އަންނަ 2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު އަންނަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައިފިއެވެ.

ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ޓެކްސް ބިލްތައް ދިރާސާ ކުރުމަށް އެކުލަވައިލި މާލިއްޔަތު ކޮމެޓީ އާއި އިގުތިސޯދީ ކޮމެޓީ ހިމެނޭ ސަބްކޮމެޓީގެ ބައްދަލުވުމުގައި މިއަދު ވާހަކަ ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވީ ބަޖެޓު ހުށަހަޅާ ޖަލްސާ އަންނަ ބުރާސްފަތި ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ ބުރާސްފަތި ދުވަހު މަޖިލީހަށް ބަޖެޓް ހުށަހެޅުމުގެ ކުރިން ޓެކްސް ބޮޑުކޮށްގެން އާމްދަނީ ލިބޭ މިންވަރު ކަނޑައަޅަންޖެހޭ ކަމަށެވެ. އެ މިންވަރު ބަޖެޓްގައި ހިމަނަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މަޖިލީހަށް ބަޖެޓް ހުށަހެޅުމުގެ ކުރިން ޓެކްސް ބިލްތައް ނިންމަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"2025 ވަނަ އަހަރުގެ ގައުމީ ބަޖެޓު ލިބޭނެ ކަމަށް މި ބަލަނީ ކުރިއަށް މި އޮތް ދެ ދުވަހެއްގެ ތެރޭ، ބަޖެޓު ހުށަހަޅާ ޖަލްސާ އަންނަ ބުރާސްފަތި ދުވަހު ބާއްވާ ގޮތަށް ނިންމާފައިވަނީ މަޖިލީހުގެ ރައީސް، އެގޮތަށް އަމީންއާންމު އަޅުގަނޑަށް މައުލޫމާތު ދީފައި ވަނީ ރޭގައި،" ނާޒިމް ވިދާޅުވިއެވެ.

މި ބުރާސްފަތި ދުވަހު ބަޖެޓު ހުށަހެޅުން ތައްޔާރުވަމުން އަންނަ އިރު، ޓެކްސާއާ ގުޅުންހުރި ހަތަރު ބިލެއް ކޮމެޓީ މަރުހަލާގައި ދަނީ ދިރާސާ ކުރަން ފަށައިފައެވެ.