވެސް ފުލުހުންނާއި އެމްއެންޑީއެފުން ދިޔައީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ތަސްލީމް ގެއްލުނު ގޮތް ވަނީ ސުވާލެއްގެ ތެރޭގައެވެ. އޭނާ މޫދަށް ގެއްލުނީ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ސާފެއް ނޫނެވެ. އެކަން އޮތީ ބޮޑު ސުވާލެއްގެ ތެރޭގައެވެ.

ތަސްލީމް ގެއްލުނު ހާދިސާއަކީ ހަމައެކަނި މިސިން ޕާސަން އެއްގެ ގޮތަށް ގެއްލުނު މައްސަލައެއް ނޫނެވެ. މި މައްސަލައިގައި ޝައްކު ކުރެވޭ ގިނަ ކަންކަން ހުރުމުން ފުލުހުން ވަނީ ޖިނާއީ ތަހުގީގެއް ވެސް ހިންގައިފައެވެ. މި މައްސަލައިގެ ފުޅާ ތަހުގީގެއް ހިންގާފައިވާ އިރު، ފުލުހުން ވަނީ ހުރިހާ ދިމާއަކަށް ތަހުގީގު ފުޅާވެސް ކޮށްފައެވެ.

އެގޮތުން ތަސްލީމް ދަތުރުގޮސް އުޅުނު ފަސްގަނޑު ބަލައިފާސްކޮށް ފުލުހުންގެ ޑައިވިން ޓީމް ވަނީ ފަސްގަނޑު ހިމެނޭ މޫދު ސަރަހައްދު ޑައިވްކޮށްގެން ބަލައިފައިވެއެވެ. އަދި އެމްއެންޑީއެފްގެ ޑައިވިން ޓީމުން ވަނީ 943،998 އަކަ މީޓަރުގެ ސަރަހައްދެއް ޑައިވްކޮށްގެން ބަލައިފައެވެ.

މީގެ އިތުރުން ފުލުހުން ވަނީ ތަސްލީމް މާލޭގައި އާންމުކޮށް ގޮސްއުޅޭ ސަރަހައްދުތައް ވެސް ބަލައި ފާސްކޮށްފައެވެ. ނަމަވެސް އެކަމުން ވެސް އެއްވެސް ކުރިއެރުމެއް ލިބޭ ގޮތް ނުވިއެވެ،

އެހެންވެ، އެންމެ ފަހުން ފުލުހުން ނިންމީ އިންޓަޕޯލްގެ އެހީއަށް އެދުމަށެވެ. އެގޮތުން ތަސްލީމް ހޯދުމަށްޓަކައި އިންޓަޕޯލްގެ ޔެލޯ ނޯޓިސްއަށް އެދިގެން ނޯޓިސް ވެސް ވަނީ ނެރެފައެވެ. -އިންޓަޕޯލްގެ ޔެލޯ ނޯޓިސްއަކީ ގެއްލިފައިވާ މީހުން ހޯދުމަށް ނެރޭ ނޯޓިސްއެކެވެ.-

ފުލުހުންގެ ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް، ހަސަން ޝިފާއު ވިދާޅުވި ގޮތުގައި ޔެލޯ ނޯޓިސްއަށް އެދިފައިވަނީ އޭނާ ރާއްޖެއިން ބޭރަށް ދިޔަ ކަމަށް ބެލެވިގެން ނޫން ކަމަށެވެ.

"ނަމަވެސް އަޅުގަނޑުމެންނަށް އެންމެ ފަހުން މައުލޫމާތު ލިބިފައި ނުވަތަ ތަހުގީގަށް ވެސް މިހާތަނަށް ފާހަގަކުރެވެނީ އެންމެފަހުން އެ ފަސްގަނޑުގަ ތަސްލީމް ހުރި ކަމަށް. ދެން އެހެން ނަމަވެސް އެއްވެސް ޕޮޒިބިލިޓީއެއް އޮތިއްޔާމުން އެކަންތައްތަކަށް ބާރު ދިނުމަށްޓަކައި އަޅުގަނޑުމެންނަށް ނޭނގޭ މައުލޫމާތުތަކެއް ހުރީމަ މި ވަގުތުން ވަގުތަށް ވެސް މިސިން ޕާސަންއެއްގެ ގޮތަށް ޔެލޯ އެލާޓް ނެރަފަ އިނީ. އަޅުގަނޑުމެންނަށް މިހާތަނަށް ބެލިބެލުމުން ރާއްޖެއިން ބޭރަށް ގޮސްފައިވާ ކަމަކަށް ނެތް އަޅުގަނޑުމެންނަށް. އެކަން ބެލިން. އެހެންނަމަވެސް ޔެލޯ ނޯޓިސް ނެރުނީ މި ބުނި ސަބަބަށް އެކަން ފުރިހަމަ ކުރުމަށްޓަކައި" ޝިފާއު ވިދާޅުވިއެވެ.

ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ފެށި މި މައްސަލައިގައި ފުލުހުން ވަނީ ތަސްލީމާ އެކު ދަތުރު ދިޔަ މީހުންނާ ސުވާލުކޮށްފައެވެ. އަދި އެ ފަސްގަނޑަށް ދަތުރުދިޔަ އަނެއް ގްރޫޕްގެ 12 މީހަކާ ވެސް ސުވާލުކޮށްފައިވެއެވެ. އޭގެ އިތުރުން ތަސްލީމްގެ ފޯނާއި ލެޕްޓޮޕް ތަހުލީލު ކޮށްފައިވާ އިރު، ދަތުރުދިޔަ ދެ ލޯންޗް ވެސް ބަލައި ފާސްކޮށްފައިވެއެވެ. ނަމަވެސް މިހާތަނަށް ވެސް އޭނާގެ ހަބަރެއް ނެތެވެ. ތަސްލީމަށް ވީގޮތް އަދިވެސް އޮތީ ސުވާލެއްގެ ތެރޭގައެވެ. އޭނާ މޫދަށް ގެއްލުނީ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ސާފެއް ނޫނެވެ.

މި ފިނޮޅޮ އޮންނަ ގޮތަށް ބަލާއިރު، ވަށައިގެން އޮތީ ހުދުފަޅު ހިމެނޭ ތިލަ ސަރަހައްދެކެވެ. އެއް ފަރާތުން ފަތާފައި ދެވޭ ހިސާބުގައި ބޮޑު ވިލެއް އެބަ އޮތެވެ. ތަސްލީމް އެ ދިޔަ ތަނަކަށް ގޮސް، ހުއްޓާ މޫދަށް ވެއްޓުނަސް ވެއްޓޭނީ އިސްކޮޅު ޖެހޭ ހިސާބަށެވެ. އެއީ ވަރަށް ތިލަ އުނަގަނޑުފެން ނުވަތަ އެއަށްވުރެވެސް ތިލަ ހިސާބެކެވެ. ފިނޮޅުގައި ހުރެގެން ފާހާނާ ކުރާ މީހަކު ނަމަ، އެ މީހަކު ހުންނާނީވެސް ވެލިގަނޑު މަތީގައި ކަމުން، އޭނާ ގެއްލުނު ގޮތަކީ ސުވާލު އުފެދޭ ކަމެކެވެ. ވެލިގަނޑު މަތީގައި ހުއްޓާ އަނބުރައިގަތުން ފަދަ ކަމެއް ވެގެން ވެއްޓުނު ނަމަވެސް، އޮންނާން ޖެހޭނީ ވެލިގަނޑު މަތީގައެވެ. ތާހިރުވާން އުޅުނު ގަޑީ ގޮތެއް ވެގެން ވެއްޓުނީ ނަމަވެސް، ތަސްލީމްގެ ހެޔަށް ގޮތެއް ނުވާ ނަމަ، އޭނާ އަމިއްލައަށް ސަލާމަތްވާނެއެވެ.

