އިޒްރޭލުން ދިން ހަމަލާއެއްގައި ލުބުނާނުގެ ތިން ނޫސްވެރިން ޝަހީދުވެއްޖެއެވެ.

ދެކުނު ލުބުނާނުގެ ހަސްބަޔާގައި ރިޕޯޓަރުން ތިބޭ އިމާރާތަކަށް އިޒްރޭލުން ވައިގެ ހަމަލާ ދީފައިވާ އިރު، އެހަމަލާ ދިން އިމާރާތުގައި ހަތް މީޑިއާއެއް ސްޓޭޝަން ވެގެން ތިބޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެ އިމާރާތް ހިމެނޭ ސަރަހައްދުގެ އިތުރުން އެތަނުގައި ޕާކުކޮށްފައިވާ ވެހިކަލްތަކުންވެސް އެއީ ނޫސްވެރިން ހަރަކާތްތެރިވާ ތަނެއް ކަމަށް ސާފުވާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ހަމަލާގައި ޝަހީދުވެފައިވަނީ އަލް މަނާރް ޓީވީ އަދި އަލް މަޔާދީން ޓީވީގައި މަސައްކަަތް ކުރާ ތިން މީހުން ކަމަށް އޮފިޝަލުން ބުނެއެވެ.

ނޫސްވެރިންނަށް ހަމަލާ ދިނުމުން ލުބުނާނުގެ އިންފޮމޭޝަން މިނިސްޓަރު ވަނީ އެ އަމަލަކީ ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށް ވިދާޅުވެފައެވެ.

އިޒްރޭލުން އެހަމަލާއާ ބެހޭގޮތުން އަދި އެއްވެސް އެއްޗެއް ބުނެފައި ނުވާއިރު މީގެ ކުރިން ހިނގި އެފަދަ ހާދިސާއާ ގުޅިގެން އިސްރާއީލުން ވަނީ ނޫސްވެރިންނަށް ހަމަލާ ނުދޭނެ ކަމަށް ބުނެފައެވެ.