އިންޑިއާގެ ފާމަސޫޓިކަލް ކުންފުންޏެއް ކަމަށްވާ އައިކޯ ބަޔޮލޮޖިކްސްއިން އުފައްދައިފައިވާ އިމިއުނޯގްލޮބިއުލިން އައިވީ ބެޗެއްގައި ކޮލިޓީ މައްސަލަތަކެއް ހުރުމުން ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެމްއެފްޑީއޭ އިން މިއަދު ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނީ އިމިއުނޯގްލޮބިއުލިން އައިވީ ބެޗެއްގައި ކޮލިޓީ މައްސަލަތަކެއް ފެނިފައިވާ ކަމަށް ސްރީ ލަންކާގެ ބޭސް ރެގިއުލޭޓް ކުރާ އިދާރާ، ނޭޝަނަލް މެޑިސިން ރެގިއުލޭޓަރީ އޮތޯރިޓީންނާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ބެލިބެލުމުން އައިކޯ ބަޔޮލޮޖިކްސްއަކީ ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ލިސްޓް (އެޕްރޫވްޑް ޑްރަގް ލިސްޓް) ގައި ހިމެނޭ ކުންފުންޏެއް ނޫންކަން އެނގިފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ. އަދި ރާއްޖެއަށް ބޭސް އިމްޕޯޓްކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން އެ ބޭހުގެ އެއްވެސް ބެޗެއް، ރާއްޖެ އިމްޕޯޓް ކޮށްފައިނުވާކަން ޔަގީން ކުރެވިފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.

ނަމަވެސް، އިންޑިއާއާއި ސްރީލަންކާ އަކީ، ގިނަ އަދަދެއްގެ ދިވެހިން ބޭސް ފަރުވާއަށް ގޮސް އުޅޭ ގައުމުކަށްވެފައި އަދި ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް އެ ދެގައުމުން ބޭސް އިމްޕޯޓްކުރާތީ، އެކަމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.

އެމްއެފްޑީއޭ އިން ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ބޭސް ސިޓީއަށް ބޭސް އެތެރެ ކުރާ އިރު، ހާއްސަ ސަމާލުކަމެއްދީގެން ޕޯޓްތަކުގައި ބަލައިފާސްކުރަމުން ގެންދާނެ ކަމަށެވެ.

އެކަމާ ގުޅޭ އިތުރު މައުލޫމާތު 7200321 އަށް ގުޅައިގެން ހޯދެން ހުންނާނެ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.