ދެން އޮތް ސުވާލަކީ ތަސްލީމް ފޯނު ދީފައި އެދިޔައީ ކީއްވެ ހެއްޔެވެ؟ މޫދަށް އެރުން ފިޔަވައި އެހެން ތަނަކަށް ދާ ނަމަ ފޯނު ދީފައި ދިއުމުގެ ބޭނުމެއް އޮންނާނެހެއްޔެވެ؟ 

މޫދަށް އެރުނަސް، ވަށައިގެން އޮތީ ކުޑަކުދީންވެސް އިސްކޮޅު ޖެހޭވަރުގެ ތިލަ ސަރަހައްދެއް ކަމުން، ތަސްލީމަށް ގޮތެއް ވުމުގެ ފުރުސަތު ވަރަށް ކުޑައެވެ. ހޭނެތިގެން ވެއްޓުން ފިޔަވައި އެހެން ސަބަބަކާ ހެދި ލޮނު ބޮވުމުގެ ފުރުސަތެއްވެސް ނެތެވެ. އެ ގޮތަށް ވެއްޓުނު ނަމަވެސް، އޭނާ އޮންނަން ވާނީ ރާޅު ބީއްސާ ހިސާބު ކައިރީގައި ކަމަށް ބެލެވެއެވެ. އެހާ ކައިރިއަށް ވެއްޓިއްޖެ ނަމަ، އެ ތަނުގައި ގިނަ ފަހަރަށް ހުންނާނީ، ފިނޮޅާ ގާތަށް ދަމާ އޮއިވަރު، ނުވަތަ ފިނޮޅަށް ޖަހާ ރާޅުކަމުން، އޭނާގެ ހަށިގަނޑުވެސް ފިނޮޅާ ދުރަށް ގެންދިއުމަށްވުރެ، ގާތަށް އައުމުގެ ފުރުސަތު ބޮޑެވެ. އެއް ފަހަރު ފިނޮޅާ ގާތަށް އަނެއް ފަހަރު ފިނޮޅާ ދުރަށް ގެންދަމުންގޮސް، އޮޔާ ބޭރުކުރި ނަމަވެސް، އެހާ ކުޑަ ވަގުތެއްކޮޅެއްގެ ތެރޭގައި ކަނޑާއި ހަމައަށް ހަށިގަނޑު ގެންދާ ވަރަށްވުރެ ފިނޮޅާއި ކަނޑާ ދެމެދުގެ ދުރުމިން ބޮޑުކަމަށް ބެލެވެއެވެ. އެ ފަރާތުން ވަރަށް ބޮޑު ވިލެއް އޮތް އިރު، އެ ވިލާވީ ފަރާތަށް އެރި އުޅެނިކޮށް ކަމެއް ވީ ނަމަވެސް، ވިލުތެރޭގައި އޭނާގެ ހަށިގަނޑު އެތައް އިރެއް ވާންދެން އޮންނަހާ އެ ވިލުވެސް ބޮޑެވެ.

ދެން އޮތީ، އަމިއްލައަށް ތަސްލީމް ސީދާ ކަނޑަށް ފޭބުމެވެ. ފަތާލަން، ނޫނީ ސްނޯކެލް ކޮށްލުން، ނޫނީ އެނޫންވެސް ސަބަބަކާ ހެދި އޭނާ ކަނޑަށް އެރި އުޅެނިކޮށް ދިމާވި ހާދިސާއެއްގެ ސަބަބުން ގޮތެއް ވުމެވެ. 

އެހެން ނަމަވެސް އޭނާއަކީ ރަނގަޅަށް ފަތަންވެސް އެނގޭ މީހެކެވެ. އެހެންވީ އިރު، އޭނާއަށް އަސްލު ވީ ކިހިނެއް ހެއްޔެވެ. އެންމެންގެ ލޯ ކުރިމަތިން ގެއްލިގެން ދިޔައީ ކޮންތާކަށް ހެއްޔެވެ؟ ވީ ކިހިނެއް ހެއްޔެވެ؟ މި ހުރިހާ ސުވާލަކަށް ވެސް ލިބިފައިނުވަނީ ޖަވާބެވެ. ވީނުވީ އެއް ނޭންގި ތަސްލީމް ގެއްލުނުތާ ތިން މަސް ވެފައިވާ އިރު، އޭނާ ގެއްލުނު ގޮތަކީ އަދިވެސް ހައިރާން ކުރުވަނިވި ކަމެކެވެ. ފެންނާނެ ކަމުގެ އުންމީދު ނެތް ނަމަވެސް ތަސްލީމް ފެނުމުގެ އުންމީދުގައި އޭނާގެ އާއިލާ އަދިވެސް ތިބީ އިންތިޒާރުގައެވެ.