އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސާއި ނާއިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ގާނޫނަށް އިސްލާހު ހުށަހެޅުމުން ދަ ޑިމޮކްރެޓްސް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އޭސީސީ އާއި އީސީގެ ގާނޫނަށް އެ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ބިލުތައް ހުށަހަޅައިފައެވެ. ސަރުކާރުގެ ފަރާތުން އޭސީސީގެ ގާނޫނަށް އިސްލާހު ގެނައުމަށް ބިލު ހުށަހަޅުއްވާފައިވަނީ ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރެވެ. އަދި އީސީގެ ގާނޫނަށް އިސްލާހު ހުށަހެޅުމަށް ބިލު ހުށަހަޅުއްވާފައިވަނީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ.
އެ ބިލުތަކާ ގުޅޭގޮތުން ދަ ޑިމޮކްރެޓްސް އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެއިރެއްގައި އޮންނަ ސަރުކާރަށް ނިސްބަތްވާ ފަރާތްތައް ވެސް ބައިވެރިވާ އާންމު އިންތިހާބުތައް ބާއްވާ ކޮމިޝަނާއި، ސަރުކާރަށް ވެސް އަމާޒުވާ ކޮރަޕްޝަނާއި ފަސާދައިގެ މައްސަލަތައް ބެލުމަށް އޮންނަ ކޮމިޝަންގެ މިނިވަންކަމާއި މުސްތަގިއްލުކަން މުހިންމުވެފައި ލާޒިމު ވަނީ ސަރުކާރުގެ ނުފޫޒެއްގައި ނުޖެހި އެއް މަސްއޫލިއްޔަތުތަކާއި ޒިންމާތައް އެ ކޮމިޝަންތަކުން އަދާކުރަން ޖެހޭތީ ކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ.
"ނަމަވެސް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލުތަކުން ރައީސުލްޖުމްހޫރިއްޔާ، އެ ދެ ކޮމިޝަނުގެ ރައީސުންނާއި ނައިބު ރައީސުން ކަނޑައަޅައި އައްޔަންކުރާގޮތަށް ބަދަލުކުރުމަކީ އެ ކޮމިޝަންތަކުގެ މުސްތަގިއްލު ކަމަށް ލޮޅުން އަރުވާލާ ކަމެކެވެ..،" ޑިމޮކްރެޓްސްގެ ބަޔާނުގައި ބުންޏެވެ.
ޑިމޮކްރެޓްސް އިން ބުނީ އެއީ ދިވެހި ރައްޔިތުންގެ އިންތިހާބީ އެންމެހާ ހައްގުތަކުގެ އިންސާފުވެރިކަމާއި މިނިވަންކަން ކަށަވަރުކުރުމުގެ ޒިންމާ އަދާކުރަންޖެހޭ އީސީ އާއި، ރައްޔިތުންގެ މާލިއްޔަތާއި ދައުލަތް ހިންގުމުގެ ތެރޭގައި ހިނގާ ކޮރަޕްޝަނާއި ފަސާދަ މިނިވަންކަމާއެކު ބަލައި ފިޔަވަޅު އެޅުމުގެ ޒިންމާ އަދާކުރަން ޖެހޭ އޭސީސީގެ މަސައްކަތުގެ ތެރެއަށް ރައީސުލްޖުމްހޫރިއްޔާ ވަދެވަޑައިގަތުމުގެ އަމަލެއް ކަމަށެވެ.
އެހެންކަމުން އެކަމަކީ ޑިމޮކްރެޓިކް އަސާސްތައް ވެސް އަދި ގާނޫނުއަސާސީގެ ރޫހަށް ބަލާއިރުވެސް ތަންދޭ ކަމެއް ނޫން ކަމަށާއި އެ ދެ ކޮމިޝަނުގެ މުސްތަގިއްލުކަން ނަގާލުމުގެ އަމަލެއް ނުހިންގުމަށް ސަރުކާރަށް ގޮވާލާ ކަމަށް ޑިމޮކްރެޓްސް އިން ބުންޏެވެ.
އޭސީސީ އާއި އީސީގެ ގާނޫނަށް ހުށަހަޅަން ހަމަޖެހިފައިވާ އިސްލާުހު ހުށަހަޅާ ބޭނުމެއްގެ ގޮތުގައި އެ ދެ ބިލުގައި ބަޔާންކޮށްފައިވަނީ، މުސްތަގިއްލު ކޮމިޝަންތަކުގެ ހިންގުުން ހަރުދަނާކޮށް، ކޮމިޝަންތަކަށް އައްޔަންކުރާ މެންބަރުންގެ ތެރެއިން އެ ކޮމިޝަންތަކުގެ ރައީސާއި ނާއިބު ރައީސްގެ މަގާމަށް މެންބަރުން އައްޔަންކުރުުމުގައި، އަމަލުކުރަމުން އަންނަ އުސޫލު އެއްހަމަކުރުން ކަމަށެވެ.
ގާނޫނުުގެ ހަތްވަނަ މާއްދާގައި މިހާރު އޮންނަނީ، އެ ދެ ކޮމިޝަނަށްވެސް ރައީސަކާއި ނާއިބު ރައީސަކު އައްޔަންކުރާނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން، އެ ކޮމިޝަންގެ މެންބަރުން ކަމަށެވެ. އަދި އެ މަގާމަށް އައްޔަންކުރާތާ 48 ގަޑިއިރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށާއި މަޖިލީހަށް، އެކަން ކޮމިޝަނުން އަންގަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ގާނޫނުގެ 15 ވަނަ މާއްދާގެ (ށ)ގައި ބުނަނީ ކޮމިޝަންގެ ރައީސް، މަގާމުން އިސްތިއުފާދިނުމަށްޓަކައި އެކަން ބަޔާންކޮށް ސިޓީއަކުން ކޮމިޝަނަށް ހުށަހެޅުމުން އެމީހަކު މަގާމުން ވަކިވީ ކަމަށެވެ. ނަމަވެސް ނާއިބު ރައީސްކަމުން އިސްތިއުފާދޭން ހުށަހަޅަންޖެހޭނީ ކޮމިޝަންގެ ރައީސަށް ކަމަށްވެސް ބުނެފައިވެއެވެ.
ގާނޫނުގެ ހަތްވަނަ މާއްދާއަށް މި ބިލުން ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ، ކޮމިޝަންގެ މެންބަރުންގެ ތެރެއިން ކޮމިޝަންގެ ރައީސާއި ނާއިބުރައީސެއް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވަންވާނެ ކަމަށެވެ.
ކޮމިޝަންގެ ރައީސް ނުވަތަ ނާއިބުރައީސަކު އައްޔަން ކުރުމަށް ބޭނުންވާ ކޮންމެ ފަހަރަކު، ކޮމިޝަނަށް މެންބަރުންގެ ތެރެއިން މީހެއް، ނުވަތަ މީހުންގެ ނަން، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެ ނަންތަކުގެ ތެރެއިން މަޖިލީހުން ފާސްކުރާ މީހަކު، ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް ނުވަތަ، ނާއިބުރައީސް ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ގާނޫނުގެ 15 ވަނަ މާއްދާގެ (ށ) އަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ، ކޮމިޝަންގެ ރައީސް ނުވަތަ ނާއިބުރައީސް އެ މަގާމުން އިސްތިއުފާ ދޭން ބޭނުންވެއްޖެނަމަ ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން ކޮމިޝަންގެ ރައީސްކަމުގެ މަގާމުން، ނުވަތަ ނާއިބު ރައީސްކަމުގެ މަގާމުން އެމީހަކު ވަކިވީ ކަމަށެވެ.
އޭސީސީގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ނ)ގައި ބުނަނީ ކޮމިޝަންގެ ރައީސާއި ނާއިބު ރައީސް މަސްއޫލިއްޔަތު އަދާކުރަމުން ނުދާކަމަށް ކޮމިޝަންގެ އަގުލަބިއްޔަތުން ފާސްކޮށްފިނަމަ އެބޭފުޅުން މަގާމުން އިސްތިއުފާދޭންވާނެ ކަމަށެވެ. އަދި (ރ)ގައި ބުނަނީ އެގޮތަށް އިސްތިއުފާދިން ނަމަވެސް ކޮމިޝަންގެ މެންބަރުކަމުން ވަކިނުވާނެ ކަމަށެވެ.
ގާނޫނުގެ 11 ވަނަ މާއްދާގެ (ރ) ގައި ބުނަނީ ކޮމިޝަންގެ ރައީސްކަމުގެ މަގާމު ނުވަތަ ނާއިބު ރައީސްގެ މަގާމު ހުސްވެއްޖެނަމަ ގިނަވެގެން 72 ގަޑިއިރުގެ ތެރޭގައި ގާނޫނުގައި ބަޔާންކޮށްފައިވާގޮތުގެ މަތިން ހުސްވި މަގާމަށް މީހަކު ކޮމިޝަނުން އައްޔަންކުރަންވާނެ ކަަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް 10 ވަނަ މާއްދާގެ (ނ) (ރ) އާއި 11 ވަނަ މާއްދާގެ (ރ) އުނިކުރަން ބިލުގައި ވަނީ ހިމަނައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު